ރިޕޯޓު , ޚަބަރު

ސަރުކާރަށް ދެ އަހަރު: ވައުދު ނުފުއްދި، ރައްޔިތުންނަށް ދައްކަން އޮތީ އަވާމެންދުރެއް!

17 ނޮވެންބަރު 2025 - 12:13
ސަރުކާރަށް ދެ އަހަރު: ވައުދު ނުފުއްދި، ރައްޔިތުންނަށް ދައްކަން އޮތީ އަވާމެންދުރެއް!
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން. ފޮޓޯ: ވިރާސީ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް އަމާނާތްތެރިވާން ވާނެއެވެ. ވައުދަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ. ގައުމުގެ ތަރައްގީއަށްޓަކައި މިވެނި އެވެނި މަޝްރޫއުތަކެއް ހިންގާނަމޭ ބުނެފިނަމަ އެ ކަންކަން ކޮށް ނިންމާފައިވަނިކޮށް ރައްޔިތުންނަށް ފެންނަން ވާނެ އެވެ. އޭގެ އުފަލާ ހިތްހަމަޖެހުމާ ފަސޭހަ ރައްޔިތުންނަށް ފެންނަން ވާނެ އެވެ." 

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެ އަހަރު ކުރިން ނެރުއްވި މެނިފެސްޓޯގެ އިސްބަހުގައި ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. ވައުދު ފުއްދުމުގެ މުހިންމު ކަމެވެ. ހިންގާނެ ކަމަށް ބުނާ މަޝްރޫއުތައް ނިމި އޭގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވީ އޭރުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ރީތި މަންޒަރުތަކާއެކު އެކުލަވާލި މެނިފެސްޓޯއާއި އޭގެ ފަހުން އެކި ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވައުދުވެވަޑައިގެންނެވި ވައުދު ފުއްދަވާ ނަތީޖާއިން އެކަން ދައްކަވާނެ ވެރިއަކަށް ވާނެ ކަމުގައެވެ. ރައީސް އޭރު ވިދާޅުވި ގޮތުގައި "ވައުދުތަކެއް ވުމުގެ ހަގީގީ މާނައަކީ އެ ކަންކަން ތަންފީޒުކުރަން ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއި ވަފާތެރިކަމާއެކު އަމަލީ ގޮތުން މަސައްކަތް ކުރުމެވެ." 

ރައްޔިތުންނަށް ހިތްހަމަޖެހުން އިހުސާސް ކުރެވުނު މިންވަރު މިނެކިރަން އޮތީ ސިޔާސީ ޕޯޑިއަމެއްގައި ދައްކާލާ ވާހަކައަކުން ނޫނެވެ. ނުވަތަ, މިލިއަނުން ހަރަދުކޮށްގެން މީހުން އެއްކޮށްގެން ދައްކާލާ "ބޮޑު މަންޒަރު" އަކުން ވެސް ނޫނެވެ. އެކަން މިނެކިރެން ހަގީގަތުގައި ވެސް އޮތީ ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ "ނަތީޖާ" އިންނެވެ. 

ވެރިކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފިސް
ވެރިކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފިސް

ވެރިކަމުގެ ދެ އަހަރު ފުރި ކާމިޔާބީ ފާހަގަކުރަމުން އަންނައިރު ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ ވައުދު ފުއްދިއްޖެތޯ އެވެ. ނަތީޖާ ދެއްކި ރައްޔިތުންނަށް އެ ފޮނިމީރުކަން އިހުސާސްކުރެވިއްޖެތޯ އެވެ. ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި މުހިންމު ވައުދުތަކުގެ "ނަތީޖާ" އޮތީ ކިހާ ހިސާބެއްގައިތޯ އެވެ. 

ދެ އަހަރުން ސިފަ ގެއްލިއްޖެ؟

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ޖުމްހޫރީ މައިދާނުގެ ބޮޑު ދިދަ ދަށުގައި އެތައް ސަތޭކަ ރައްޔިތުންގެ ކުރިމަތީގައި ޕީއެންސީގެ ސަރުކާރު ސިފަ ކުރެއްވީ މިގޮތަށެވެ;

"އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ!" 

ނަމަވެސް ފާއިތުވީ ދެ އަހަރުން ރައީސް މުއިއްޒު އޭރު ސިފަ ކުރެއްވި ގޮތް މުޅިން ބަދަލުވެއްޖެ އެވެ.

އަދުލުވެރިނުވުމާއި ބޭއިންސާފުގެ ކުޑަކުޑަ މިސާލެކެވެ; ސަރުކާރުން މެޑަލް ޖަހާފައި ކޮރަޕްޝަނާއި ވައްކާ ދެކޮޅު ކަމަށް ދެއްކުމަށް ކުރި ދެ ކަމެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ހުރީ ވާނުވާ ބަންދަށް ޖަލުގަ އެވެ. އެހެންނަމަވެސް, އެތައް މިލިއަން ރުފިޔާގެ ގޯތި ވިއްކުމާއި ރައްޔިތުންގެ ބިންތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ވަކިކުރެވުނު އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު އަދިވެސް ހުންނެވީ ޕާޓީގެ އިސްސަފުގަ އެވެ.

