ރިޕޯޓު

ބ. ފަސްދޭތެރެ ހިމާޔަތްކޮށްގެން ރަށު ކައުންސިލަށް އާމްދަނީ ހޯދާނެ ގޮތް

9 ޖަނަވަރީ 2026 - 19:54
ބ. ފަސްދޭތެރެ ހިމާޔަތްކޮށްގެން ރަށު ކައުންސިލަށް އާމްދަނީ ހޯދާނެ ގޮތް
އާޓްވޯކް: ވިރާސީ

ރާއްޖެއަށް ޓޫރިޒަމް ތާރަފްވިތާ ވަރަށް ކުރީ ކޮޅު ޖަރުމަނުގެ ފޮޓޯގްރާފަރު މައިކަލް ފްރީޑަލް ރާއްޖެއައެވެ. ދިވެހި ރާއްޖެ އެ ދުވަސްވަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ޗާޓަށް އެރުވި މީހަކީ މައިކަލް ފްރީޑަލްއެވެ. އޭނާ ރާއްޖެ އައީ ސްރީ ލަންކާ އެއާފޯރސްގެ ސެސްނާ މަތިންދާ ބޯޓެއްގައެވެ. ފްރީޑަލް ގަބޫލުކުރިގޮތުގައި ދިވެހި ރާއްޖޭގެ ރީތިކަން އެންމެ ފުރިހަމައަށް ފެންނާނީ މަތިންނެވެ. އެ ރީތިކަން ފްރީޑަލްއަށް އެންމެ ފުރިހަމައަށް ފެނުނީ ބ. ފަސްދޭތެރެ މަތިންނެވެ. ފްރީޑަލްގެ ތަސްވީރުތަކާ އެކު ޝާއިއުކުރި ފޮތުގެ ބޭރުގަނޑުގައި ޖެހީ ބ. ފަސްދޭތެރެ މަތިން ފެންނަ ފޮޓޯއެވެ. ފަސްދޭތެރެ ވެގެން ދިޔައީ ދިވެހި ރާއްޖޭގެ "ޓްރޭޑް މާކް"އަށެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެގެން ދިޔަ އިރު، ކުދި ޖަޒީރާ ރަށްތަކެއްގެ ވެރި ދިވެހި ރާއްޖެ ބުނެދިނުމަށް އެންމެ ގިނައިން ބޭނުންކުރި ފޮޓޯ އަކީ ބ. ފަސްދޭތެރޭގެ އޭރިއަލް ވިއުއެވެ. މަތިން ފެންނަ ކުދި، ވަށް ރަށްތަކުގެ ތަސްވީރެވެ. މުތީގެ ހާރެއް ފަދައިން ދިވެހި ރާއްޖެ ސިފަކުރާ އިރު، އެ މަންޒަރު އެންމެ ފުރިހަމައަށް ބުނެދެނީ ބ. ފަސްދޭތެރެއިންނެވެ. އެއީ ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ހާއްސަކަމެކެވެ. ވެށީގެ ތަރިކައެކެވެ.

ފަސްދޭތެރެއަކީ ކޮބާ؟

ބ. ފަސްދޭތެރެ (ފަސްދޫތެރެ، ފަސްދޫއެތެރެ) އަކީ ރާއްޖޭގެ ޖޯގްރަފީގެ ހާއްސަ ސަރަހައްދެކެވެ. ދިވެހި ރާއްޖޭގެ ގުދުރަތީ އަތޮޅުތައް ގުނަނީ ބ. ފަސްދޭތެރެ ހިމަނައިގެނެވެ. ބ. އަތޮޅަކީ ގުދުރަތީ ގޮތުން 3 ބައެވެ. ފަސްދޭތެރެއަކީ ކޮބައިކަމާ މެދު ޖޯގްރަފީގެ އޮޅުމެއް އޮތްކަމަށް ފެނެއެވެ. "ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު"ގައި މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާ ގޮތުގައި ބ. "ފަސްދޫތެރެ" އަކީ މާފަރު ހުޅަނގު ބޭރުން ހުރުވަޅީ އިރުމަތީ ބޭރަށެވެ. އެއީ ކުޑަރިކިލު އޮންނަ ބައި އެކަންޏެވެ. ކެޔޮދޫން އުނޑޫދުވާ ދެމެދު (ފަސްދޭތެރެ ރަށްފަތި) ލުތުފީ ހިމަނުއްވަނީ މައި އަތޮޅުގެތެރޭގައެވެ. "ފަސްދޫތެރެއޭ ކިޔާ ގުދުރަތީ ބައިގެ އިރުމަތީ ދުނި"ގެ ގޮތުގައިވެސް ލުތުފީ މި ބައި ސިފަކުރައްވާފައިވެއެވެ.

