ރިޕޯޓު

އިދިކޮޅުގައި އެމްޑީޕީ އަށްވުރެ ޔާމީން ވަރުގަދަ؟

އޮގަސްޓް 24, 2025 - 13:17
އޮގަސްޓް 24, 2025 - 19:18
 0
އިދިކޮޅުގައި އެމްޑީޕީ އަށްވުރެ ޔާމީން ވަރުގަދަ؟
އާޓްވޯކް -- ވިރާސީ

"މިވަރުގެ ހާއްޔެއްވެސް އިދިކޮޅުގަ އެބައޮތްތޯ؟ ކޮންބައެއްތޯ މި މީހުން ޒިންމާދާރު ކުރުވަން ޖެހެނީ؟ ކޮބާތޯ އޮޕޮޒިޝަންގަ ތިބި ބަޔަކީ؟ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ނުހުންނާނެ ޕީއެންއެފްގައެއް. ރައްޔިތުންގެ މަޖިލިސް ގޮނޑި ހުންނާނީ އެމްޑީޕީގަ. ކޮބައިތޯ؟ އެމީހުން ހާލި ހަދައިގެން ކީއްތޯ ކުރަނީ؟" މިއީ މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން "އަދަދު" ނޫހުގެ ޕްރޮގްރާމެއްގައި ކުރެވުނު ސުވާލަކަށް ދެއްވި ޖަވާބެކެވެ.

ސާފު ތިލަ އިބާރާތުން ޔާމީން އެ ހާމަކޮށްދެއްވީ މިއަދުގެ ރާއްޖޭގެ ސިޔާސީ މައިދާނުގެ ހަގީގަތެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ހަރަކާތެއް ނުފެންނަ ވާހަކައެވެ. އަދި މަޖިލީހުގައި މެންބަރުން ތިބި ކަމުގައިވިޔަަސް އެމްޑީޕީއަށްވުރެ ޔާމީންގެ "ކުޑަ ކުޑަ" ޕީއެންއެފްގެ އިދިކޮޅު ހަރަކާތްތަކުގައި އާރޯކަން ހުރި ވާހަކައެވެ.

އެދުވަހު ދެއްކެވި ވާހަކައިގެ ކުލަ މަންޒަރު ޔާމީން އެ ވަނީ އިހަށްރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ "ވޭކް އަޕް" ހަރަކާތުން ދައްކާލާފައެވެ.

އެމްޑީޕީން ވެސް އާޓިފިޝަލް ބީޗުގައި މީގެ މަސްތަކެއް ކުރިން ހަމަ މިފަދަ ޖަލްސާއެއް ބޭއްވިއެވެ. އެދުވަހު އެތަނުގައި ޖަހާފައި ހުރި ގޮނޑިއާއި އެ އިވެންޓަށް އެއްވި މީހުންނާއި ރޭ ޕީއެންއެފްގެ އިވެންޓަށް އެއްވި މީހުންގެ އަދަދުތައް އަޅާކިޔާލާއިރު ރާއްޖޭގެ ހަޤީޤީ އިދިކޮޅު ޕާޓީއަކީ ކޮން ޕާޓީއެއްތޯ ސުވާލު އުފެދެއެވެ. ވެރިކަން ގެއްލުނުތާ 2 އަހަރު ނުވާ އެމްޑީޕީއަށް 12 މަޖިލިސް މެންބަރުންނާއެކު އެ ދުވަހުގެ ޖަލްސާއަށް ގެނެވުނު މީހުންގެ އަދަދު ރޭ ޕީއެންއެފްގެ ޖަލްސާއަށް ހާޒިރުވީ މީހުންގެ އަދަދާއި ދާދި އެއްވަރެވެ.

