އިންތިހާބުތައް އެއްކޮށްލުމާއި ޖަވާބުދާރީކުރުވުން ނައްތާލުމަށް ކުރާ މަސައްކަތުގެ އެތެރެހަށި
އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު، ދިވެހިން ވޯޓުލާ މަރުކަޒުތަކަށް ދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބު ކުރުމަށެވެ. ނަމަވެސް، ހަމަ އެ ދުވަހު ދޭ އަނެއް ވޯޓު ކަރުދާހުގައި ހިމަނާފައިވަނީ ގައުމުގެ ޑިމޮކްރެޓިކް ނިޒާމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސުވާލެކެވެ.
އެ ކަރުދާހުގައި ވޯޓުލާ މީހުންގެ ކިބައިން އެދެނީ ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ފާސްކުރުމަށް ރައްޔިތުންނަށް ފެނޭތޯއެވެ. މިއީ 2029 ވަނަ އަހަރުގެ އެޕްރީލްމަހު ނިމެން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މުއްދަތުގެ ކުރިން ނިންމާލުމަށާއި، ކުރިއަށް އޮތް ހުރިހާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބެއް ދާއިމީގޮތެއްގައި އެއް ދުވަހަކަށް ބަދަލުކުރުމަށް ގެންނަ ބޮޑު ބަދަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފެންނަނުފެންނަ ވޯޓު އިޝްތިހާރު ކުރަމުންދަނީ އިދާރީ ގޮތުން ގެންނަންޖެހޭ ކުޑަ ބަދަލެއްގެ ގޮތުގަ އެވެ. ނަމަވެސް، ސިޔާސީ މައިދާނުގެ އެކި ފިކުރުތަކުގެ ކުރީގެ ރައީސުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި، މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ދަނީ މިއީ ނުރައްކާތެރި ކަމެއް ކަމަށް އިންޒާރު ދެމުންނެވެ.
އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ގާނޫނުއަސާސީގެ ބާރުތައް މުށުތެރެއަށްލައި، 2008 ގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ "ޗެކްސް އެންޑް ބެލެންސަސް" ނުވަތަ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ފުނޑުފުނޑުކޮށްލުމަށެވެ.
ސަރުކާރުގެ ހުށަހެޅުން: ހަރަދާއި ފަސޭހަ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދެއިންތިހާބު އެއްކޮށްލާ ވޯޓަށް "އާނއެކޭ" ކެމްޕޭން ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ: އެއީ ދެ އިންތިހާބު އެއްކޮލުމުން ހަރަދު ކުޑަވެ ސަލާމަތްވާ ފައިސާ އާއި ފަސޭހަ ވެގެންދާ އިދާރީ އިންތިޒާމުތަކެވެ.
ސަރުކާރުން ބުނާ ގޮތުގައި، ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ފަރަގަކާއެކު ގައުމީ ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ދައުލަތުގެ ހަޒާނާއަށް ބޮޑު ބުރައެކެވެ. އިންތިހާބުތައް އެއްކޮށްލުމުން ކޮންމެ އިންތިހާބީ ދައުރެއްގައި ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ދައުވާކުރެ އެވެ. މީގެ އިތުރުން، އިންތިހާބުތައް އެއްކޮށްލުމުން ތައުލީމީ ކަލަންޑަރަށް އަންނަ ބުރޫ ކުޑަވާނެ ކަމަށާއި، ގިނަ އިންތިޙާބުތަކުގައި ސްކޫލްތަކަކީ ވޯޓުލާ މަރުކަޒުތަކަށް ވާތީ، އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ބުރަ ލުއިވާނެ ކަމަށް ޕީއެންސީ އެކްޓިވިސްޓުން ބުނެއެވެ.
ބޭރު ފައިސާގެ ދަތިކަމާއި ދަރަނީގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގައި، 120 މިލިއަން ރުފިޔާ ސަލާމަތްކުރުމަކީ ޒިންމާދާރު ވެރިކަމެއްގެ ސިފައެއްގެ ގޮތުގައި ބެލެވިދާނެ އެވެ. އަދި ހާއްސަކޮށް މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއިއެކު އެކަން އިތުރަށް މުހިއްމުވެދާނެއެވެ. ނަމަވެސް، ގާނޫނީ މާހިރުންނާއި ތަޖުރިބާކާރު ސިޔާސީ ބޭފުޅުން ވިދާޅުވަނީ މި ހިސާބުތަކަކީ އަސްލު މަގްސަދު ފޮރުވުމަށް ދައްކާ ދޮގު މަންޒަރެއް ކަމަށެވެ.
