މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަހުއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް، މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވެވޭނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފުރަތަމަ 20 ޓީމަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ޖޫން 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. މިއީ ކަނޑުގެ ވަސީލަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3339225 ނުވަތަ 3339272 ނަންބަރު ފޯނާ ގުޅުއްވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.






ރިއެކްޓް