މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ ހަވާ އަރުވަނީ
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 23:00 ހާއިރު މާލޭ އެއްނަމްބަރު ފާލަމާދިމާ ބޭރުންނެވެ. މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓެއްހާއިރުވަންދެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މިނިވަންދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރުވެސް ކުލަގަދަ ގޮތެއްގައި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު މި ހަރަކާތް ބާއްވާފައިވަނީ ވެލާނާ އިންޓަރނޭޝަން އެއާޕޯޓްގެ އާ ޓާމިނަލްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިދިޔަ އަހަރު ބޭއްވި ހަވާއެރުވުމުގެ ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. އެ ފަހަރު މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އެރުވުން ކުރިއަށްގެންދިޔައިރު، އެ ހަރަކާތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.






ރިއެކްޓް