20 އަހަރުވީ އެމްޑީޕީއާއި ޅަފަތުގައި އޮތް ޕީއެންއެފް

ރާއްޖޭގެ މަލްޓިޕާޓީ ނިޒާމުގައި އެންމެ ދޮށީ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. މެދުކެނޑުމެއްނެތި 20 އަހަރުވަންދެން ސިޔާސީ ހަރަކާތް ހިނގި އެމްޑީޕީގެ ތަޢާރަފު އެޕާޓީގެ މެންބަރުން ދީ އުޅެނީ "އެމްޑީޕީ އަކީ ފިކުރެއް" ކަމަށް ބުނަމުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީން ފުރަތަމަ ހޯދި ކާމިޔާބީ އަކީ 2008 ގެ ރިޔާސީ އިންތިޚާބެވެ. ނަމަވެސް ފުރަތަމަ ކުރަން ލިބުނު ވެރިކަން ދެމިއޮތީ އެތައް ސަބަބުތަކަކާހުރެ 2 އަހަރު ދުވަހަށެވެ. އޭގެފަހުން އަހަރުތަކެއް ވަންދެން ފޯރިގަދަ އިދިކޮޅު ހަރަކާތްތަކެއް މަގުމަތީގައި ހިންގުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ހޯދައި އަލުން އަނބުރާ އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ފޮނި ހުވަފެންތަކެއް ދެއްކުމަށްފަހުއެވެ. ނަމަވެސް އެމްޑީޕީން ދެވަނަ ދައުރަކަށް ކެމްޕޭން ކުރަން ނުކުތީ ވައްކަމާއި ކޮރަޕްޝަނުގެ އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތެއް ބޮލުގައި އެޅިގެންނެވެ. ޕާޓީގެ އެތެރޭގެ ހައިޖާނުތަކުން އުފެދުނު ބައިބައިވުންތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަނާއި "އަޑިނޭނގޭ" ޚާރިޖީ ގުޅުންތަކަކީ އެމްޑީޕީއަށް ރެކެން އުނދަގޫވި ބައެއް ތުހުމަތުތަކެވެ.

މީގެ ނަތީޖާއަކަށްވީ ޖަލު ގޮޅިއެއްގަައި އޮވެ ރައީސް ޔާމީން އިނގިލި ދިގުކޮށްލާފައި ދެއްކި މީހަކަށް ރާއްޖޭގެ ރައްޔިތުން ވޯޓުދީ އެމްޑީޕީގެ ވެރިކަން އަނެއްކާވެސް ނިމުމަކަށް ގެނައުމެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ރައީސް ޔާމީންގެ ސިޔާސީ ހަޔާތަކީ ބަލަން ތިބި ބަޔަކަށް އިބުރަތެކެވެ. އުމުރުގެ ބޮޑުބައި ބޭބޭފުޅުގެ ބާރުގަައި ހޭދަކުރެއްވީ ދައުލަތުގެ އެކި މުވައްސަސާތަކާއި ވުޒާރާތަކުގައެވެ. ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ އުވާލުމަށްފަހު 2013 ގައި ވެރިކަމަށް ހޮވިވަޑައިގަތީ ބޭބޭފުޅުގެ ޕާޓީގެ ޓިކެޓުގައެވެ. އެ ޕާޓީ ބޭބޭފުޅު އަތުން އަތުލައްވަން ކުރި މަސައްކަތުގެ ތެރޭގައި އިތުރު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް މިއަދު އެ ހުންނެވީ އެޕާޓީން ވަކިވެ ވަޑައިގެން އިތުރު އެހެން ޕާޓީއެއް އުފައްދަވައިގެންނެވެ.

ރައީސް ޔާމީން އަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ސިޔާސީ ހަޔާތް ފުރިހަމަކޮށްފައިވާ މަދު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެއް ދައުރު ވެރިކަންކުރެއްވުމާއި މަރާލަން ދެވުނު ބޮމުގެ ހަމަލާއާއި ހުރަގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުގެ އިތުރުން ސިޔާސީ އިދިކޮޅު ހަރަކާތްތައް ވެސް ވަނީ ހިންގަވާފައެވެ. މި ސިފަތައް ފުރިހަމަވާ ސިޔާސީ ލީޑަރުން ރާއްޖޭގައި އެއް އަތުގެ އިނގިލިން ގުނާލެވޭނެއެވެ.

