ރިޕޯޓު

ސިޓީ ކައުންސިލަށް ގަސް ގަތުމުގައި ބޮޑު ކޮރަޕްޝަނެއް، މޭޔަރު އަޅާނުލެއްވި!

16 ނޮވެންބަރު 2025 - 15:14
ސިޓީ ކައުންސިލަށް ގަސް ގަތުމުގައި ބޮޑު ކޮރަޕްޝަނެއް، މޭޔަރު އަޅާނުލެއްވި!
އާޓްވޯކް: ވިރާސީ

މާލޭ ސިޓީ ކައުންސިލަށް އެއް ލައްކަ ގަސް ހޯދުމުގެ މުއާމާލަތުގައި ސުވާލު އުފެދޭ ގިނަކަންކަން ހުރި މައްސަލަ މޭޔަރު އާދަމް އާޒިމްގެ ސަމާލު ކަމަށް ގެނައުމުން ވެސް އެ މައްސަލަ ބަލާފައިނުވާ ކަން އެނގިއްޖެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ހެދި ގަސް ފިހާރައަށް ގަސް ހޯދުމަށާއި ކައުންސިލުން އޭރު ހިންގި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ހިންގުމަށް ދެ ކުންފުންޏަކާއެކު ސޮއިކުރިއެވެ. އެއީ އެލަޔަންސް ޓްރޭޑް އާއި އޭޝިއާ ފޮވާޑިން ނަމަކަށް ކިޔާ ދެ ކުންފުންޏެވެ. 

އެލަޔަންސް ޓްރޭޑާއެކު ގަސް ގަތުމަށް އެގްރީމެންޓުގައި ސޮއިކުރީ 23 ނޮވެންބަރު 2023 ގަ އެވެ.  އެ ކުންފުނި ރެޖިސްޓްރީ ކޮށްފައި އޮތީ އޭގެ 17 ދުވަސް ދުވަސް ކުރިންނެވެ. އެހެންކަމުން މި ކުންފުންޏަކީ މި ކޮންޓްރެކްޓަށް ރެޖިސްޓްރީ ކޮށްފައިވާ ޕޭޕާ ކުންފުންޏެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. 

އޭޝިއާ ފޮވާޑިން ކުންފުންޏަކީ 2005 ގައި ރެޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް އެ ކުންފުންޏަކީ ލޮޖިސްޓިކްސްއާއި ޓްރާންސްޕޯޓު ކަންކަމަށް ހާއްސަ ކުންފުންޏެކެވެ. ގަސް ވިއްކުމުގެ އެއްވެސް ތަޖުރިބާއެއް އޮތް ކުންފުންޏެއް ނޫނެވެ. 

މާލެ ސިޓި ގަސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ މޭޔަރު މުއިއްޒު - ފޮޓޯ: ސިޓި ކައުންސިލް
މާލެ ސިޓި ގަސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ މޭޔަރު މުއިއްޒު - ފޮޓޯ: ސިޓި ކައުންސިލް

ގަސް ފިހާރަ ހެދުަމަށާއި އެއް ލައްކަ ގަސް އިންދުމަށް ކައުންސިލްގެ އާންމު ޖަލްސާއަކުން ފާސްކޮށްގެން އެކަމަށް ކަނޑައެޅި ބަޖެޓަކީ 2023 ވަނަ އަހަރު، 4.8 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 5.35 ރުފިޔާ އެވެ. 

އެހެންނަމަވެސް، މި ބަޖެޓު ފަހަނަ އަޅައި އެއަށް ވުރެ އެތައް މިލިއަނެއް އިތުރަށް އެކަމަށް ހަރަދުކޮށްފައިވާ ކަން ވަނީ އެނގިފައެވެ. އަދި އެކަން ކޮށްފައިވަނީ ކައުންސިލަރުންގެ ރުހުން ވެސް ނުހޯދާ ކަން ވަނީ ޔަގީން ކުރެވިފައެވެ. 

