ރިޕޯޓު , ސިޔާސީ

ދެ އިންތިޚާބު އެއްކޮށްލުން – ބާރުތައް މުށުތެރެއަށް ލުމުގެ އުކުޅެއް

17 ފެބްރުވަރީ 2026 - 08:30
ދެ އިންތިޚާބު އެއްކޮށްލުން – ބާރުތައް މުށުތެރެއަށް ލުމުގެ އުކުޅެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްްކޮށްލުމުގެ ވާހަކައެވެ. ދައުލަތުގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރަމުންދާ ސަރުކާރުން މިކަން ހާސިލުކުރުމަށް ދައްކަމުންދާ ބަހަނާއަކީ ޚަރަދު ކުޑަކުރުމާއި ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ވާހަކައެވެ. ނަމަވެސް މި ރީތި ބަސްތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮން ނިޔަތެއް ހެއްޔެވެ؟

ދިމިޤްރާތީ ނިޒާމެއްގެ އެންމެ މުހިންމު އެއް ތަނބަކީ ދައުލަތުގެ ބާރުތައް ވަކިކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް ވަކި ދުވަސްވަރެއްގައި ހޮވުމުގެ ފަހަތުގައި ވަނީ މި ދެންނެވި ފުން ޙިކުމަތެކެވެ. މި އިންތިޒާމުގެ ސަބަބުން ރައްޔިތުންނަށް ދެ ފުރުޞަތެއް ލިބެއެވެ. އެއް ފުރުޞަތަކީ ވެރިކަމުގެ ފެށުމުގައި ރައީސަކު ހޮވުމެވެ. އަނެއް ފުރުޞަތަކީ ވެރިކަމުގެ މެދުތެރެއިން ސަރުކާރުގެ މަސައްކަތް ވަޒަންކޮށް، އެ ވަޒަންކުރުމުގެ އަލީގައި މަޖިލިސް މެންބަރުން ހޮވުމެވެ.

މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މި ނިޒާމު އެއްކޮށް ރޫޅިގެން ދާނެކަމުގެ ބިރަކީ ކޮފީ މޭޒު ތަކުގައި ދައްކާލާ "ސިޔާސީ" ވާހަކައަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ދުވަހު މަޖިލީހުގެ މެންބަރުން ވެސް ހޮވުމުން، ސަރުކާރުގެ މަސައްކަތުގެ ފެންވަރަށް ބެލުމުގެ ފުރުސަތެއް ނެތި، ހަމައެކަނި އެ އިންތިޚާބުގެ ވަޢުދުތަކަށް ބަލައިގެން މެންބަރުން ހޮވެނީއެވެ. މިއީ ދައުލަތުގެ ބާރުތަކަށް މީހުން އައްޔަން ކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ވޯޓުދިނުމުގެ ބާރުން ދެބައިކުޅަ އެއްބައި ގެއްލިގެން ދިއުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ދައުރަކީ ސަރުކާރު ޒިންމާދާރު ކުރުވުމެވެ. ނަމަވެސް ރައީސްއަކަށް ހޮވޭ މީހާގެ ތާއީދާއި ރުހުން ލިބިގެން ހޮވޭ މަޖިލީހެއް، އެ ރައީސް ޖަވާބުދާރީ ކުރުވުމުގެ ޤާބިލުކަން ހުންނާނެ ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް އިދިކޮޅު ދައުރެއް ނެތް މަޖިލީހަކުން އެ މަސައްކަތެއް ނުކުރެވޭނެއެވެ.

ސިޔާސީ ޢިލްމުގައި ވަރަށް މަޝްހޫރު ޙަޤީޤަތެއް އޮވެއެވެ. އެއީ "ކޯޓެއިލް އިފެކްޓް" އެވެ. ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު، ރައީސް ހޮވޭ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބެއެވެ. މިއީ އެތަކެއް ގައުމުތަކުގައި ކަން މިގޮތަށް ހިނގާފައިވާ ތާރީޚު ހެކިދޭ ކަމެކެވެ.