ދިމަކްރާތީ އުނިކަން: ޖަވާބުދާރީކުރުވުން ނައްތާލުން
މި ބަދަލާ ދެކޮޅަށް އެންމެ ބޮޑަށް އުފެދޭ ސިޔާސީ ފާޑުކިޔުންތައް އަމާޒުވަނީ "މިޑް-ޓާމް" ނުވަތަ ދައުރުގެ މެދުތެރެއިން ޖަވާބުދާރީކުރުވުމުގެ ފުރުސަތު ގެއްލިގެންދާ ދިއުމަށެވެ. 2008 ގެ ގާނޫނުއަސާސީގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިވަކިން ބޭއްވުމަށް ކަނޑައެޅީ ގަސްދުގަ އެވެ. މިއީ ދިމަކްރާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަލަށް އިންތިހާބުވާ ރައީސެއްގެ ކުރީކޮޅުގެ މަސައްކަތްތައް ވަޒަންކުރުމަށް ވޯޓުލާ މީހުންނަށް ފުރުސަތު ދިނުމަށާއި، ބޭނުންވެއްޖެ ނަމަ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު މަޖިލީހެއް އިންތިހާބު ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް ބާރުއެޅުއްވި ކުރީގެ ރައީސް އަބްދުالله ޔާމީންވަނީ ދާދިފަހުން ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ލޭބަލަށް ގޮންޖައްސަވައި، ރައީސްގެ ދަތުރުފަތުރުގެ ހަރަދުތައް އިންތިހާބުގެ ހަރަދަށްވުރެ ބޮޑު ކަމަށް ތުހުމަތުކުރައްވާފަ އެވެ. ޔާމީންގެ މައިގަނޑު އިންޒާރަކީ، އިންތިހާބުތައް އެއްކޮށްލުމުން ދައުރުގެ މެދުތެރެއިން ލިބޭ މި މުހިންމު ރައްކާތެރިކަން ނެތިގެންދާނެ ކަމެވެ. އިދިކޮޅު އެހެން ބޭފުޅުންވެސް މި ބިރުވެރިކަން ފާޅުކުރައްވަމުން ގެންދަވަނީ "ކޯޓެއިލް އިފެކްޓް"، ނުވަތަ އެކަކު ހޮވުމުން އޭނާގެ ފަހަތުން އެހެން މީހުން ހޮވޭ އުސޫލަށް އިޝާރާތް ކުރައްވަމުންނެވެ. އިންތިހާބުތަކުގައި އާންމުކޮށް ކަން ހިނގާ ގޮތަށް ބަލާއިރު، ރައީސަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވުމަށް އެއް ދުވަހަކު ވޯޓުލާން ޖެހުމުން، ގިނަ ވޯޓުލާ މީހުން ވޯޓު ދެނީ އެއް ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށެވެ.
"މިއީ ހަމައެކަނި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގެންނަ ބަދަލެއް ނޫން...، މިއީ އަޅުގަނޑުމެންގެ މުޅި ޑިމޮކްރަސީ ހިނގާ ތަބީއަތަށް، އަޅުގަނޑުމެންގެ މި ޑިމޮކްރަސީ ހިނގާ ބައްޓަމާއި އެ ތަރުތީބަށް އަންނަ ބޮޑު ބަދަލެއް، މިއީ ދާއިމާ ބަދަލެއް." ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުނ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސާ އީވާ އަބްދުﷲ ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެސް ވަނީ ސަރުކާރުގެ މެންޑޭޓާ މެދު ސުވާލު އުފައްދަވާފަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް މިގެނެވޭ ބޮޑު ބަދަލަކީ ރައީސް މުއިއްޒުގެ ރަސްމީ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ނޫނެވެ.
ވަކީލުންގެ ރައްދު: ގާނޫނުއަސާސީއާ ފުށުއެރުން
ސިޔާސީ ވާހަކަތަކުގެ އިތުރުން، މި ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް ރާއްޖޭގެ އިސް ގާނޫނީ މާހިރުން ގެންދަވަނީ ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފަސް އަހަރަކުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރުމަށްޓަކައި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު ގެނައުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ޑރ. ދީދީ ވިދާޅުވި ގޮތުގައި، ސަރުކާރުގެ 400 އަށްވުރެ ގިނަ ސިޔާސީ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން އެންމެ 30 ވަރަކަށް މީހުން ވަކިކޮށްލައިގެން ވެސް އެ މިންވަރުގެ ފައިސާ ސަލާމަތް ކުރެވޭނެއެވެ.
ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ދަށުން، މިހާރުގެ 20 ވަނަ މަޖިލިސް އިންތިހާބު ކުރެވިފައިވަނީ މެއި 2029 އަށް ނިމޭ ފަސް އަހަރުގެ ދައުރަކަށެވެ. ނަމަވެސް، އަށްވަނަ އިސްލާހުގެ ސަބަބުން މި ދައުރު ޑިސެމްބަރު 2028 އަށް ކުރުވެގެންދެއެވެ. ގާނޫނީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، ދިމަކްރާތީ އުސޫލުން އިންތިހާބުކޮށްފައިވާ މަންދޫބުން ދައުރު ހަމަނުވަނީސް ވަކިކުރުމަކީ ވޯޓުލާ މީހުންނާއި ދައުލަތާ ދެމެދު އޮންނަ އިންތިހާބީ އެއްބަސްވުމާ ހިލާފު ކަމެކެވެ. މީގެ ސަބަބުން، މެންބަރުންގެ ދައުރު ކުރުވުމުން ދޭންޖެހޭ ބަދަލާ މެދު ވެސް ސުވާލު އުފެދެ އެވެ.
ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ސަރުކާރުގެ "އިހްލާސްތެރިކަމާ" މެދު އާންމުކޮށް ސުވާލު އުފައްދަވާފަ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހަގީގަތުގައިވެސް ދައުލަތް އިސްލާހުކުރަން ބޭނުންނަމަ، ގާނޫނުއަސާސީގައި ހުރި ހަގީގީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ އެވެ. އެއީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާކުރުމާއި، އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ކަށަވަރުކުރުމެވެ.
މި ނިޒާމީ މައްސަލަތަކަށް ފަރުވާލެއް ނުބަހައްޓައި، އިންތިހާބުތައް އެއްކޮށްލުމަށް ސަރުކާރުން އަވަސް އަރުވާލައިގެން އުޅޭތީ، މި ފެންނަ ނުފެންނަ ވޯޓުގެ ފަހަތުގައި ފޮރުވިފައިވާ އެހެން މަގުސަދުތަކެއްވާ ކަމަށް ސުއޫދު ތުހުމަތު ކުރެއްވި އެވެ.
އިންތިހާބު އަވަސް އަރުވާލުން: ވޯޓުލާ މީހުންނަށް މައުލޫމާތު ނުލިބޭ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިހާރު ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ ޕާޓީން އެދިފައިވަނީ، އެކަށީގެންވާ ބަހުސެއް ނެތި މަޖިލީހުން ފާސްކޮށްފައިވާ މި ފެންނަ ނުފެންނަ ވޯޓަކީ އައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މަދަނީ ޖަމިއްޔާތަކުން ވެސް މިކަމާ އެއްބަސްވެ އެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަދަނީ ހޭލުންތެރިކަން އިތުރުނުކޮށް، އަވަސްއަރުވާލައިގެން އެ ބަދަލުތައް ގެނައުމަކީ ވޯޓު ގަތުން ފަދަ ނިޒާމީ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އިންޒާރު ދީފަ އެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ކަންކަން އިންތިޒާމުކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދީފައި ނުވާތީ، ވަކާލާތުކުރާ ޖަމިއްޔާތަކުން އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
ރެފަރެންޑަމާ ގުޅޭ މައުލޫމާތުތައް އިޝާރާތުގެ ބަހުން ފޯރުކޮށްދީފައި ނުވުމާއި، ވޯޓު ކަރުދާހުގައި އިނގިރޭސި ތަރުޖަމާ ނެތުމުގެ ސަބަބުން، ބަހުރުވައަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް، ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އެއް ވޯޓުގައި ބައިވެރިވުމުގެ ހައްގު ނިޒާމީ ގޮތެއްގައި ވަނީ ހަނިކުރެވިފަ އެވެ.
އޭޕްރިލް 4 ވަނަ ދުވަހު ވޯޓުލާ މަރުކަޒުތަކަށް ރައްޔިތުން ވަންނައިރު، އެމީހުން އެ ނިންމަނީ ހަމައެކަނި ތާވަލަށް ގެންނަ ބަދަލެއްގެ މައްސަލައެއް ނޫނެވެ. އެމީހުންގެ ކިބައިން މިއެދެނީ 120 މިލިއަން ރުފިޔާ ސަލާމަތްކުރުމަށްޓަކައި، ބާރުތައް ވަކިވެފައި އޮތް އޮތުން ގުރުބާން ކުރުމަށެވެ.
އެމް.ޑީ.ޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކެމްޕޭން ތެރޭގައި ސާފުކޮށް ވިދާޅުވި ފަދައިން، ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކޮށްގެން ވެސް ފައިސާ ސަލާމަތް ކުރެވިދާނެއެވެ. ބާރުތައް މަރުކަޒު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ދިވެހި ޑިމޮކްރަސީއަށް އުފުލޭވަރުގެ އަގަކަށް ނުވާނެ އެވެ.






ރިއެކްޓް