އަވާމެންދުރު: ސައީދުގެ ފެއިލްވެފައިވާ އިގްތިސާދީ ސިޔާސަތު
ދިވެހި ބަހުގައި "އަވާމެންދުރު" މި ބަހުގެ މާނައަކީ "ހާމަޔަށް ހުންނަ ބިމަކަށް ގަދަޔަށް އަވިދީފައި އޮންނައިރު ދުރުގައި ފެންގަނޑެއް އޮންނަ ގޮތަށް ފެނުމާއި ކައިރިވީވީހެން ފެންގަނޑު ދުރުވާހެން ފެނުމެވެ." މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ޢާއްމުކޮށް ބޭނުންކުރެވޭ އިބާރާތެކެވެ. މި އިބާރާތުގެ ކުލަ މަންޒަރެއް ސިޔާސީ މައިދާނުގައި ފެނުމުގެ ނަސީބު ދިވެހިންނަށް މިއަދު މި ވަނީ ލިބިފައެވެ. ޢާލަމީ ބަލިމަޑުކަމެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި މަޑުޖެހުމުން އަރައިގަނެ ރައްޔިތުންނަށް މާލީ އުފާވެރިކަމާއި އިގްތިސާދީ ފޯރުންތެރިކަން ގެނުވައިދޭނެ ބުނެ ކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ދެއްކި އަވާމެންދުރެވެ.
މި އަވާމެންދުރުގެ މޭސްތިރިއަކީ އަދުގެ އިގްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ސައީދުއެވެ.
ދެވަނަ ދައުރެއްގައި އިގްތިސާދީ ވަޒީރުކަމާއި ހަވާލުވެ ވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގަތް މުޙައްމަދު ސައީދުގެ ފުށުން ރާއްޖޭގެ ރައްޔިތުން ކުރީ ރައީސް މުޢިއްޒުގެ އެހެން ވަޒީރުންގެ ކިބައިން ކުރާ ވަރަށްވުރެ ފޮނި އުއްމީދެކެވެ. ރައީސް ޔާމީންގެ ދައުރުގައި ރާއްޖެ ދުށް އިގްތިސާދީ ފޮނިމީރުކަމުގެ ފަހަތުގައި ސަޢީދުގެ ވިސްނުންފުޅާއި ތަސައްވުރު އެކުލެވޭ ކަމަށް ބެލެވުނީތީ ކުރެވުނު އުއްމީދެކެވެ. ނަމަވެސް ވެރިކަމަށް ދެއަހަރު ފުރުނު ހިނދު ރައްޔިތުންނަށް މިވަނީ އެކުރެވުނު އުއްމީދަކީ އަރަބި ކަރައިގެ ސަހަރާގައި ފެންނަ އަވާމެންދުރަކަށް ވެއްޖެކަން ފަހުމުވެފައެވެ.
ވެރިކަން ފެށުނު ހިނދުން ފެށިގެންވެސް ސައީދުގެ ވާހަކަތައް ހުރީ ދެފުށް ދެކުލައަކަށެވެ. އެއްބައި މަޖިލީސްތަކުގައި "ފައިސާއެއް ނެތް، ދަރަނިވެރި، މާލީ އަނދަވަޅެއް" މިފަދަ އިބާރާތްތަކުން ޤައުމުގެ ހާލަތު ބަޔާންކޮށްދެމުން ދިޔައިރު، އެހެން މަޖިލީސްތަކުގައި ދައްކަމުންދިޔައީ މުޅި ރާއްޖޭގެ މަލަމަތި ބަދަލުކޮށްލާނޭ ފަދަ ބިޔަ މަޝްރޫޢުތަކެއްގެ ފެށުމުގެ ވާހަކައެވެ. އެ މަޝްރޫޢުތަކުގެ ސަބަބުން ދެކުނު އޭޝިއާގައި ރާއްޖޭގެ މަޤާމު އެތައް ހަރުފަތަކަށް އަރައިގެންދާނެ ފަދަ މަޝްރޫޢުތަކެވެ. ވާހަކަތައް ގެންނެވި ގޮތުގެ ބަލާޣާތްތެރިކަމާއި ރައްޔިތުންނަށް ދެއްކެވި އުޖާލާ، މަޢުސޫމު މޫނުގެ ސަބަބުން ސަރުކާރަށް ތާއިދުނުކުރާ އިދިކޮޅު ފަރާތްތަކަށް ވެސް އެދައްކަނީ އަވާމެންދުރެއްގެ "ޓްރެއިލަރ" ކަމަށް ޤަބޫލުކުރަން ދަތިވާނެއެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އެވެ. ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ގެނައުމަށް 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އުފައްދައި އެ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހުޅުވުނު މި ބޭންކުގެ ޚަރަދުތަކަށް މިއަހަރުގެ މެދަކާއި ހަމައަށް 6.5 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ޚަރަދުކޮށްފައިވާކަމަށް ރިކޯޑުތަކުން ދައްކައެވެ. ނަމަވެސް މި ބޭންކުގެ ހަޤީޤީ މަގްސަދު ކަމަށްވާ "ފޮރިން އިންވެސްޓްމަންޓް ރާއްޖެ ގެނައުން" މިއީ އެ ބޭންކުން ދަންނަ ކަމަކަށް ނުވެއެވެ. މިކަމާއި ބެހޭ ގޮތުން ސުވާލުކުރެވޭ ކޮންމެ މުނާސަބަތެއްގައިމެ, މިނިސްޓަރު ސަޢީދު އައު ގޮތަކަށް ބައްޓަންކުރައްވައި ހަމަ އެއް ވާހަކަ ކޮޅެއް މީޑިއާއަށް ދޫކޮށް ވަޑައިގަނެއެވެ. ރައްޔިތުން ތިބީ މިބުނާ ބޭންކަކުން ބޭރުގެ އިންވެސްޓްމަންޓް ގެންނަ މަންޒަރު ބަލާހިތުން ކެތް މަދުވެފައެވެ. ނަމަވެސް ހިތާމަ ހުރި ހަގީގަތަކީ މިއީ ސައީދުގެ "އަވާމެންދުރު" ސީރީޒްގެ އެޕިސޯޑެއް ކަމަށް ވާކަމެވެ.
ދެން އެންމެ އަޑު ހަރުކޮށް ސައީދު ރައްޔިތުންނަށް އިއްވާ އަޑަކީ "ބަންކަރިންގ" ގެ ވާހަކައެވެ. ސުވާލު ކުރާނެ ނޫސްވެރިއަކު ނުވެއްޖެ ނަމަ އަމިއްލަފުޅަށްވެސް އެ ވާހަކަ އެތައް މުނާސަބަތެއްގައި ނަގަ ނަގާފައި ކިޔަމުންދިޔައިރު ސިފަވެގެން ދިޔައީ ޤައުމުގެ ދަރަނިތައް އެކަނިވެސް މިކަމުން ދެއްކި ޚަލާސްވެގެން ދާނެ މަންޒަރެވެ. "އިންޓަނޭޝަނަލް ބަންކަރިންއަކީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް އެއީ 400 މިލިއަނެއްހާ ޑޮލަރު ކަމަށް" ބުނެ ފެށި މި މަޝްރޫޢު އަށް 1 އަހަރު ވެގެންދިޔައިރު ލިބުނީ ހަމައެކަނި 12 މިލިއަން ޑޮލަރެވެ. އެއީ ލިބޭނެކަމަށް ބުނި ޢާމްދަނީގެ %5 އަށްވުރެވެސް ކުޑަ މިންވަރެކެވެ. މިކަންވެސް ވެގެން ދިޔައީ ހަމަ "އަވާމެންދުރު" ގެ އިތުރު އެޕިސޯޑަކަށެވެ.