މި ކަމުގެ ނުރައްކާ ވިސްނާލައްވާށެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނީ ދައުލަތުގެ ތެރެއިން ލިބެން ހުރި އަދި ބޭނުންކުރެވޭނެ ހުރިހާ ބާރަކާއި ނުފޫޒަކާއި އެކުއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ކުރިމަތިލާ މީހުންނަކީ ހަމަ މިދެންނެވި ބާރާއި ނުފޫޒުގެ ފާއިދާ ސީދާގޮތުންް ލިބޭނެ މީހުންނެވެ. ރައީސް ހޮވޭ ވަގުތު، އެ ރައީސްގެ މަޤުބޫލުކަމުގެ އެންމެ އުހުގައި، އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު އޮހެނީއެވެ. ނަތީޖާއަކީ ރައީސް ބޭނުންވާހާ ގޮތަކަށް ކަންކަން ނިންމޭ، ސުވާލު ނުކުރެވޭ، ފާޑު ނުކިޔޭ މަޖިލީހެއް އުފެދުމެވެ.

އެއް ޕާޓީއެއްގެ ފުރިހަމަ ކޮންޓްރޯލް ދައުލަތުގެ ދެ ބާރުގައި އޮތުމަކީ ޑިމޮކްރަސީގެ ނިމުމުގެ ފެށުމެވެ. މި ޙާލަތުގައި ޤާނޫނު ހެދުމުގެ ބާރު ވެސް، ވެރިކަން ހިންގުމުގެ ބާރު ވެސް އޮންނާނީ އެއް ބައެއްގެ މުށުތެރޭގައެވެ. އަދި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ އިޚުތިޔާރު ވެރިކަން ހިންގުމުގެ ބާރަށް ލިބިގެން ދެއެވެ. މިއީ މިއަދު ރާއްޖޭގައި ދައުލަތުގެ ބާރުތައް ބެހިފައި އޮތް ގޮތެވެ. އަދި މީގެއިން ނުކުންނަމުންދާ ނޭދެވޭ ނަތީޖާތައް ދިވެހިންނަށް މިހާރުވެސް ދަނީ ފެންނަމުންނެވެ.

މި ހުށަހެޅުމުގެ ދިފާޢުގައި އެންމެ ގިނައިން ސަރުކާރުން ދައްކާ ވާހަކައަކީ ބޮޑުތަނުން ޚަރަދު ކުޑަވާނެ ވާހަކައެވެ. އާދެ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ކޮންމެވެސް މިންވަރެއްގެ ފައިސާ ސަލާމަތް ވެގެންދާނެއެވެ. ނަމަވެސް ސުވާލަކީ، ޑިމޮކްރަސީގެ އަގު ކިހާވަރެއް ހެއްޔެވެ؟ ޗެކް އެންޑް ބެލެންސް ގެއްލުމުން ލިބޭ ގެއްލުމާ އަޅާބަލާއިރު، ސަލާމަތް ކުރެވޭ ފައިސާކޮޅަކީ ކޯއްޗެއް ހެއްޔެވެ؟

ވަކި އިންތިޚާބުތަކެއް ބޭއްވުމަކީ އިއްތިފާޤެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ނިޒާމުގައި ހިމެނޭ ރައްކާތެރިކަމުގެ ސިފައެކެވެ. ރައްޔިތުންނަށް ސަރުކާރު ވަޒަންކުރުމުގެ ފުރުޞަތު ދިނުމެވެ. ބާރުތައް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. އެއްބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ވީހާވެސް ދުރުކުރުމެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ ހުށަހެޅުމުގެ ފަހަތުގައި ވާ ޙަޤީޤީ ނިޔަތާ މެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ބާރުތައް މުށުތެރެއަށް ލުމުގެ އުކުޅެކެވެ. ޗެކް އެންޑް ބެލެންސް ނައްތާލުމުގެ ރޭވުމެކެވެ. ޑިމޮކްރަސީގެ ބިންގާ ގުޑުވާލުމުގެ މަސައްކަތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު މިހާރު ވަނީ ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައެވެ. ދެން އޮތީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކު ވެސް މި ޙަޤީޤަތް ދެނެގަނެ، މި ނުރައްކާތެރި ހުށަހެޅުގެ ދެފުށް ރައްޔިތުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުމަކީ ޤައުމީ ވާޖިބެކެވެ. އެތައް ބައެއްގެ ގުރުބާނީއާއި މިންނެތް މަސައްކަތުން ދިވެހިންނަށް ލިބިފައިވާ "ރައްޔިތުންގެ ބާރުވެރިކަން" ނޭންގި ތިއްބާ އަތުން ދޫވެގެން ދިއުމަކީ އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ދިވެހިރާއްޖެއަށް ލިބިގެން ހިނގައިދާނެ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0