އިތުރު މިސާލެކެވެ; ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން އޭސީސީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި ގާނޫނުގެ މައްސަލައިގެ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. އަވަސް އަރުވާލައިގެން ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި މަޖިލީހުން ވަކިކުރިއިރު, އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ރައީސް މުއިއްޒު ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން ނުދިނެވެ. ނުވިތާކަށް އެ ދުވަހު އޭސީސީއިން ބެލީ ކޮން މައްސަލައެއް ކަން އެނގޭ މީހަކު ވެސް ނެތެވެ. 

0 މިލިއަނުން ހަރަދުކޮށްގެން ސަރުކަރުގެ
0 މިލިއަނުން ހަރަދުކޮށްގެން ސަރުކަރުގެ "ސައިޒު ދައްކަން" ބޭއްވި ޖަލްސާގެ ތެރެއިން- ފޮޓޯ: ވިރާސީ

ކޮރަޕްޝަން ހުއްޓުވާނެ ވެރިއަކަށް ވާނެ ކަމަށް ހަރު އަޑުން ވިދާޅުވި ވެރިޔާގެ ވެރިކަމަށް ދެ އަހަރު ވީއިރު ސިއްކަ ޖެހިފައި އޮތީ އެއް ދުވަހުން ކޮރަޕްޝަނަށް ފަހިވާ ގޮތަށް އެންމެ ގިނަ މަޝްރޫއު ބަހާލި ކަމުގެ ރެކޯޑާއެކުގަ އެވެ. ތިން ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުވާ މަޝްރޫއުތައް އެއް ދުވަސް ތެރޭގައި މެންބަރުންނާއި ޕާޓީގެ އިސްވެރިންނާއި ގާތް މީހުންގެ ކުންފުނިތަކަށް ހަވާލުކުރީ ބިޑު ކުރުމެއް ނެތި އެވެ. އެކަމަށް ފަހިވާ ގޮތަށް މާލިއްޔަތު ގާނޫނު ބަދަލުކޮށްގެންނެވެ. 

ދެ ފުށް ފެންނާނެ ކަމަށް ބުނި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރެވެ. މާލިއްޔަތު ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭ ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރަނީ ހިތަށް އެރި ފަހަރަކު އެވެ. ރަށްރަށުގެ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިއްސާކުރަމުން އައި ވެބްސައިޓު ބަންދުކޮށްފިއެވެ.  ބަޖެޓުގައި ރަށްރަށުގައި ހިންގާނެ މަޝްރޫރުތަކުގެ މައުލޫމާތު ވެސް ސިއްރެވެ. މައުލޫމާތެއް ހޯދުމަށް ދައުލަތުގެ އެއްވެސް އިދާރާއެއްގައި އެދިގެން އެ މައުލޫމާތު ވެސް ނުދެނީ އެވެ. 

ވައުދުތައް ނުފުއްދި ހަގީގަތުގައި ވެސް މިއަދު ފެނިގެން ދަނީ ހީލަތްތެރިކަމާއެކު ރައްޔިތުންނަށް އޮޅުވާލައިގެން އަވާމެންދުރެއް ދައްކައިގެން އުޅޭ މަންޒަރެވެ. 

"އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ!"

ހައުސިން މިނިސްޓަރު ކަމުން ސިޔާސީ ހަޔާތް ފެށުނިމާ ކަމަށް ވެސް ވެދާނެ އެވެ. ރައީސް މުއިއްޒު ފުރަތަމަ ދުވަހުން ފަށައިގެން ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދެވެ. ބޯހިޔާވަހިކަން ނުލިބޭ އެންމެ ދިވެހިރައްޔިތަކު ވެސް މި ފަސް އަހަރު ނިމޭއިރު ނުހުންނާނެ ކަމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. 

ބޯހިޔާވަހިކަމަށް އިސްކަން ދެއްވާ ކަން ހާމަކުރެއްވުމުގެ ގޮތުން މި ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލި 2025 ގެ ބަޖެޓު އިސްކަން ދެއްވީ ބޯހިޔާވަހިކަމަށެވެ. "ބޯހިޔާވަހިކަމުގެ ބަޖެޓް" ގެ ގޮތުގައި މަޝްހޫރުކުރި ބަޖެޓުން އަހަރު ނިމެން ދެ މަހަށް ވީއިރު, ހަތް ޕަސެންޓު ވެސް ހޭދަ ނުކުރެވެ އެވެ. ރަށެއްގައި ބޯހިޔާވަހިކަން އެޅުމަށް ގަލެއް ނުބޭއްވި, ގަނޑެއްގައި ސޮއެއް އެޅޭ ވަރު ކުރެވުނީ ވެސް އަހަރު ވެސް ދެ މަހަށް ވުރެ ކުޑަތަން ވީ ފަހުންނެވެ. 