ވިރާސީއަށް އެނގިފައިވާ ގޮތުގައި މި ޕްރޮގްރާމަށް ދެ އަހަރުން 50 މިލިއަނާއި 60 މިލިއަނާ ދެމެދު ރުފިޔާގެ އަދަދެއް ޕްރޮކިއުމެންޓް މެދުވެރިކޮށް ވަނީ ހިންގާފައެވެ. މިއީ މާލިއްޔަތު ގާނޫނާ ގަވައިދާ އާންމު ހަމަތަކާ އުސޫލުން ބޭރުން ހިންގާފައިވާ މުއާމަލާތެކެވެ. 

ވިރާސީއަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، 11 ޑިސެންބަރު 2023 ގެ ފަހުން 5 މިލިއަނެއްހާ ރުފިޔާ ހޯދުމަށް ކައުންސިލަށް އިންވޮއިސް ފޮނުވާއިވެއެވެ. "ވިރާސީ"އަށް ޔަގީން ކުރެވިފައިވާ ގޮތުގައި މި ފައިސާ ދޫކުރުމަށް ބަޖެޓް ކޮންޑަކްޓަށް ބަދަލު ގެނެސްފައިވަނީ އެކަމާ ގުޅޭ ކޮމިޓީއިން ނުބާއްވާ ބައްދަލުވުންތަކެއް ބޭއްވި ކަމަށް ޔައުމިއްޔާތަކެއް ތައްޔާރުކޮށްގެންނެވެ. 

މި ބައްދަލުވުންތައް ނުބޭއްވިނަމަވެސް ޔައުމިއްޔާ ތައްޔާރުކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުންގެ ސޮއި ހޯދާފައިވެއެވެ. މި ޔައުމިއްޔާތައް ވެސް "ވިރާސީ"އަށް ވަނީ ލިބިފަ އެވެ. 

ގަަސް ލިބުނު ކަން ކަށަވަރެއް ނޫން!

ސިޓީ ކައުންސިލަށް ގަސް ގަތުމަށް މިހާ ބޮޑު ހަރަދުތަކެއް ކުރިނަމަވެސް، ފަހުން ފޮނުވި އިންވޮއިސްތަކަށް މުދާ ލިބިފައިވާކަން ކަށަވަރުވެފައިނުެވެއެވެ. މި އިންވޮއިސްތަކަށް ފައިސާ ދީފައިވަނީ ފޯރުކޮށްދިން ކަމަށް ބުނާ ގަހުގެ ޑެލިވެރީ ނޯޓެއް ވެސް އަދި މެމޯއާއެކު އިތުރު ލިޔުމެއް ވެސް ހުށަހެޅުމެއްނެތިއެވެ. 

ކުންފުންޏަށް ފައިސާ ދޭން ބަޖެޓް ކޯޑު ބަދަލުކޮށް ފައިސާ ދައްކަން ސިޓީ ކައުންސިލުން މަގުފަހިކޮށްފައިވަނީ އެ ކަން ޔަގީން ކުރުެމއް ނެތިއެވެ. 

ކައުންސިލަށް ފޯރުކޮށްދިން ކަމަށް ބުނާ ޑެލިވެރީ ނޯޓު ކޮމިޓީއަށް ހުށަނޭޅިނަމަވެސް، ގަނޑުކޮށް ހުރިހާ މުދަލާ ހަވާލުވި ކަމަށް ކައުންސިލްގެ ކޮންސަލްޓެންޓެއް ކަމަށްވާ މުހައްމަދު މަބްރޫކް ސޮއިކޮށްފައިވާ ޑެލިވެރީ ނޯޓެއް ފަހުން ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް، ކޮންޓްރެކްޓް ވަޒީފާގައި ޔިބޭ މީހުންނަށް މުދަލާއި ފައިސާގެ މިފަދަ މުއާމަލާތްތަކުގައި ބައިވެރިވެުމަކީ މާލިއްޔަތު ގާނޫނު ތަންދޭ ކަމެއް ނޫނެވެ. 

