ޚަބަރު

މައުލޫމާތު ހާމަކުރުމާއި ނޫސްވެރިންނާ ގާތުން މަސައްކަތްކުރުމުގައި މި ސަރުކާރަކީ މިސާލެއް: ރައީސް

26 ޖުލައި 2026 - 16:03
މައުލޫމާތު ހާމަކުރުމާއި ނޫސްވެރިންނާ ގާތުން މަސައްކަތްކުރުމުގައި މި ސަރުކާރަކީ މިސާލެއް: ރައީސް

މީޑިއާތަކާ ރައްޓެހިކަން ބޭއްވުމުގައި މިސާލު ދައްކަމުންދާ ކަމަށާއި، މި ސަރުކާރަކީ މައުލޫމާތު ހާމަކުރުމުގައި ނަމޫނާ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މީޑިއާތަކަށް މައުލޫމާތުތައް ހިއްސާކޮށް ގާތް ގުޅުމެއް ބޭއްވުމުގެ މިސާލު ދައްކައި، ޖަވާބުދާރީވަނިވި ސަރުކާރެއް އަމަލީ ގޮތުން ތަންފީޒުކުރަމުންދާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، "އާރްޓީއައިތަކަށް ޖަވާބު ދިނުމާއި، ނޫސް ކޮންފަރެންސްތައް ބޭއްވުމާއި، އިންޓަވިއުތައް ދިނުމާއި، މިހެންގޮސް މައުލޫމާތުތައް ހިއްސާކުރުމާއި، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރުމާއި، މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި އަޅުގަނޑުމެން މިދަނީ މިސާލު ދައްކަމުން. ޖަވާބުދާރީވެދިނިވި ސަރުކާރެއް އަމަލީ ގޮތުން މިދަނީ ތަންފީޒުކުރަމުން" ކަމަށެވެ. މީގެއިތުރުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ އިސްލާމްދީނުގެ މިންތަކާއި ގާނޫނުއަސާސީގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށްޓަކައި ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އުފައްދާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަދި 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާއި ގުޅިގެން އެ ނޫހުގެ އޮފީސް ފުލުހުން ރެއިޑުކޮށް، އިކިއުޕްމަންޓްތައް ގެންގޮސް، ނޫހުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، މިދިޔަ މެއި މަހު އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށްލާފައިވެއެވެ. މި ކަންކަމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުމަށް ގޮވާލާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފެށުމުން ސްޕޮންސާތަކަށް ބަރޯސާވުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި 'މީޑިއާ ވިލެޖު'ގެ މަސައްކަތް ނިމުމުން، އެތަނުން ވަރަށް ކުޑަ އަގެއްގައި މީޑިއާތަކަށް މަސައްކަތް ކުރާނެ ޖާގަ ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0