އައްޑޫގައި ހިންގާ އިތުރު ޑްރަގް ކެފޭއެއް ކޯޓުން ބަންދުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަންދުކޮށްފިއެވެ.
މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، "އުއްމީދުގެ" ނަމަކަށް ކިޔާ މި ތަން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ. މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި އަމުރެކެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ވަދެނުކުތުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
އައްޑޫގެ ކޯޓަކުން މިފަދަ އަމުރެއް ދާދި ފަހުން ވެސް ވަނީ ނެރެފައެވެ. އެގޮތުން ހިތަދޫ ކޯޓުން މި މަހުގެ 8 ވަނަ ދުވަހު ނެރުނު އަމުރެއްގެ ދަށުން "ލާމިޔާގެއާގެ" ވަނީ ތިން މަސް ދުވަހަށް ބަންދުކޮށްފައެވެ. އެ އަމުރާ ހިލާފަށް އެ ގެއަށް ވަން މީހަކު ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
މީގެ އިތުރުން، ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ހިދުމަތްދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް މިދިޔަ މަހު ވަނީ ބަންދުކޮށްފައެވެ. އެއީ އެ ރަށު ފުނާޑު އަވަށުގެ "ގުލިސްތާނުގޭ" ގައި ހުރި ތަނެކެވެ. ފުލުހުން ދަނީ ރަށްރަށުގައި ހިންގާ މިފަދަ ޑްރަގް ކެފޭތައް ބަންދުކުރުމުގެ އޮޕަރޭޝަންތައް ވަރުގަދަ ކުރަމުންނެވެ.






ރިއެކްޓް