ބޯހިޔާވަހިކަމުގެ ބަޖެޓު ދިޔައީ ފަނުފުލުންނެވެ. އެކަން ފޮރުވުމަށްޓަކައި ރޭ ރައްޔިތުންގެ ބޮލުގައި އެޅުވި އަނދުނަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކުރުމެވެ. ދެ އަހަރުން އާންމުކުރެވުނީ މި ސަރުކާރުން ބޯހިޔާވަހިކަން ދޭނެ އުސޫލެވެ. 

ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައީސް މުއިއްޒު ކުރެއްސެވި އެއް ކުރެހުމަކީ ރަސްމާލޭގެ ނަލަ ތަސްވީރެވެ. ދައުލަތުން ލޯލާރިއެއް ހަރަދުނުކޮށް އަށް މަސް ދުވަހުން ހިއްކާ ނިންމަން ބުނި އަށް މާލެ ވަރުގެ ރަށެވެ. ވެރިކަމަށް ދެ އަހަރު ފުރުނުއިރު ދައުލަތުން އެތައް މިލިއަނެއް ހަރަދުވިއިރު, މި ބިޔަ ބޮޑު މާލެއިން އަދި ހިއްކުނީ އެންމެ 10 ޕަސެންޓެވެ. ރަސްމާލެ ނިންމަން ތާރީހަކަށް ފަހު ތާރީހެއް ރައީސް ދެއްވާފައިވާއިރު މިހާރު ދެއްވާފައިވާ އާ ތާރީހަކީ ކުރިއަށް އޮތް ފަސް މަހެވެ. 

އަށް މަހުން ހިއްކަން ބުނި ރަސްމާލޭގެ ހިއްކުނީ އަދި އެންމެ 10 ޕަސެންޓް - ފޮޓޯ: ރައީސް އޮފީސް
އަށް މަހުން ހިއްކަން ބުނި ރަސްމާލޭގެ ހިއްކުނީ އަދި އެންމެ 10 ޕަސެންޓް - ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގެ ހުވަފެނާއެކު, މާލެއާ ރަސްމާލެ ގުޅުވާލަދޭ ހިޔާލީ ބިއްލޫރި ޓަނަލްގެ ވާހަކަ ނުގެނެސް ފުރިހަމައެއް ނުވާނެ އެވެ. ހައްތަހާ ވެސް ދިވެހިންނަށް ދެއްކި ހުވަފެނެވެ. 

ޑޮލަރުގެ އަގުހެޔޮ ކުރާނެ ކަމަށް ބުނެ ވީ ވައުދު އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. އޭގެ އަގު އުފުލެމުން ދަނީ ރައީސް މުއިއްޒު ވައުދަކަށް ފަހު ވައުދެއް ވެވަޑައިގަންނަމުންދާހާ ބާރު ސްޕީޑުގަ އެވެ. ހަރަދު ކުޑަކޮށް އިގްތިސޯދު ހަމައަކަށް އަޅުވަން ވީ ވައުދު އޮތީ ބިލާހެއްގެ ގޮތުގަ އެވެ. ހަރަދު އިތުރަށް ބޮޑުވެ، އާމްދަނީ އިންތިހާއަށް އިތުރުވެ ގޮތް ހުސްވާ ހާލުގަ އެވެ. 

މި ހުރިހާ ހުވަފެނުންތަކާއެކު، ސަރުކާރަށް ދެއްކެން ނެތީ ރައްޔިތުންނަށް ވީ ވައުދުތަކުގެ ނަތީޖާ އެވެ. ބޭންކް އޮފް މޯލްޑިވްސްއިން އަޅަމުން ގެންދިޔަ އޭޓިއޭމްތަކާއި ރަށު ކައުންސިލްތަކުން ފޯރުކޮށްދެމުން ގެންދިޔަ އައިޑީކާޑު ހިދުމަތަކީ މި ސަރުކާރުން ކޮށްދިން މުހިންމު ކަންކަމުގެ ގޮތުގައި ދެއްކިދާނެ އެވެ.

ކޮންމެ ގޮތަކަށް ދައްކައިދޭން ރައީސް މުއިއްޒު މަސައްކަތް ކުރެއްވިނަމަވެސް ހަގީގަތަކީ ފާއިތުވީ ދެ އަހަރު ތެރޭގައި މުޅި ނިޒާމު އެ ފުށް މިފުށަށް ޖެހިއްޖެ ކަމެވެ. ތިން ބާރު މަސްހުނިވެ، ހުދުމުހުތާރު ސިފަތައް ދައުލަތުން ފެންނަން ފަށައިފިއެވެ.  ދޭދޭ ގައުމުތަކާ އޮތް ގުޅުން ގޯސްވެއްޖެއެވެ. އިގްތިސޯދު އޮތީ އަނދަވަޅެއްގަ އެވެ. ހިޔާލުފާޅުކުރުމާއި ބަސްބުނުމުގެ ހައްގު ހަނިވެއްޖެއެވެ.

ސަރުކާރަށް 104 ހަފްތާވުމުގެ ކާމިޔާބީ ފާހަގަކުރަމުން އަންނައިރު ރައްޔިތުންނަށް ކަމެއް ނުކޮށްދެވި، ދެން ވެސްރައްޔިތުންނަށް ދައްކަން އޮތީ ހަމަ އަވާމެންދުރެކެވެ.  

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0