އުސޫލާ މުޅިން ހިލާފު!

ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ފާސްކުރި ގަސް ހޯދާ ބެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތަކަށް ވެސް އަމަލުކޮށްފައިނުވާ ކަން ވަނީ އެނގިފައެވެ. އެގޮތުން ވިޔަފާރި ކުރުމުގެ ހަމަތައް ބަޔާންކުރާ އިޖުރާއަތްތަކަށް ރިއާއަތްކޮށްފައިނުވާ ކަން ވަނީ އެނގިފައެވެ. 

ނީގެ އިތުރުން ހޯދާ ގަހާއި ގަސް އިންދުމުގެ ސާމާނުގެ އިންވެންޓްރީ ބަހައްޓާފައިނުވާއިރު، ގަނެ ވިއްކާ ތަކެތީ ވިކުރާ ވެސް މާލިއްޔަތު ގާނޫނާ އެއްގޮތަށް ބަލަހައްޓާފައިނުވެއެވެ. އެހެންކަމުން ވިއްކި ގަހެއް، ހަލާޚުވި ގަހެއް އަދި ފިހާރައިން އާމްދަނީއަށް ލިބުނު ވަރެއް ވެސް އެނގޭކަށް ނެތެވެ. 

ކޮން ތިން މަހުން އެއް މަހުން ގަނެ ވިއްކި ގަހާއި ގަސް އިންދާ ސާމާނުގެ ރިޕޯޓު ކައުންސިލަށް ހުށަހެޅުމަށް ވެސް އުސޫލުގައިވެއެވެ. އެހެންނަމަވެސް، މިހާތަނަށް އެ ރިޕޯޓު އެއް ފަހަރު ވެސް ހުށަހަޅާފައިނުވެއެވެ. އަދި އަހަރީ ރިޕޯޓެއް ވެސް ހުށަހަޅާފައިނުވެއެވެ. 

މަދުވެގެން 35 ޕަސެންޓް  ފައިދާ ވާ ގޮތަށް ހިންގަން ނިންމި ގަސް ފިހާރައިން ދެވޭނީ 10 ޕަސެންޓުގެ ޑިސްކައުންޓެއް ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ހިލާފަށް ވެސް ވަނީ އަމަލު ކޮށްފަ އެވެ. 

އޭގެ ނަތީޖާއެްގެ ގޮތުން މި ޕްރޮޖެކްޓަށް 60 މިލިއަނެއްހާ ރުފިޔާ ހަރަދުވިއިރު، ނިސްބަތުން ލިބުނު އާމްދަނީ ބައިކުޅަބައިވެސް ހަމަނުވާ ކަން ވަނީ ކަށަވަރުވެފަ އެވެ. 

މާލެ ފެހިކުރުމަށް އެ އަދަދުން ހަރަދުކޮށް، ގަސް ޖަހާފައިވާތަން ފެންނާކަށް ވެސް ނެތެވެ. 

މި މައްސަލަ މާލޭ މޭޔަރު އާދަމް އާޒިމްގެ ސަމާލު ކަމަށް ގެންނަވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެވެ. އޭނާ ވަނީ މި ކަމުގައި ކޮރަޕްޝަނަށް ފަހިވާ ފަދަ ކްކަން މޭޔަރުގެ ސަމާލު ކަމަށް ގެންނަވައި ގަސް ފިހާރައިގެ އޮޑިޓެއް ހެދުމަށް އެދިވަޑައިގެންފައެވެ. 

އެހެންނަމަވެސް މިފަދަ ބޮޑު ކޮރަޕްޝަނެއް ސިޓީ ކައުންސިލްގެ ތެރެއިން ހިނގާ ކަން އެނގިވަޑައިގަތުމުން ވެސް މޭޔަރު އާޒިމް އެކަމަށް އެއްވެސް ފިޔަވަޅެއްމިއަދާ ހަމައަށް ވެސް އަޅުއްވާފައިވެނުވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0