އެމްޑީޕީގެ ވެރިކަމުގެ ގިނަ ދުވަސްވަރު ހުރަގޭގައި ހޭދަކުރެއްވި ޔަމީން މިނިވަން މާހައުލަށް އެނބުރި ވަޑައިގަތް އިރު އެމަނިކުފާނުގެ ހުރިހާ ސިޔާސީ އެކުވެރީން ވަނީ ރައީސް މުޢިއްޒަށް ބައިއަތު ހިފައި ޔަމީންގެ ސިޔާސީ ފެންޑާއިން ބޭރަށް ނުކުމެފައެވެ.

ކަންތައްތައް އެގޮތަށް ދިމާވުމުން އަމިއްލައަށް ސިޔާސީ ޝިކާރައަކަށް ވެއްޖެކަމަށް ޤަބޫލުކުރައްވައި ސިޔާސީ ކުރިމަގުގެ އުޖާލާކަން ޔަޤީންކުރުމަށް ޔާމީންއަށް ޖެހިވަޑައިގަތީ އަމިއްލަ ގޭގެ ފެންޑާގައި ސިޔާސީ ހަރަކާތް ހިންގަވަން ފަށާށެވެ. އަމިއްލަ ޓީވީ ޗެނަލެއް އޮތުމުގެ އެންމެ ފުރިހަމަ ފައިދާ ނަންގަވަމުން ޔާމީން ފެށީ މުޢިއްޒުގެ ސަރުކާރު ޒިންމާދާރުކުރުމަށް އިދިކޮޅު ޕާޓީއަކުން ކުރަންޖެހޭ މަސައްކަތެވެ. އެހެން ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ތަފާތުކޮށް ފެންޑާގައި ގޮނޑި ވަށްކޮށްގެން ޔާމީން ފެށި މަސައްކަތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ތާއީދުކުރާ ބަޔަކު އެކުގައި ނެތް ކަމަށާއި "ހާމަކަން ބޮޑު" މައިދާންތަކުގައި ސިޔާސީ ހަރަކާތްތައް ނުބާއްވަނީ ސިޔާސީ ގޮތުން ބަލިކަށިވެފައިވާތީ ކަމަށް އެތައް ބަޔަކު ބުނަމުންދިޔައެވެ.

މި ފާޑުކިޔުންތަކަށް ޔާމީން ދެއްވީ ބީރު ކަންފަތެކެވެ. ފާޑުކިޔުންތަކަަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަސައްކަތް ކުރައްވަމުން ގެންދެވީ ތިރީހަކަށް އަހަރުގެ ތަޖުރިބާ ބޭނުންކުރައްވައިގެން ސިޔާސީ ގޮތުން އަލުން ކޮޅަަށް ތެދުވުމަށެވެ.

އެމްޑީޕީ މިއަދު ސިޔާސީގޮތުން ބަލިކަށިވެ ޔާމީންގެ މަޤުބޫލުކަން އިތުރުވަނީ ކީއްވެ؟

20 އަހަރުވީ ސިޔާސީ ޕާޓީއެއްގައި ހުންނަން ޖެހޭ ވަރުގަދަކަން އެމްޑީޕީން ފެންނަމުން ނުދާކަމަކީ އެޕާޓީގެ އިސްކޮށް ތިއްބެވި ވެރިންވެސް ޤަބޫލުކުރާ ހަގީގަތެކެވެ. މީގެ ސަބަބުތައް އެންމެ ސާފުކޮށް ކިޔައިދެވޭނެ ބަޔަކީވެސް ހަމަ އެމްޑީޕީގެ ލީޑާޝިޕެވެ. އަމިއްލައަށް ވެރިކަން ކުރުމުގެ ޝައުޤުވެރިކަން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ލީޑަރުންގެ ކިބައިގައި ބޮޑުވެފައިވާކަން ރާއްޖޭގެ އެންމެން ދަނެއެވެ.