ޑޮލަރު ރޭޓަކީ އަދި ވަކީން ޚާއްސަކޮށް ސައީދުގެ "އަވާމެންދުރު" ގެ އަސަރުގަދަ އެޕިސޯޑެކެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވީ އެ އަހަރުގެ ތެރޭގައި ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ކަޅުބާޒާރަށް ނިމުމެއް އައިސް ޑޮލަރުގެ އަގު 15.42 ގައި ހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް ކަންވީ ބުނި ގޮތާ ދިމާ އިދިކޮޅަށެވެ. ޑޮލަރުގެ އަގު އަރައިގެން ދިޔައީ ރިކޯޑު މިންވަރަކަށެވެ. ސައީދު މިނިސްޓަރު ކަމާއި ހަވާލުވީއިރު ކަޅު ބާޒާރުގައި 17ރ އަށް ހުރި ޑޮލަރު ރޭޓު 2025 ފެށުނުއިރު ހުރީ 20ރ އިން މަތީގައެވެ. ނަމަވެސް ސައީދު މިވާހަކަ ދައްކަވާ ކޮންމެ މުނާސަބަތެއްގައިމެ ވިދާޅުވަނީ ޑޮލަރުގެ އަގު "ދެން ދާނީ ދަށަށް" ކަމަށެވެ. ޒަރޫރީ ބޭނުންތަކަށް ޑޮލަރު ގަންނަ ފަރާތްތައް ތިބެނީ ސައީދުގެ މިވާހަކައަށް އިތުބާރުކޮށްގެނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ރޭޓު ވަނީ މައްޗެވެ.
ދެން އޮތީ ސައީދގެ ފިލްމުގެ "ކްލައިމެކްސް" އެވެ. ސައީދަކީ ތަޖުރިބާހުރި އިގްތިސާދީ ވަޒީރެއްގެ ހައިސިއްޔަތުންނާއި ކުރިން މިނިސްޓަރުކަން ކުރެއްވިއިރު މިބާވަތުގެ ކަންކަމުގައި ނަތީޖާ ނެރެދެއްވާފައިވާތީ "ހެޔޮހިތުން ރާއްޖެއާއި ވާހަކަދައްކާ" ސަރުކާރެއް އޮތް ހުރިހާ ޤައުމަކަށްހެން ފާއިތުވީ ދެ އަހަރުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ސައީދު ފޮނުއްވާފައެވެ. އެއްވެސް ބާވަތެއްގެ ފައިސާގެ އެހީއެއް، ލޯނެއް ނުވަތަ އިންވެސްޓްމަންޓްް ހިފައިގެން އަންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ސައީދުގެ ކުރެއްވި ދަތުރުތަކުގެ އަގުތައް މިލިއަނުން ގުނިގެން ދިޔައިރުވެސް އެންމެ "ބައިލޯލާރިއެއް" ވެސް އަނބުރާ ނުގެންނަވައެވެ. މިދެންނެވި ދަތުރުތަކުން ޤައުމަށް ލިބުނު އެއްވެސް މޮޅެއް ނެތެވެ. ނަމަވެސް ސައީދުގެ އިންސްޓަގްރާމުގައި ހިއްސާކުރައްވާނެ ރީތި ފޮޓޯތައް ލިބިލިއްވި ކަމަށް ބެލެވެއެވެ. ހަގީގަތަކީ ކުރީގެ ދައުރުގައި އިގްތިސާދު މެނޭޖްކުރެއްވި ކަމުގެ މޮޅު ވާހަކަ ދައްކަވައިގެން ރައީސް މުޢިއްޒަށް ވެސް ސައީދު ދެއްކެވީ އަވާމެންދުރެއް ކަމެވެ.
މިއަދަކީ ސައީދު މިނިސްޓަރު ކަމާއި ހަވާލުވީތާ 2 އަހަރު ފުރޭ ދުވަހެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް 104 ހަފްތާ ވެގެން ދިޔައީއެވެ. އެތައް އުއްމީދަކާއި އެކު ރައީސް މުޢިއްޒަށް ވޯޓު ދިން ރައްޔިތުންނަށް މިއަދު ކުރެވެނީ ބުނެދޭން ދަތި ހިތްދަތި އިހުސާސެކެވެ. ފާއިތުވީ ދެއަަހަރު ދެއްކި ވާހަކަތައް އަވާމެންދުރަކަށް ވެއްޖެކަމުގެ އިހުސާސެވެ. މިފަދަ އަވާމެންދުރުތައް ބެލުމުގައި އަދި ބާކީ ތިން އަހަރު އޮތްކަމުގެ ހިތްދަތި އިހުސާސެވެ.






ރިއެކްޓް