ރިޕޯޓު

އަލުން ތަރައްގީކުރި ބާޒާރުމަތީ ސަރަހައްދު - ޒަމާންތަކެއް ވަންދެން އުފުލި ދަތިތަކަށް ނިމުމެއް

19 ފެބްރުވަރީ 2026 - 16:02
އަލުން ތަރައްގީކުރި ބާޒާރުމަތީ ސަރަހައްދު - ޒަމާންތަކެއް ވަންދެން އުފުލި ދަތިތަކަށް ނިމުމެއް

މާލޭގައި ކޮންމެހެން ދާންޖެހޭ ތަނަކަށް ދިއުމަށް, ނުވަތަ ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ގަތުމަށް ނޫނީ ސައިކަލު ނުވަތަ ހަތަރުފުރޮޅުލީ އުޅަނދެއްގައި މީހުން ނުދާ ސަރަހައްދެއް އޮވެއެވެ. ޚާއްސަކޮށް ހެނދުނުން ފެށިގެން ރޭގަނޑު އިރާކޮޅުގެ ވަގުތުތަކާއި ހަމައަށް މި ސަރަހައްދަށް އެއްގަމު އުޅަނދެއްގައި ދުއްވާފައި ވަންނަ މީހަކުނަމަ އެމަގުން އާދެވުނު މޮޔަހީވެގެން އުޅެއެވެ. މިއީ ފާއިތުވީ ތިރީހަކަށް އަހަރު މާލޭ ބޮޑުތަކުރުފާނު މަގު ބާޒަރުމަތީ ސަރަހައްދުގެ ހަގީގަތެވެ.

މިސަރަހައްދުގެ ޓްރެފިކުގައި ތާށިނުވާ ވަގުތެއް މަދުވާނެއެވެ. އެމްޕީއެލުން ނެރޭ މުދާ އުފުލާ ބަރު އުޅަނދުފަހަރާއި ނޯތުހާބަރު ސަރަހައްދުގައި އޮންނަ ބޯޓުފަހަރަށް މުދާ އުފުލާ ޕިކަޕުތަކާއި ގޭބިސީތަކަށް މަހާއި ތަރުކާރީ ގަތުމަށް އެސަރަހައްދަށް ގޮސްއުޅޭ މީހުންނާއެކު ބާޒާރުމަތީގެ ބޮޑުތަކުރުފާނު މަގާއި އެމަގާއި ގުޅޭ ހުރިހާ މަގެއްހެން އޮންނަނީ ތޮއްޖެހި ފުރި ބާރު ވެފައެވެ.

ނަމަވެސް އެދުވަސް މިއަދު މާޒީ ވެއްޖެއެވެ. އެދުވަހު ތަހައްމަލުކުރި އުނދަގޫތަކަށް ލުއިފަސޭހަކަން ލިބިއްޖެކަމުގެ އިހުސާސް އެސަރަހައްދުން ދުއްވާލާފައިދާ ކޮންމެ މީހެއްގެ ހިތައްމެ ވެރިވެގެންދެއެވެ. މާލޭގެ އެންމެ ހަލަބޮލި ވިޔަފާރި ސަރަހައްދު ކަމުގައިވާ ބާޒާރުމަތީގައި ތާރައެޅުމުގެ މަޝްރޫޢު ނިންމައި ހުޅުވާލުމުން އެ ސަރަހައްދު ބޭނުންކުރާ ރައްޔިތުންނާއި ވިޔަފާރިވެރިން އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުން އައި ދަތިތަކަށް ދާއިމީ ހައްލެއް ލިބިއްޖެއެވެ.

