ފުލުހުންގެ ގަރާޖަކަށް 'ވަގަށް' ވަން މީހަކު ހައްޔަރުކޮށްފި
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖު ތެރެއަށް ހުއްދަނެތި ވަދެ ހުއްޓާ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑުގުރަހާގެ، އަހުމަދު ފަޔާޒު (31އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގައި ވަނީ، ފުލުހުންގެ ވެހިކަލް ގަރާޖުގެ ތެރެއަށް ހުއްދަ ނެތި އޭނާ ވަދެފައިވާ ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް، ފަޔާޒު ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަޔާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި، އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތަކުގެ ސްނެޕްޝޮޓްތަކުގެ އިތުރުން ހައްޔަރާއި ބަންދު ލޮގް ހިމެނެއެވެ.
މީގެއިތުރުން، ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އަހުމަދު ފަޔާޒަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް މީހެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް