ލޭ ހަދިޔާކުރާ ފަރާތްތަކުން ވެދެނީ އަގު ނުކުރެވޭފަދަ އެހީތެރިކަމެއް: ރައީސް
އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުން އަދާކުރަނީ މުހިންމު ދައުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް ބަދަލަކަށް އުއްމީދު ކުރުމެއްނެތި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމަކީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ އަގުނުކުރެވޭފަދަ އެހީތެރިކަމެއްކަމަށެވެ. މިގޮތުން ހަދިޔާކުރާ ލޭގެ ސަބަބުން، ދިގުމުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ފަރުވާއަށް ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލެޔަކީ އަދިވެސް އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭނެ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ އޮތުމަށްޓަކައި އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ދިވެހިރާއްޖެ ފަދަ ރަށްތައް ވަކިވަކިން އުފެދިފައިވާ ގައުމެއްގައި، ކުއްލި ޞިއްޙީ ޙާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ވަރަށް ބޮޑު ތަފާތެއް ގެނުވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ނިންމަވާލައްވަމުން ރައީސް ވަނީ އެންމެހައި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކުމަށް އެދިވަޑައިގެންފައެވެ.






ރިއެކްޓް