އަބްދުއްރަހްމާނުގެ މަރަށް 7 ދުވަސް: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ޒަހަމްތަކަކާއެކު މަރުވާން ދޫކޮށްލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ މަރަށް 7 ދުވަސް ވޭތުވެގެން ދިޔައިރު ތުހުމަތުކުރެވޭ އެއްވެސް މީހެއް އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.
މިހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހްމާން މާޅޮސް ސިއްހީމަރުކަޒަށް ގެންދިޔައީ އޭނާގެ ބޮލަށް ރަހުމުކުޑަ ހަމަލާއެއްދީ ޒަހަމްކޮށްލާފައި އޮތުމުންނެވެ. މި ޒަހަމަށް ފަރުވާ ދެމުންދަނިކޮށް އަބްދުއްރަހްމާން މި ދުނިޔެއާއި އަލްވަދާޢުކީ އެރޭގެ ފަތިހުއެވެ. ހަމަ އެރެއިން ފެށިގެން މި ރަހުމުކުޑަ ޢަމަލު ހިނގި ބައެއް ނުވަތަ މީހަކު ހޯދުމަށް ފުލުހުން ވަނީ ތަހުޤީޤު ފަށާފައެވެ.
ނަމަވެސް މި އަނިޔާވެރި މަރަށް 7 ދުވަސް ހަމަވެގެން ދިޔައިރުވެސް ތުހުމަތުކުރެވޭ އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ތުހުމަތު ކުރެވޭ ފަރާތެއް ވާކަން ނުވަތަ ނުވާކަންވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ތުހުމަތުގައި 5 މީހަކާ ސުވާލުކޮށްފައިވޭ
އަބްދުއްރަހްމާންގެ މަރާލި މީހުން ހޯދުމަށް ފުލުހުން އެރަށުގައި ކުރަމުންދާ ތަހުޤީޤުގައި 5 މީހަކާ ސުވާލުކޮށްފައިވާކަމަށް ނަންހާމަކުރަން ނޭދޭ މާޅޮސް މީހަކު "ވިރާސީ" އަށް މަޢުލޫމާތު ދީފައިވެއެވެ.
އެމީހާ ބުނި ގޮތުގައި ސުވާލު ކުރުމަށް 5 މީހަކު ޕޮލިސް ސްޓޭޝަނަށް ގެންދިޔަކަން އެނގޭ ކަމަށާއި އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.
"ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެކި ފަހަރު މަތިން 4 މީހަކާ 1 ކުއްޖަކު. އެ ކުއްޖާއަށް 18 އަހަރު ނުވާނެހެން ހީވަނީ. އެތަނުން އެކަކު އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ޕޮލިސް ސްޓޭޝަނަށް ގެންދިޔަ. ސުވާލުކުރަން ގެންދިޔަ މީހުންގެ ހަރަކާތްތައް ފުލުހުން ބަލާހެންވެސް ބައެއް ފަހަރު ހީވޭ" އަބްދުއްރަހްމާންގެ މަރާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުޤީޤާއި ބެހޭ ގޮތުން އެނގޭ ބައެއް މަޢުލޫމާތު ނަން ސިއްރުކުރަން އެދި އެރަށުގައި ހުރި މީހަކު ކިޔައިދިނެވެ.
ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި
ގޯސްކަންތަކާއި ކުށްތައް މަދު މާޅޮހުގައި މިފަދަ އަނިޔާވެރި މަރެއް ހިނގައި ދިޔުމުން އެ ރަށުގެ ރައްޔިތުން އަދިވެސް ތިބީ ޝޮކެއްގައެވެ. ބައެއް މީހުން އަދިވެސް އެއީ އެ ރަށު ބަޔަކު ކުރިކަމެއް ކަމަށް ޤަބޫލުކުރަން ބޭނުން ނުވާއިރު އަނެއް ބައިމީހުން ތިބީ ބިރުންނެވެ. ރޭގަނޑު އެކަނި ތާކަށް ދާންވެސް ބިރުންނެވެ. ތަޅު ނުލާ ހުންނަ ދޮރުތައް މިހާރު ނިދުމުގެ ކުރިން ތަޅުލުމަށްފަހު ތަޅުލެވުނުކަން ޔަޤީންވެސް ކުރެއެވެ.
އަދި ބައެއް ގޭގޭގެ ކުޑަދޮރުތަކުގައި ދަގަނޑު ތޭރިތައް ހަރުކުރުމާއި ބައެއް ގޭގޭގައި ސީސީޓީވީ ކެމެރާ ހަރުކުރަމުންދާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. އަބްދުއްރަހްމާނަށް ހަމަލާދިން މީހުން ނުވަތަ މީހަކު އަދިވެސް އުޅޭނީ މާޅޮހުގައެވެ. އެރަށަށް އަރާ ފޭބުން މޮނީޓަރިންގައި އޮތުމުން އަބްދުއްރަހްމާނުގެ ޤާތިލުން އަދިވެސް ތިބޭނެކަމަށް ބެލެވެނީ މާޅޮހުގައެވެ. މިނިވަން މާހައުލުގައި މިފަދަ މީހަކު ނުވަތަ ބަޔަކު ތިބުމަކީ ރައްޔިތުންނަށް ހަމަ ނިދި ލިބޭނެ ކަމެއް ނޫނެވެ,
"މަރާލި ސަބަބެއް ނޭނގޭ. މީހަކު ހައްޔަރެއް ނުކުރޭ. އެ ބަޔަކު އަދިވެސް އުޅޭނެއެއްނު ރަށުތެރޭގަ. އެފަދަ ކަމެއް އަލުން ނުކުރާނެއޭ ބުނަން ކިހިނެތް އެނގެނީ." މާޅޮހުގައި ވަޒަންވެރިވެގެން އުޅޭ މީހަކު ކަންބޮޑުވުން ފާޅުކުރިއެވެ.
ޕޮލިސް ސްޓޭޝަނެއް ނުހުރޭ
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާޅޮހުގައި ޕޮލިސް ސްޓޭޝަނެއް ނުހުރެއެވެ. ނަމަވެސް އެރަށުގެ ހެލްތް ސެންޓަރުގެ އިމާރާތެއްގެ ތެރޭގައި ވަގުތީ ޕޮލިސް ޕޯސްޓެއް ޤާއިމުކޮށްފައި ހުރެއެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލަ ތަހުޤީޤު ކުރަމުންދާއިރު މީގެ ސަބަބުން ފުލުހުންގެ މަަސައްކަތަށް ދަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް މިފަދަ ގޮތަކަށް މިހާތަނަށް ފުލުހުން ވާހަކަދައްކާފައެއް ނުވެއެވެ.
މިހާތަނަށް މި މައްސަލާގައި ފުލުހުން ހާމަކޮށްފައިވަނި ވަރަށް މަދު މަޢުލޫމާތެކެވެ. އޭގޮތުން އެންމެ ފަހުން ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުޤީޤުގައި އެކި "އެންގަލްތައް" ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ފުލުހުން ކުރި މެސެޖެއްގައި ބުނެފައިވަނީ "ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން،" މިފަދައިންނެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުން ފުލުހުންނަށް މި މައްސަލައިގެ ތަހުޤީޤުގައި ކުރިއެރުންތަކެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނޫނެވެ. މާޅޮސް ރައްޔިތުންނަށްވެސް އޮތީ ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ތިބުމެވެ.
ރިއެކްޓް