ބ. އަތޮޅުގެ ޖޯގްރަފީއާ ތާރީޚު ވަރަށް ރަނގަޅަށް ދެނެލައްވާ، ދަރަވަންދޫ ޔޫސުފް އަލިފުޅު ލިޔުއްވާފައިވަނީ "އަތޮޅުގެ ގޯތިދޮށުކަނޑުން އުތުރު އެއީ އިހުޒަމާނުގައި ޠަބީޢީ ގޮތުން ވަކި ބައެއް ކަމުގައި ބެލެވިފާވާކަމަށް ފެނެ"އެވެ. އިހުގައި ކިޔާ މާޅޮސްމަޑުލު ދެކެނުބުރީ އަތޮޅުވެށި ކިޔަނީ ގޯތިދޮށުކަނޑުން އުތުރުގައިވާ ރަށްތައް ވަކި ރައިވަރެއްގެ ގޮތުގައެވެ. މި ބައި ކިޔަނީ ވޯވަށް ކުޑަރިކިލުން ފެށިގެން ފަސްދޭތެރެ ހަ ރަށް ހިމަނައިގެން މާފަރާ ހަމައަށެވެ. މުސްކުޅި އަތޮޅުވެއްޓަށް ބަލާ ނަމަ ފަސްދޭތެރެ ގުދުރަތީ ބަޔަކީ ކެޔޮދޫން އުނޑޫދުވާ ދެމެދުގައިވާ ރަށްތައް ހިމަނައި، ގޯތިކަނޑުން އުތުރުގައިވާ އެވާ ހުރިހާ ރަށެކެވެ. އެއީ ކުޑަރިކިލު އޮންނަ ބަޔާއި ފަސްދޭތެރެ ރަށްފައްޗާ އެކުގައެވެ.

ބ. އަތޮޅުގެ ތާރީޚާ ޖޯގްރަފީގެ ކަންކަން ދެނެލައްވާ ކުޑަރިކިލު އަރުތަ އިބްރާހިމް ފުޅު ވިދާޅުވަނީ، ފަސްދޭތެރެ އަކީ ހަ ރަށެވެ. އެ ހަ ރަށަކީ ކެޔޮދޫ، ކެންދޫ، ގެމެންދޫ، ހުޅުދޫ، ފުނަދޫ އަދި އުނޑޫދޫ އެވެ. ފަސްދޭތެރެ ކިޔަނީ އެ ހަ ރަށުގެ ރަށްފަތީގައި ވަދެ ނުކުމެ އުޅެވޭ ފަސް ދޭތެރެ ނުވަތަ ކަނޑުއޮޅި އޮންނާތީއެވެ. ކުޑަރިކިލު މުސްކުޅީންގެ ބަހުގައި، ކުޑަރިކިލު އޮންނަ ގުދުރަތީ ބަޔަކީ ކުޑަރިކިލު އަތޮޅެވެ. ޖޯގްރަފީގެ އޮޅުމެއް އޮތް ކަމަށް ފެންނަނީ ބ. ފަސްދޭތެރެ ރަށްފައްޗާއި ލުތުފީ ލިޔުއްވާ ފަސްދޫތެރެ އަތޮޅު (ކުޑަރިކިލު އަތޮޅު) އާއެވެ. ގުދުރަތީ ވަކި އަތޮޅަކީ ކުޑަރިކިލު އޮންނަ ބައި ކަމަށް ވެދާނެއެވެ. ޖޯގްރަފީގޮތުން ފަސްދޭތެރެ ގުދުރަތީ ބޮޑު ސަރަހައްދަކީ ފަސްދޭތެރެ ރަށްފަތި ހިމަނައި ކުޑަރިކިލު އަތޮޅާ އެކުގައިކަމަށް ބުނެވިދާނެއެވެ. 

ފަސްދޭތެރޭގެ ތާރީޚު

ފަސްދޭތެރެ ރަށްތަކުގެތެރެއިން މިހާރު މީހުން ދިރިއުޅެނީ ބ. ކެންދޫގައެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި، ހުކުރު ހަމަނުވާ ރަށްރަށުން މީހުން ބޭލިއެވެ. ފުނަދު އާ އުނޑޫދޫ މީހުން ލީ އޭދަފުއްޓަށެވެ. ފަސްދޭތެރެ ރަށްތައް ވެގެން ދިޔައީ ކެންދުވާއި ކުޑަރިކިލު މީހުންގެ ދިރިއުޅުމުގެ ބަޔަކަށެވެ. ކެންދޫ ކޮންމެ ގެއެއްގައި ހެން ބޮއްކުރާ ނުވަތަ ދަތުރުކުރާނޭ ކުދި ދޯނިފަހަރު ހުރެއެވެ. ފަސްދޭތެރެ ރަށްތަކުން ކާއްޓާއި ފަން ހޮވަން އެ މީހުން ދެއެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ހާއްސަކަމެކެވެ.

ބ. އުނޑޫދޫން މީހުން ބޭލުމަށް ފަހު އެ ރަށް ވަރަށް ގިނަ ދުވަހު އޮތީ ކުރީގެ އެޓޯލްސް މިނިސްޓަރ އަބްދުﷲ ހަމީދުގެ އާއިލީ ފަޅުރަށެއްގެ ގޮތުގައެވެ. އުނޑޫދޫ ބެލެހެއްޓުމުގެ މަސައްކަތް ކުރީ ކުޑަރިކިލު މީހުންނެވެ.އުނޑޫދޫ ފަހުން ލިބިފައިވަނީ އަތަމާ ކުންފުންޏަށެވެ. އަތަމާ ކުންފުނިން އުނޑޫދޫގެ ފެހިކަން ގެއްލޭ ފަދަ އެތައް ކަމެއް ކޮށްފައިވެއެވެ.

ބ. ފުނަދޫން މީހުން ބޭލި އިރު އެ ރަށުގެ ކަތީބު ކަމާ ހަވާލުވެ ހުރީ ކުޑަރިކިލު މުޙައްމަދު ފަތުހީއެވެ. އުނޑޫދޫ އާ ފުނަދޫ ފަޅުވުމުން އެ ދެ ރަށުގެ ފަޅުކަން އެންމެ ބޮޑަށް ހިއްސާކުރީ ކުޑަރިކިލެވެ. ރ. އިފުރުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ބ. ފުނަދޫ ދީފައިވަނީ ކޯސްޓްލައިން ގުރޫޕް އޮފް ކޮމްޕެނީސްއަށެވެ. އިފުރުގައި ހެދި ރިސޯޓާ އެކު ބ. ފުނަދޫ ވިއްކާލަން ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ (ޓީ.އެސްއެމް.އައި) އިން 2020 ވަނަ އަހަރު އިއުލާންކުރިއެވެ. ޓީ.އެމް.އައި އަކީ ކޯސްޓްލައިންގެ ރިސޯޓު މެނޭޖްމެންޓް ޕާޓުނަރެވެ. ފުނަދޫ އަކީ 90 ވިލާގެ ރިސޯޓެއް ތަރައްގީ ކުރުމަށް އެކުންފުނިން ނިންމާފައިވާ ރަށެކެވެ. އޭރު ފުނަދޫ ވިއްކާލަން ނިންމާފައިވަނީ އެކުންފުނީގެ ރިސޯޓު ހެދުމުގެ ކޮންސެޕްޓާއިވެސް އެކުގައެވެ.  

ފަސްދޭތެރޭގަ ރިސޯޓް ހަދަން ނުޖެހެނީ ކީއްވެ؟

ދިވެހި ރާއްޖޭގެ ޓޫރިޒަމަށް މި ވަނީ 50 އަހަރުވެފައެވެ. ރިސޯޓް ޓޫރިޒަމް އެންމެ ފުޅާވެފައިވާ އެއް އަތޮޅަކަށް ވެފައިވަނީ ބ. އަތޮޅެވެ. ރިސޯޓް ބިމު ކުލީގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާ ތިންވަނަ އަތޮޅަކީ ބ. އަތޮޅެވެ. 2024 ވަނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ބ. އަތޮޅުން 184.31 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ގްރީން ޓެކްސްއާއި ޓޫރިޒަމް އެހެނިހެން އާމްދަނީވެސް ދައުލަތަށް އެންމެ ގިނައިންވައްދާ އެއް އަތޮޅަކީވެސް ބ. އަތޮޅެވެ. ނަމަވެސް، އަދިވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްތައް އެބަ ހުއްޓެވެ. އަސާސީ ސިއްހީ ހިދުމަތްތައް ދަށެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ ތަފާސްހިސާބުތަކުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ދަށް އެއް އަތޮޅަކީ ބ. އަތޮޅެވެ.

ބ. އަތޮޅުގެ ހުރިހާ ފަޅެއް ރަށެއްގައި ހެން ރިސޯޓް ހެދިއްޖެއެވެ. އާންމު ފުދުންތެރިކަމާއި ރަށު ތަނަވަސްކަން ނާންނަނީ ކީއްވެހެއްޔެވެ؟ ނުވަތަ އެ ތަނަވަސްކަން އަންނާނެ ގޮތަކީ އަތޮޅުގައި ހުރި މަދު ފަޅުރަށްތަކުގައިވެސް ރިސޯޓް ހަދައިގެން ހެއްޔެވެ؟ 

ފަސްދޭތެރެ ހިމާޔަތްކުރަން ޖެހެނީ ލޯކަލް ޓޫރިޒަމަށް

ކެންދު އަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާވަމުން އަންނަ އެއް ރަށެވެ. "ފަސްދޭތެރެ" މި ނަން ކުރިއަށް ލައިގެންވެސް ކެންދޫގައި ގެސްޓްހައުސް ހިންގައެވެ. ބ. ފަސްދޭތެރެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ގުދުރަތީ ވިއު އަށް ވާނެއެވެ. އެއީ ބ. އަތޮޅަށް، ހާއްސަކޮށް ކެންދުއަށް ލިބިފައި އޮތް ޖަވާހިރެކެވެ. ރިސޯޓް ހަދައި ނުވަތަ އެ ނޫން އިގްތިޞާދީ ބޭނުމަކަށް ވާ ކޮށައި ފަސްދޭތެރެ ރަށްތައް ހަލާކުކޮށްލަފި ނަމަ އެ ރަށްތަފަތީގެ އޭރިއަލް ވިއު ގެއްލުނީއެވެ. އޭރުން ޖަވާހިރަކަށް ނުވާނެއެވެ. މަދު ވަޒީފާކޮޅެއް، ޑޮލަރުކޮޅެއް ލިބިދާނެއެވެ.

ވިސްނާށެވެ. އަހަރުމެންގެ ރަށްތައް ވިއްކައިގެން މުއްސަނދިވަނީ ބޭރު މީހުންނެވެ. އަހަރުމެން ތިބީ ތިބި ގޮތަށެވެ. ކޮންމެ އަތޮޅެއްގެ ފަޅުރަށްތަކުގެ މިންވަރެއް ފަޅު ރަށުގެ ގޮތުގައި ބާއްވަން ޖެހެއެވެ. ފަޅުރަށެއް ފަޅު ރަށެއްގެ ގޮތުގައި އޮތުމަކީ ގެއްލުމެއް ނޫނެވެ. އަތޮޅެއްގެ ހުރިހާ ފަޅުރަށެއްގަ ރިސޯޓް ހެދިޔަސް، ރަށު ފުދުންތެރިކަން ނާންނަކަން އެންމެ ރަނގަޅަށް އެނގޭނީ ބ. އަތޮޅަށް ބެލީމައެވެ. ރިސޯޓަކީ މަދު ވަޒީފާ ކޮޅެކެވެ. މަތީ ފަންތީގެ ގިނަ ވަޒީފާތަކަކީ ބޭރު މީހުންނެވެ. ރިސޯޓަކުން އަތޮޅަށް ވަންނަ އާމްދަނީ ކުޑައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބ. އަތޮޅުގައި މިހާރު 79 ގެސްޓް ހައުސް އެބަ ހުއްޓެވެ. އެއީ 1،106 އެނދެވެ. ދިވެހި ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރަމުން އަންނަނީ ބ. އަތޮޅުގައެވެ. ކުރިއަށް އޮތް ތަނުގައި ބ. އަތޮޅުގެ ރިސޯޓްތަކުގައި ރޫމް ހުރި އަދަދަށް ވުރެ ގެސްޓް ހައުސްތަކުގެ ރޫމް އިތުރުވެދާނެއެވެ. މުޅި އަތޮލޫގެ ހުރިހާ ފަޅު ރަށެއް ރިސޯޓް ހަދައި ހުސްކޮށްފި ނަމަ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އެކްސްކާޝާނަށް ދާނެ ރަށްތައް ހުސްވީއެވެ. ދިވެހިން ޕިކްނިކް ދާނެ ރަށްވެސް ހުސްވީއެވެ. މީހުން އުޅޭ ގިނަ ރަށްރަށުގެ ގޮނޑުދޮށްތައް ތަރައްގީގެ މަޝްރޫއުތަކުގައި ހަލާކުވެއްޖެއެވެ. 

ރަށު ފުދުންތެރިކަން އަންނަނީ ރަށު ފަތުރުވެރިކަމުންނެވެ. ރަށު ފަތުރުވެރިކަމަށް އަދި އާންމު ދިރިއުޅުމަށް އެންމެ މުހިންމީ ރަށް ކައިރީ ފަޅުރަށް، ފަރު، ހުރާ، ފިނޮޅުތައް ހުރުމެވެ. ގުދުރަތީ ހާއްސަ ސަރަހައްދުތައް ހުރުމެވެ. ކާށި ހޮވަން، ފަން ހޮވަން ދާނެ ފަޅުރަށް ހުރުމެވެ. ޕިކްނިކްދާނެ ފަޅުރަށް ހުރުމެވެ. ރަށަށް އަންނަ ޓޫރިސްޓުން އެކްސްކާޝަނަށް ދާނެ ފަޅުރަށް ހުރުމެވެ. ފަޅުރަށަކީ އިސްރާފެއް ނޫނެވެ. އިސްރާފަކީ ހުރިހާ ފަޅުރަށެއްގައި ރިސޯޓް ހަދައި، ނުވަތަ އިގްތިސާދީ ބޭނުމަށް ވާ ކޮށައި، ގުދުރަތީ ވަސީލަތްތައް ހުސްކޮށް ފެހިކަން ނަގާލުމެވެ. 

ފަސްދޭތެރެއިން ރަށު ކައުންސިލަށް އާމްދަނީ ވެއްދުން

ބ. ފަސްދޭތެރެއަކީ ބ. އަތޮޅުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދަކަށް ހެދޭނެއެވެ. މިހާރުވެސް ކެންދުއަށް އަންނަ ފަތުރުވެރިންގެ މަންޒިލަކީ ފަސްދޭތެރެއެވެ. ދިވެހީން ޗުއްޓީއަށް ގޮސްލާނެ ސަރަހައްދަކަށްވެސް ހެދޭނެއެވެ. އަތޮޅުގެ ރައްޔިތުން ޕިކްނިކްދާނެ ސަރަހައްދަކަށްވެސް ހެދޭނެއެވެ.އަދި މަސައްކަތްކޮށްފި ނަމަ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންވެސް ބ. ފަސްދޭތެރެ ބަލަން އައުމުގެ އިންތިޒާމެއް ހަމަޖެއްސޭނެއެވެ. ފަސްދޭތެރެ ރަށްތައް މަތިން ބެލުމުގެ އިންތިޒާމެއްވެސް ހަމަޖެއްސޭނެއެވެ. މާފުށި ކައިރިން ވައިކުޑައިގައި މަތިން ބަލަން އެ ތިބޭ ފަތުރުވެރިން ފަސްދޭތެރެ ބަލަން ނުތިބޭނެ ހެއްޔެވެ؟

ކެންދޫ ކައުންސިލުން ސަރުކާރަށް ކުރަންވީ ޑިމާންޑެކެވެ. ކައުންސިލް އިންތިހާބުގެ ކުރިއަށް މި ފަދަ ޑިމާންޑެއްކޮށްފި ނަމަ މި މަސައްކަތް ކާމިޔާބުވުން ފަސޭހަވާނެއެވެ. ފަސްދޭތެރޭގައި ރިސޯޓް ހަދައި ހަލާކުކޮށް ނުލައި، ގުދުރަތީ ތަރިކައެއްގެ ގޮތުގައި ބާއްވައިދިނުމަށެވެ. ބ. އަތޮޅުގެ އެހެން ރަށްރަށް މި މަސައްކަތުގައި ބައިވެރިކޮށް އާމްދަނީ ހިއްސާކުރެވިދާނެއެވެ. ފަސްދޭތެރެ މެނޭޖްމަންޓް އޮފީހުގެ ގޮތުގައި ކެންދޫގައި އޮފީހެއް ގާއިމުކުރެވިދާނެއެވެ. ރިސޯޓްތަކާ ގެސްޓްހައުސްތަކުން ފަސްދޭތެރެ ރަށްތަކަށް އެކްސްކާޝަނަށް އަންނަ ފަތުރުވެރިންގެ އަތުން ފީއެއް ނެގިދާނެއެވެ. ޕިކްނިކް އަންނަ ދިވެހީންގެ އަތުންވެސް ރަށްތައް ބަލަހައްޓަން ހިނގާ ހަރަދުގެ ގޮތުގައި ފީ ނެގިދާނެއެވެ. ފަސްދޭތެރެ ރަށްތައް ބަލަހައްޓާނީ ކެންދޫގައި ހުންނަ މެނޭޖްމަންޓް އޮފީހުންނެވެ. ކެންދޫ ކައުންސިލަށް ނުވަތަ މި މަސައްކަތުގައި ހިއްސާވާ ރަށު ކައުންސިލްތަކަށް އާމްދަނީ ބެހިދާނެއެވެ. ފަޅުރަށްތަކެއް، ފަޅުރަށުގެ ގޮތުގައި ބަހައްޓައިގެން އާމްދަނީ ލިބޭނެކަން ފަސްދޭތެރެއިން ބުނެދޭއެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވެ، ބ. އަތޮޅުގެ ހުރިހައި ފަޅުރަށެއްގައި ހެން ރިސޯޓް ތަރައްގީކުރެވުނު އިރު، ބ. ފަސްދޭތެރެ ރަށްތައް ފަޅުރަށްތަކެއްގެ ގޮތުގައި، އަތްނުލައި އޮތުމަކީ އަހަރުމެންނާ ހަމައަށް ލިބުނު އަމާނާތެކެވެ. އަދި މާދަމާގެ ޖީލަށް އެ ރަށްތައް ހަލާކުކޮށްނުލައި ފޯރުކޮށްދޭން ޖެހެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0