ޚަބަރު , ސިޔާސީ

ރައީސްއަށް ކުރެވުނު ތުހުމަތުތަކުގެ ވާހަކަ ރިޕޯޓުކުރުމުން ކޮންޓްރޯލް ކޮމިޝަނުން 'ވިރާސީ' ގެ މައްސަލަ ބަލަނީ

11 ޖޫން 2026 - 16:44
ރައީސްއަށް ކުރެވުނު ތުހުމަތުތަކުގެ ވާހަކަ ރިޕޯޓުކުރުމުން ކޮންޓްރޯލް ކޮމިޝަނުން 'ވިރާސީ' ގެ މައްސަލަ ބަލަނީ

ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ކުރެވުނު ތުހުމަތުތަކަކާ ގުޅޭގޮތުން ލިޔުނު ހަބަރަކާއި ގުޅިގެން 'ވިރާސީ' ނޫހުގެ މައްސަލަ ބަލަން މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (ކޮންޓްރޯލް ކޮމިޝަނުން) ނިންމައިފިއެވެ. 

މި މައްސަލަ ބަލަން ނިންމާފައިވަނީ 'ވިރާސީ' ނޫހުގައި ޝާއިރުކުރި ކޮންޓެންޓަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު ކޮންޓެންޓެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެއެވެ.

ކޮންޓްރޯލް ކޮމިޝަނުން ވިރާސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، 13 އޭޕްރީލް 2026 ވަނަ ދުވަހު 'ވިރާސީ' ނޫހުގައި ޝާއިރުކުރި "ރައީސަށް އަމާޒުވި 'މުޑުދާރު' ތުހުމަތަށް 2 ހަފްތާ- މުޅި ގައުމު ހަނު؟" މި މައުޟޫއުގެ ދަށުން ލިޔެފައިވާ ޚަބަރުގެ ކޮންޓެންޓް ބެލިބެލުމުގައި، ބްރޯޑުކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑާ ޚިލާފު ބައެއް ވާހަކަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ކޮންޓެންޓަކީ ސުލޫކީ މިންގަނޑުގެ 8 ވަނަ މާއްދާގެ (ބ) އާ ޚިލާފުވާ ކޮންޓެންޓެކެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ "އެއްވެސް ފަރާތެއްގެ އަބުރުވެރިކަމުގެ ގޮތުގައި ބެލެވޭ އަމިއްލަ މައުލޫމާތާއި އޭނާގެ އަބުރަށް ނުވަތަ ޤަދަރަށް އުނިކަން އަތުވެދާނެފަދަ ނުވަތަ މީހުންނަށް ކަންކަން އޮޅިދާނެ ފަދަ ހަޤީގަތެއް ނެތް ވާހަކަ ހާމަނުކުރުން" މިއެވެ.

މި މައްސަލައިގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ސަބަބަކީ، މީހެއްގެ ޒާތީ ދިރިއުޅުމާއި، ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކުގެ ވާހަކަތަކަކީ އެ ފަރާތެއްގެ އަމިއްލަ ޒާތީ މައުލޫމާތަށް ވުމެވެ. އަދި އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ މިފަދަ ބޮޑު ތުހުމަތެއް ސާބިތު ހެކި ނެތި ޝާއިރުކުރުމަކީ އަބުރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު 18 ޖޫން 2026 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވިރާސީ ނޫހަށް މިހާރު ވަނީ ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 1
މަޖާ މަޖާ 1