މާފުށީގައި ވައިކުޑައެއް ފަޅައިގެން ގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފި
މި ހާދިސާ ހިނގަން މެދުވެރިވީ ވައިކުޑަ ފަޅައިގެން ގޮސް، އެ ވެއްޓި މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގައި އެޅުމުންނެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވައިކުޑަ ޒިޕްލައިނުގައި އެޅުނު ވަގުތު އޭގައި އިން މީހާ ވަނީ މޫދަށް ފުންމާލާފަ އެވެ.
މޫދަށް ފުންމާލި މީހާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގައި އެ ވަގުތު އޮތް ޖެޓްސްކީއެއްގައި ތިބި ބައެކެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ހާދިސާ ހިނގި އިރު ވައިކުޑަ އޮތީ އެހާ މައްޗަކު ނޫނެވެ. އަދި ވައިކުޑަ ވެއްޓުނީ ސީދާ މޫދާ ދިމާލަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ. މޫސުމާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުން ހުޅަނގުގެ ވަައި ގަޑިއަކު 30 މޭލަށް ބާރުވެފައިވާއިރު، ކަނޑުގެ ރާޅުތައް ވެސް ވަނީ އުފުލިފަ އެވެ.
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ސަމާލުވުމަށް އެލާޓް ނެރެފަ އެވެ. މިފަދަ މޫސުމީ ހާލަތްތަކުގައި ކަނޑުމަތީގެ ހަރަކާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.






ރިއެކްޓް