ވެރިކަމުގެ ޝައުޤު ބޮޑުވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ވެރިކަންތައް ފުރޮޅެމުން އަންނަ ގޮތަށް ބަލާއިރު ކޮންމެ ދެ ދައުރަކުން އެއް ދައުރު އެމްޑީޕީއަށް ލިބެއެވެ. މިކަން މިމަގުން ހިނގާނަމަ، އަންނަ ދައުރުގައި ރާއްޖޭގެ ވެރިކަމަށް އަންނާނީ އަލުން އަނެއްކާވެސް އެމްޑީޕީ ކަމަށް ޤަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދާ މީހަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން އެންމެ ގާތް ކެނޑިޑޭޓެވެ.

ރިޔާސީ ޓިކެޓަށް ވާދަކުރާ ލިސްޓުގައި އަދި މިހާތަނަށް 4 މީހަކު ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން ފާޅުގައި އެކަން އިޢުލާންކޮށްފައިވަނީ "އެމްޑީޕީ ހިންގާލަން" ޗެއާޕާސަން ކަމާއި ހަވާލުވި ފައްޔާޒް އިސްމާޢީލް އެކަންޏެވެ. ކުރީގެ ރައީސް ސާލިހު ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އާއިލީ ތިމާގެ ބޭފުޅެއް މެދުވެރިކޮށެވެ. ކުރީގެ ރައީސް ނަޝީދު ފޮނުއްވީ ޚިޔާލު ހޯދުމުގެ މެސެޖެކެވެ. ކުރީގެ ޚާރިޖީ ވަޒީރު އަދި ދުނިޔޭގެ ރައީސްކަންވެސް ކޮށްފައިވާ ޝާހިދު ކުރައްވަމުން ގެންދަވަނީ "ސައިލެންޓް" ކެމްޕޭނެކެވެ.

މި 4 ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ފިޔަވައި ދެންތިބި ބޭފުޅުން ޕާޓީ ތެރޭގައި މަސައްކަތް ކުރައްވަނީ އަމިއްލަ "ފެކްޝަން" އުފައްދަވައިގެން ވަކިންނެވެ. ރައީސް ނަޝީދު ވަނީ ދާދި ފަހުން "ހެޔޮ ވިސްނުން ވިސްނިވަޑައިގެން" އަލުން ޕާޓީއާއި ގުޅި، ފައްޔާޒް އިސްމާޢީލާއި ގާތް ގުޅުންތަކެއް ބާއްވާކަން ޢާއްމުންނަށް ދައްކަވާލައްވާފައެވެ.

ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އާރޯކަމެއް ނެތީ މި ބޭފުޅުން ވަކި ވަކީން މަސައްކަތްކުރައްވާތީ ކަމުގައި އެމްޑީޕީގެ ޢާާއްމު މެންބަރުންވެސް ޤަބޫލުކުރެއެވެ. އަދި މީގެ އިތުރުން ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަކީ ޑިމޮކްރަސީގެ އުސޫލުގެ މައްޗަށް ބިނާކޮށްފައިވާ ހަރަކާތަކަށްވުރެ އަމިއްލަ ފައިދާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ހެދިފައިވާ ޕްލެޓްފޯމެކެވެ. ގިނަ ބަޔަކު ޕާޓީއާއެކު މިހާރު ތިބެނީ ހަމައެކަނި ސަރުކާރުގައި އޮންނައިރު، ވަޒީފާއާއި ނުފޫޒަށް އިންތިޒާރުކޮށްގެންނެވެ. އަދި އެމްޑީޕީގެ ބާރު ގެއްލިގެންދާއިރު، އެމީހުންގެ ޝައުގުވެރިކަން ވެސް ގެއްލިގެން ދެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ބިނާވެފައިވަނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ ވަފާތެރިކަމުގެ މައްޗަށެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ މަތީފަޑިއާއި އެހެން ދިމާތަކުގައިވެސް ތިބީ ކުރިން ޔާމީނަށް ބައިޢަތު ހިފައިގެން ތިބި މީހުންނެވެ. މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރައީސް ޔާމީނަށް ކިރިޔާވެސް ބާރެއް ލިބޭއިރަށް އަލުން އެނބުރި އެމަނިކުފާނުގެ އަރިހަށް ކިޔަމަންތެރިކަމާއެކު އަންނާނެ މީހުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި މި ދެންނެވި މީހުންގެ ތެރޭގައި ރައީސް މުޢިއްޒަށް ވަފާތެރި މީހުން ވަކިކުރަން ޚުދު ރައީސް މުޢިއްޒަށްވެސް އެނގިނުލައްވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސް ޔާމީންއަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނު ހުރަގެއަށް ލެވުމުންވެސް މައިދާން ދޫކޮށް ފިލާކަށް ނުދުވެއެވެ. ރައީސް ޔާމީން "ވިދާޅުވީތީ" ރައީސް މުޢިއްޒަށް ވޯޓުދީ ރައީސްކަމަށް ހޮވީވެސް އެންމެ ބޭނުމެއްގައެވެ. ރައީސް ޔާމީން ހުރަގެއިން މިނިވަންކުރާށެވެ. ސިޔާސީ ލީޑަރަކަށް ބަޔަކު ވަފާތެރި ވާނީ މިވަރަކަށެވެ.

ރައީސް ޔާމީން މިހާރު އެ ގެންދަވަނީ އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުންނާއެކު މަޑުމަޑުން ސިޔާސީ ހަރަކާތް ފުޅާކުރައްވަމުންނެވެ. ކުޑަ ކުޑަ ސިޓިންރޫމެއްގައި ބާއްވަމުން ދިޔަ ޖަލްސާތަކުގައި ރޭވި ރޭވުންތަކާއި ކުރި ޕްލޭންތަކުން އުފަންކުރުވީ "ވޭކްއަޕް" ނަމުގައި ބޭއްވި ބޮޑު ޖަލްސާއެވެ. މި ޖަލްސާއިން ސަރުކާރަށް އަދި އެމްޑީޕީއަށްވެސް ސިހުން ގެނުވިއެވެ. ރައީސް ޔާމީންގެ ޖަލްސާއެއްގައި 100 މީހުން ހަމަވާނެކަމަށްވެސް ރައީސް މުޢިއްޒުގެ ސަރުކާރުގެ ބޭފުޅުން ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ ވިސްނުން ހުރީވެސް ހަމަ މިދެންނެވި ބީދައިންނެވެ. ނަމަވެސް ސަރުކާރާއި އެމްޑީޕީގެ އިސްބޭފުޅުންގެ ނިދި ގެއްލުވާލީ 2500 އަށްވުރެ ގިނަ މީހުންގެ ޖަލްސާއަކުން އާޓިފިޝަލް ބީޗު ފުރާލައިގެންނެވެ.

އެމްޑީޕީއާއި ޔާމީންގެ ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކުން ދޭހަވާ އެންމެ ބޮޑު އެއް ހަޤީޤަތަކީ އެމްޑީޕީން މާނަކުރާ ވަފާތެރިކަމާއި ޔާމީންގެ ސަޕޯޓަރުންގެ ވަފާތެރިކަމުގެ ތަފާތު ކަމެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ފަރިތަ އެމްޑީޕީ އިން އެ ސިފަ މަޑުމަޑުން ފޮހެވިގެން ގޮސްފައިވާ ކަމެވެ. ކުރިން ދިވެހިން ދެކުނު އެމްޑީޕީ މިހާރު މާޒީގެ ތެރެއަށް ފޮހެވިގެން ހިނގައްޖެކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0