ޚަބަރު

އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

27 ޖުލައި 2026 - 11:17
އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.

މީގެ އިތުރުން، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މެޓުން ނެރުނު މޫސުން ލަފާކުރާ އެޑްވައިޒަރީގައިވެސް ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް ކުރިމަތިވެދާނެ ހާލަތެއް ކަމަށް ބެލެވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ކަންކަމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0