އެފްޓީއޭއާއެކު އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ: މިނިސްޓަރ ގޯޔަލް
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރަން މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ އެކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ގޯޔަލް މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައެވެ.
އިންޑިއާގެ ކޮމާސް މިނިސްޓަރުގެ ދައުވަތަކަށް މިނިސްޓަރު ސައީދު ކުރައްވާ މި ދަތުރުފުޅުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ޕިޔޫޝް ގޯޔަލް "އެކްސް" ގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން މި އަހަރު ފާހަގަ ކުރަމުން އަންނައިރު، ދެ ގައުމުގެ ލީޑަރުންނާއި ރައްޔިތުންނާއި ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ވަރަށް އަވަހަށް ދާނެ ކަމަށެވެ. އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު "ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރިޓީ" އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ފަހުން ގާއިމުކުރާ އެފްޓީއޭގެ ސަބަބުން ގުޅުން އާ ހަރުފަތަކަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ގޯޔަލް އިތުރަށް ވިދާޅުވީ، "ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުމާއެކު، އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތު އެބައޮތް. ހާއްސަކޮށް ފަތުރުވެރިކަމާއި ޕޭމަންޓް ސިސްޓަމްތައް ތައާރަފް ކުރެވޭނެ. މަސައްކަތް މި ކުރަނީ ދެ ގައުމުގެ ވެސް އެމްއެސްއެމްއީއެސްތަކަށް ވެސް އެހީތެރިވުމަށް،" ކަމަށެވެ. ވީޑިއޯ ނިންމަވާލައްވަމުން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވެސް ފޮނުއްވައިފައެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތަކުގައި ދެ ވަޒީރުން އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ބިނާކުރަނިވި އަދި ދެފަރާތަށް ވެސް ފައިދާ ހުރި ގޮތަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ މިނިސްޓަރުން ވެސް ވަނީ ވައުދުވެޑައިގެންފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސައީދު ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައެވެ.






ރިއެކްޓް