ޚަބަރު

ނުއަގުގައި މަސް ކިރަން ޖެހޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި

27 ޖުލައި 2026 - 15:53
ނުއަގުގައި މަސް ކިރަން ޖެހޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި

މިހާރު ކަންނެލި ގަންނަމުންދަނީ ނުއަގުގައި ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދި ކަންނެލި މަސްވެރިން ބާނާ މަސް ކިރުވުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ފަޅުގައި މަޑުކުރަން ޖެހޭތީވެސް އެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ބީކޭއެމްޔޫއިން ހާމަކުރި ގޮތުގައި މިހާރު ކަންނެލި ކިލޯއެއްގެ އަގު އެވްރެޖުކޮށް އުޅެނީ 35 ރުފިޔާގައެވެ. މިއީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އެ ޔޫނިއަނުން ސިފަކުރެއެވެ. މީގެ ކުރިން ވެސް މިފްކޯއަށް ބޮޑު ކަންނެލި ނުގަންނާތީ އާއި މަހުގެ އަގު ދަށްވުމާ ގުޅިގެން ބީކޭއެމްޔޫއިން ވަނީ މުޒާހަރާކޮށްފައެވެ.

މަސްވެރިންގެ ހާލަތާ ގުޅޭގޮތުން ޔޫނިއަނުން ބުނެފައިވަނީ، "ކިޔުގައި ގިނަ ދުވަސް ވުމުގެ ސަބަބުން ކަންނެލި ރިޖެކްޓްވާ މިންވަރު އިތުރުވެ، އަދި ކަންނެލީގެ އަގަށް ބަދަލު ގެނެސް ނުއަގުގައި ކަންނެލިކޮޅު ކިރާލަން ޖެހުމަކީ މިއަދުގެ ހާލަތު" ކަމަށެވެ. މަސްވެރިން ބުނާ ގޮތުގައި ކަނޑުމަތީގައި މަސްވެރިކަން ކުރުމަށް ހޭދަކުރާ ވަގުތަށްވުރެ، މަސް ކިރުވުމަށާއި އައިސް ހޯދުމަށް ކިޔުގައި ތިބެންޖެހޭ ވަގުތު މިހާރު ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިފްކޯއިން ވަނީ ކަންނެލި ގަންނަން ފަށާފައެވެ. އެގޮތުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއަށްވުރެ ބޮޑު ކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.

ކަންނެލީގެ އަގު މިހާ ދަށްކޮށް އުޅޭއިރު، ސަރުކާރުގެ ރިޔާސީ ވައުދަކީ ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގަކަށް ހިފެހެއްޓުމެވެ. ނަމަވެސް މިހާރު މަސްވެރިންނަށް ލިބެމުންދާ އަގަކީ ވައުދުވި އަގަށްވުރެ މާ ދަށް އަގަކަށް ވުމުން މަސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0