އެޕޯލޯ ކްރިސްޓަލް ރެސިޑެންސްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ރެސިޑެންސްގެ އެޕާޓްމަންޓެއްގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 13:57 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ އިމާރާތުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަން ވަނީ ކަށަވަރުވެފައެވެ. އަލިފާން ނިއްވާލުމަށްޓަކައި އާންމުންގެ އެހީތެރިކަމާއެކު އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގި ވަގުތު އެ އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަލިފާން ރޯވެފައި ހުރީ އެޕާޓްމަންޓުގެ ބެލްކަނީގައި ހުރި ލަކުޑި ތަކެއްގައި ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް