ރިޕޯޓު

ގަރާޖު ސިޓީގެ މައްސަލައަށް ހައްލެއް ނާދޭ، އަގު ދެ ލައްކައިން މަތީގައި

17 ފެބްރުވަރީ 2026 - 09:00
ގަރާޖު ސިޓީގެ މައްސަލައަށް ހައްލެއް ނާދޭ، އަގު ދެ ލައްކައިން މަތީގައި
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން -- ފޮޓޯ: ވިރާސީ

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލޭ ސަރަހައްދުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ސިޓީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ކަމަށް ބުނި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނުކުތުމުގެ ބަދަލުގައި ގަރާޖު ސިޓީއެއްގެ އަގު ދެ ލައްކަ ރުފިޔާއިން މައްޗަށް އުފުލިއްޖެއެވެ.

"ވިރާސީ" އިން ބެލި ބެލުމުން އެނގުނު ގޮތުގައި މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ވިއްކުމުގެ ވިޔަފާރިއަކަށް އެއްވެސް ހުއްޓުމެއް ނައިސް ދަނީ ފުޅާވަމުންނެވެ. ދުވަހެއް ދުވަހަކަށް އަގު ބޮޑު ވަމުންނެވެ.

ގަރާޖު ސިޓީއަކީ މާލެ ސަރަހައްދުގައި ކާރު ނުވަތަ ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ ކުރިން، އެ އުޅަނދު ބާއްވާނެ ގަރާޖެއްނުވަތަ ޕާކިން ޖާގައެއް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔުމެކެވެ. ޓްރެފިކް ތޮއްޖެހުންހައްލުކުރުމުގެ މަގުސަދުގައި ތައާރަފުކުރި މި ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ގަރާޖެއް ނެތި ހަމައެކަނި ކަރުދާހުން ސިޓީ ވިއްކުމުގެ ވިޔަފާރިއެއްފެށިގެން ދިޔައީއެވެ.

މިއަދު މާލޭގައި ކާރެއް ރަޖިސްޓްރީ ކުރަން ބޭނުންވާ މީހަކު ގަރާޖު ސިޓީއެއް ހޯދުމަށް ދެ ލައްކައާއި ތިން ލައްކައާ ދެމެދުގެ އަދަދެއް ޚަރަދު ކުރަންޖެހޭކަމަށް ބާޒާރުގެ މައުލޫމާތުތައް ދައްކައެވެ.

މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުން ހުއްޓުވާލައި، އެ މައްސަލައަށްނިމުމެއް ގެނެސްފައިވާ ކަމަށެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ގަރާޖު ސިޓީ ވެރިފައި ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ސައްހަ ނޫން ގަރާޖު ސިޓީބޭނުންކޮށްގެން ވެހިކަލް ރަޖިސްޓްރީ ކުރުން ހުއްޓުވާނެ ފިޔަވަޅުތައް އެޅިއެވެ.

އެހެންނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިނިސްޓަރު އެފަދައިން ވިދާޅުވުމުގެ ފަހުން މާލޭ ސަރަހައްދުގައި 4000 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. ނަމަވެސް މި އަދަދާ އެއްވަރަށް މާލޭ ސަރަހައްދުގައި އައު ގަރާޖެއް ނުވަތަ ޕާކިންޖާގައެއް އިތުރުވެފައެއް ނުވެއެވެ.

މިއީ ސުވާލު އުފެދޭ ކަމެކެވެ. ގަވާއިދުގައިވާ ގޮތުން، ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ވެސް ވަކި ގަރާޖު ޖާގައެއް އޮންނަން ޖެހެއެވެ. ނަމަވެސް އައުގަރާޖެއް ނެތި 4000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވުނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ކުރިން ވެސްއޮތް ގަރާޖު ސިޓީގެ ވިޔަފާރި އެ ގޮތުގައި ކުރިއަށްދާ ކަމެވެ.

މި މައްސަލައިގެ ސީދާ ގެއްލުން ލިބެނީ އެއްގަމު އުޅަނދެއް ގަންނަ އާންމު ރައްޔިތުންނަށެވެ. ކާރެއް ގަންނަ މީހާ، އުޅަނދުގެ އަގުގެ އިތުރުން ގަރާޖުސިޓީއަށް އެކަނި ވެސް ދެ ލައްކައާއި ތިން ލައްކައާ ދެމެދުގެ އަދަދެއް ދައްކަން މަޖުބޫރުވެއެވެ. މި ފައިސާ ދަނީ އެއްވެސް ހިދުމަތެއް ނުދީ، ހަމައެކަނިކަރުދާސްގަނޑެއް ވިއްކާ ފަރާތްތަކުގެ ޖީބަށެވެ.

ގަރާޖު ސިޓީގެ ނިޒާމުގެ މަގުސަދަކީ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް ގަރާޖެއް ނެތި އުޅަނދު ރަޖިސްޓްރީ ވަމުންދާތީ، މަގުތައް ދަނީދުވަހެއް ދުވަހަކަށް ތޮއްޖެހެމުންނެވެ. މާލޭގެ ހަނި މަގުތަކުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ވެސްބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ.

ސަރުކާރުން މައްސަލަ ހައްލުކުރި ކަމަށް ބުނި ނަމަވެސް، ހިސާބުތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ގަރާޖު ސިޓީގެ އަގު ދެ ލައްކައިން މައްޗަށްއުފުލިފައި ހުރުމަކީ، އެ ވިޔަފާރި ކުރިއެކޭ އެއްގޮތަށް ހިނގަމުންދާ ކަމުގެ ހެއްކެކެވެ. ޑިމާންޑް ނެތް ނަމަ އަގު މިހާ މައްޗަކު ނުހުންނާނެއެވެ.

އެތައް ސަރުކާރެއް ބަދަލުވެގެން ދިޔައިރު ވެސް ގަރާޖު ސިޓީގެ މައްސަލައަށް ދާއިމީ ހައްލެއް ނާދެއެވެ. ރައްޔިތުންގެ ޖީބުން ބޭކާރު ގޮތުގައި ފައިސާހޭދަވަމުންދާއިރު، މާލޭގެ ޓްރެފިކް މައްސަލައަށް ވެސް ލުޔެއް ނުލިބެއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ސީރިއަސް ފިޔަވަޅުތަކެއް އެޅުން ލަސްވެފައިވާއިރު ސަރުކާރުން އަޅަން ބުނި ފިޔަވަޅުތަކާމެދު ރައްޔިތުންގެ ތެރޭގައި ވަނީ އިތުބާރު ކުޑަވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0