 

ބާޒާރުމައްޗަކީ މާލޭގެ އިޤްތިޞާދީ ހަރަކާތްތަކުގެ މައި މަރުކަޒެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ މި ސަރަހައްދުގެ މަގުތައް އެތައް އަހަރެއް ވަންދެން އޮތީ ވަރަށް ދެރަ ނިކަމެތި ހާލަތެއްގައެވެ. މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، ވާރޭވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވެ، ހިނގާ މީހުންނާއި އުޅަނދުފަހަރު ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

 

"30 މިނެޓުން ކުރެވޭ ވިޔަފާރި 2 ގަޑިއިރަށް ދެމިގެންދޭ, މީ ދެތިން ހޯލްސޭލް ފިހާރައަކުން ވިޔަފާރި ކުރާތީ ވާވަރު" ބާޒާރުމަތީ ފިހާރަތަކުން ފާއިތުވީ 20 އަހަރު ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިޔާ އަޙްމަދު ނަސީމް ވިދާޅުވިއެވެ. ނަސީމް އިތުރަށް ބުނި ގޮތުގައި ބާޒާރުމަތީ މަގު ފުޅާކޮށް ބޮޑުކުރުމުގެ ސަބަބުން އޭނާގެ ކަންމަތީ ފިހާރައަށް ބޭނުންވާ މުދާ ގަތުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ގޮއްސިއެވެ.

 

އެމްޓީސީއާއި ހަވާލުކޮށްގެން ހިންގި މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ސަރަހައްދެއްގައި ވަނީ ޒަމާނީ ފެންވަރަށް ތާރައަޅައިފައެވެ. މަޝްރޫޢުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ މޫސުމާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ މެޓީރިއަލްތަކެވެ. ހަ މަސް ދުވަހުގެ ތެރޭގައި ނިންމި މި މަޝްރޫޢަށް ގާތްގަނޑަކަށް 144 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

 

ތާރައެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމު ވެސް ވަނީ އަލުން ޤާއިމުކޮށްފައެވެ. މިއާއެކު ވާރޭވެހުނު ކަމުގައި ވިޔަސް ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމަށް ޚާއްޞަ ނިޝާންތައް ވެސް ކުރެހިފައިވެއެވެ.

 

މި މަޝްރޫޢު ނިމުމާއެކު ވިޔަފާރިތަކަށް އައި ހެޔޮ ބަދަލު ވިޔަފާރިވެރިންނާއި އޮޑިވެރިން ފާހަގަކުރައްވައެވެ. ޖާގަ ތަނަވަސްވެ، މުދާ އުފުލުމަށް ފަސޭހަވެ، ސަރަހައްދުގެ އާންމު ސިފަ ރީތިވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. "މީހަކު ނުބުންޏަސް އެނގޭނެ ބޯޓުދޮށަށް މުދާ އުފުލުމުގައި ދިމާވާ ބުރަތައް, މި ސަރަހައްދުގައި ބޯޓު އޮންނަ ދުވަސް ދުވަހު ދުވާލުގަޑީގައި ބަރުގޮނުގެ އަޑުފައްގަނޑާހެދި މީހާ ހުންނަނީ ބޮލުގަ ރިއްސައިގަނެފަ, އެކަމަކު މި ސަރަހައްދު މިހާރު މިއޮތީ މުޅީން ބަދަލުވެފަ, މިއަދު މާރުކޭޓަށް އައިގަޑީގަ ގަބޫލުކުރަންވެސް ދަތިވި." އައްޑޫއަށް ނިސްބަތްވާ ބޯޓެއްގެ ކޭޝިއަރަކު "ވިރާސީ" އާއި ވާހަކަދައްކަމުން ކިޔައިދިނެވެ.

ބާޒާރުމަތީ ސަރަހައްދަށް މިއައި ބޮޑު ބަދަލާއެކު މާލޭގައި ދިރިއުޅޭ އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ގެއަށް މަސްގަތުމަށް މަސްމާރުކޭޓަށް ދާ މީހާއިން ފެށިގެން ހަވީރު ފިންޏަށް ސައިކަލު ބުރުޖަހަން ނުކުންނަ މީހާއަށްވެސް މާލޭގެ ބާޒާރުމަތީން ކުރިން ތަހައްމަލުކުރަމުން އައި އުނދަގުލާއި ތުރާތަކާއި ކުރިމަތިލާން ނުޖެހޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0