މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ނަގާތާ ދެ ހަފްތާ ފަހުން މަޖިލީހުގެ ޖަލްސާއެއް މާދަމާ
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މެންބަރުން އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ނަގަމުންދާތާ ދެ ހަފްތާ ފަހުން، މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮތީ މެދުކެނޑިފައެވެ.
ޕީއެންސީގެ މެޖޯރިޓީ އޮންނަ މިހާރުގެ މަޖިލީހުން، ރަސްމީ ޗުއްޓީގެ ބޭރުން މިގޮތަށް މަސައްކަތް ނުކޮށް ތިބުން މިހާރު އާދައަކަށް ހަދާފައިވާކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ދައުރު އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން، ދައުރު ނިމެން ދެން ބާކީ އޮތީ އެންމެ ދެ ހަފްތާއެވެ.
މި ދައުރުގެ ތެރޭގައި ގިނަ ޖަލްސާތަކެއް ބާއްވާފައި ނުވާއިރު، ގިނަ ދުވަސްތަކެއް ވަންދެން މަޖިލިސް އޮތީ ހުއްޓުވާފައެވެ. ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި، މަސައްކަތްތައް މަދުވުމުގެ އިތުރުން، ބައެއް ކޮމިޓީތައް މަދު މިނެޓުކޮޅެއްގެ ތެރޭގައި ނިންމާލުމާއި ގަޑިޖެހުމުގެ ސަބަބުން ކޮމިޓީތައް ކެންސަލްކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.
ދައުލަތުގެ ބަޖެޓުން ބޮޑެތި މުސާރައާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ މެންބަރުންގެ މަސައްކަތުގެ ނަތީޖާ އެކަށީގެންވާ ވަރަށް ނުފެންނާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އިރު، މުހިންމު ބައެއް މަސައްކަތްތައް މިހާރު ވެސް ކޮމިޓީ މަރުހަލާގައި ވަނީ ޕާކުކޮށްފައެވެ.






ރިއެކްޓް