ކެއުމުގެ ބިލުތަކަށް ނުދައްކާހުރި މިލިއަނެއްހާ ރުފިޔާ ދިހަ ދުވަސްތެރޭ ދެއްކުމަށް ފެނަކައިގެ މައްޗަށް ހުކުމެއް

މިދިޔަ ސަރުކާާރުގައި ށ. މިލަންދޫގައި ފެނަކައިން އިމާރާކާތް ކުރަމުންދިޔަ އިންޖީނުގޭގެ މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް ކެއިންބުއިން ފޯރުކޮށްދިން ފަރާތަށް ނުދައްކާހުރި މިލިއަނެއްހާ ރުފިޔާ 10 ދުވަސް ތެރޭ ދެއްކުމަށް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
"އާރު. ޑީ. އެން. އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ވިޔަފާރިއަކުން ފެނަކައާއި އެކު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވާ ގޮތުގެމަތީން އެ ވިޔަފާރިން ފެނަކައިގެ މުވައްޒަފުންނަށް ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމުގައި ވާ ގޮތަށް ފެނަކައިން އެ ފަރާތަށް ފައިސާ ދައްކާފައި ނުވާކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ސިވިލްކޯޓުން މިމަހުގެ 17 ވަނަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން މިލަންދޫގައި ހިންގާ "ވުޑްލޭންޑް ރެސްޓޯރަންޓް" އިން ދީފައިވާ ޚިދުމަތަށް ފެނަކައިން ނުދައްކާހުރި ފައިސާގެ އަދަދު 937,300ރ އަށް އަރައެވެ.
ކޯޓުން މި ހުކުމް އިއްވާފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ ޣައިރު ހާޒިރުގައެވެ. ފެނަކައިގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވަނީ މައްސަލައިގެ ލިޔެކިޔުންތަކާއި ހަވާލުވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފެނަކައިން ދަޢުވާއަށް ޖަވާބުދީފައި ނުވާތީއެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ ހިންގުމާއި ހަވާލުވެ ހުންނެވީ އަހުމަދު ސަޢީދު (ފެނަކަ ސަޢީދު) އެވެ. އެ ދުވަސްވަރު ރާއްޖޭގެ އެތައް ރަށެއްގައި ފެނަކައިން އައު އިންޖީނުގެއާއި އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއެވެ. މި މަސައްކަތްތައް ކޯށްފައިވަނީ ފެނަކައަށް މުވައްޒަފުން ނެގުމަށް ފަހު އެ މުވައްޒަފުން ލައްވައެވެ. އަދި އެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް އެރަށްރަށުގައި ހިންގާ ވިޔަފާރިތަކަށް ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ ބިލްތައް ހުރީ ނުދައްކާކަން ފަހުން ވަނީ ހާމަވެފައެވެ.
އަދި މީގެ އިތުރުން އެއިރު އަޅަން ފެށި ޢިމާރާތްތަކުގެ މަސައްކަތްތައް ނުނިމި ހުއްޓިފައިވާކަމަކީ މިއަދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.
ރިއެކްޓް



