ސްކޫލްތަކުގައި ދިވެހި ބަހުރުވަ ދަސްކޮށް ނުދެނީ ކީއްވެ؟

ސްކޫލް ތެކެއި ދިވެހި ބަހުރުވަތެއް ދަސްކޯ ނިދެނީ ކިހިނައްވެގެން؟
ސްކޫލްތެކަ ދިވެހި ބަހުރުވަތެއް ދަސްކޮށް ނުދެނޫ ކިޔެއްވެގެން؟
ސްކޫލުތަކި ދިވެހި ބަހުރުވަ ދަސްކޮށް ނިދެނީ ކިޔަންވީ؟
"މަދަރުސާގައި ދިހަ، ބާރަ އަހަރު ވަންދެން ދިވެހިބަސް ދަސްކޮށް ނިމޭއިރު، އެއްވެސް ވަރަކަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ދައްކާ އެކިއެކި ދިވެހި ބަހުރުވަތައް ދަސްކޮށް ނުދެނީ ކީއްވެހެއްޔެވެ؟" މިއީ ސޯޝަލް މީޑިޔާ ގައި ދިވެއްސަކު ކުރި ސުވާލެކެވެ. މި ސުވާލަކީ ކުރަން ރަނގަޅު ސުވާލެއް ކަމަށް ބުނެ ގިނަ މީހުން ޖަވާބުދީފައިވެއެވެ. އެގޮތުން، ދިވެހި މާއްދާގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެން ޝަރަހަ ކުރުމަށް ވުރެ މިއީ ކުރަން ރަނގަޅު ކަމެއް ކަމަށާއި ދިވެހި މާއްދާ ދެ ބައިކޮށް، ދިވެހި ބަހާއި ތާރީޙް ވަކި ވަކިން އޮންނަން ޖެހޭކަމަށް ފާހަގަކޮށްފައިވެވެ. އަދި ދިވެހިބަހާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްގެ ސަމާލުކަށްވެސް މި ސުވާލު ގެނެސްފައިވެއެވެ.
އޯލެވެލް އަދި އޭލެވެލް ނަތީޖާއަށް ފަހު ކޮންމެ އަހަރަކުވެސް ދެކެވޭ އެއް ވާހަކައަކީ ދަރިވަރުންގެ ދިވެހި ނަތީޖާ ދަށް ވާހަކައެވެ. ދަރިވަރުން ހިތް ޖެހޭނެ ފަދަ ގޮތަކަށް ދިވެހި މަންހަޖު ބަދަލުކުރަން ޖެހޭ ވާހަކައެވެ. ނަމަވެސް، ދިވެހި މާއްދާ ޤައުމީ މަންހަޖުގައި ހިމަނައިގެން ކިޔަވަދޭތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ދިވެހި ބަހުގެ ބަހުރުވަތައް ކިޔަވައި ނުދެނީ ކީއްވެ ހެއްޔެވެ؟ އިނގިރޭސި ފަދަ މާއްދާތައް ވަޒަންކުރުމުގައި ކިޔުމާއި، ލިޔުމުގެ އިތުރުން އަޑުއެހުމާއި ވާހަކަދެއްކުމުގެ ބައިތައް އޮވެއެވެ. ނަމަވެސް، ދިވެހި މާއްދާގައި އޮންނަނީ މައިގަނޑު ކަމަށް ލިޔުން އަދި ކިޔުން އެކަންޏެވެ. ދިވެހި އަދަބިއްޔާތުގެ ތެރެއިން ލިޔުންތެރިކަމާއި ޅެންވެރިކަން އެކަންޏެވެ. ދިވެހި ބަހުގެ ބަހުރުވަތައް ވާހަކަދެއްކުންތެރިކަމުގެ ބައިގައި ހިމެނިދާނެ ނޫންހެއްޔެވެ؟ ނުވަތަ މަޖުބޫރު ބަޔަކަށް ނަހަދައި އުނގެނެން ބޭނުންވާ ދަރިވަރަކަށް "އިލެކްޓިވް" މާއްދާއެއް ގޮތަށް ދަސްކުރުމުގެ އިޙްތިޔާރު އޮންނަން ނުޖެހޭ ހެއްޔެވެ؟
ދިވެހި ބަހުގައި މާލޭ ބަހުރުވަ، ހުވަދޫ ބަހުރުވަ، އައްޑޫ ބަހުރުވަ، ފުވައްމުލަކު ބަހުރުވަ، ހައްދުންމަތީ ބަހުރުވަ އަދި ޅަވިޔަނި އަތޮޅު ފަދަ އަތޮޅުތަކުގެ އަޑާއި ރާގު ހިމެނޭއިރު، ހަމައެކަނި މާލޭ ބަހުރުވަ ރަސްމީ ބަހުރުވައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ކީއްވެ ހެއްޔެވެ؟ ދެކުނު އެފްރިކާގެ މަންހަޖުގައި 11 ރަސްމީ ބަހުރުވަ ހިމެނޭއިރު، އަސާސީ ގްރޭޑުތަކުގައި ކިޔަވަދެނީ އެ ސަރަހައްދެއްގެ އަމިއްލަ ބަހުރުވައިންނެވެ. އިންޑިޔާގައިވެސް ހަމަ އެހެންނެވެ. ދާދި ފަހުން ދިވެހީންގެ އެންމެ އަވައްޓެރި މަލިކުގައި ދިވެހި ބަސް ކިޔަވައި ދިނުން ހުއްޓާލުމަށް އިންޑިޔާ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، އެ ރަށުގެ ރައްޔިތުން ނިކުމެ އިހުތިޖާޖުކުރުމުން އެ ނިންމުން ވަނީ އަނބުރާ ގެނެސްފައެވެ. އެ ޤައުމުގެ ސްކޫލުތަކުގައި މަރާތީ، ތަމަޅަ، ގުޖުރާތީ، ހިންދީ، މަހަލް އަދި މިހެން ގޮސް އެކިއެކި ބަސްތައް ކިޔަވަދޭއިރު މި ކުޑަކުޑަ ދިވެހި ރާއްޖޭގެ އެންމެ ބަހެއްގެ ބަހަރުވަތައް ކިޔަވައި ނުދެވެންވީ ކީއްވެ ހެއްޔެވެ؟
މީގެ ތިން އަހަރު ކުރިން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހަސްމަކަށް (މައްސަލައިގައި ހިމެނޭ ފަރާތަކަށް) ދިވެހި އާންމު ބަހުރުވަ ފަހުމުނުވާތީ ޝަރީއަތުގެ ވާހަކަތައް ހުވަދޫ ބަހުރުވައަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވެއެވެ. ހަމަ އެ އަހަރު އައްޑޫ މީދޫގައި ކުރި ހުކުރު ނަމާދެއްގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން އެކަން މަނާކޮށް އެ މުދިމު ސަސްޕެންޑު ކޮށްފައި ވެއެވެ. ހުވަދޫ ބަހުރުވަ ދިވެހި ބަހަށް ނުވަނީ ހެއްޔެވެ؟ އައްޑޫ ބަހުރުވައިން ވާހަކަދައްކާ އައްޑޫ މީހުންނަށް ކިޔައިދޭ ހުތުބާއެއް، އައްޑޫ ބަހުރުވައިން ކިޔުމުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ދެންވެސް ބުނާނެއެވެ. އަހަރުމެން މީ އެއްފަސްގަނޑެއްގައި، އެއް ބަހަކުން ވާހަކަދައްކާ ދިވެހިވަންތަ ދިވެހީންނެވެ. ރަށްރަށު މީހުން އަމިއްލަ ބަހުރުވައިން ވާހަކަ ދެއްކުމުން ދިވެހިވަންތަކަން ކުޑަވަނީހެއްޔެވެ؟
ހުތުބާ މައްސަލައާއި ގުޅިގެން އޭރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ އެކަން ދިފާއުކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމަށާއި ބަހުރުވަތަކުން މުޢާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށެވެ.
ޔުމްނާ ވިދާޅުވީ ބަހުރުވައަކީ އެ ބަހަކުން ވާހަކަ ދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި އެއީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެއް ކަންވެސް ޔުމްނާ ފާހަގަކުރެއްވިއެވެ.
އަލްމަރްޙޫމް އިބްރާހިމް ޝިހާބު 2008 ވަނަ އަހަރު "އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް" މި ފޮތުގައި ލިޔުއްވާފައިވާ ގޮތުން " ކޮންމެއަކަސް އަޅުގަނޑުމެންގެ ދިވެހި ބަހުގެ އަސްލުކަމަށް ބެލިފައިވަނީ ސާންސްކްރިތު ބަހާއި ، ޕާލީ ބަހާއި އަދި މިނޫނަސް އެތެރެވަރީގެ (ދެކުނު އޭޝިއާގެ) އެހެނިހެން ބަސްތަކެވެ." އެތެރެވަރީގެ ބަސްތަކާއި ދިވެހި ބަހުގެ ބަހުރުވަތައް ނުހަނު ވައްތަރެވެ. މިސާލަކަށް، ސިންހަޅަ ބަހުން މީހަކު ވާހަކަ ދައްކާ އަޑުއިވިއްޖެނަމަ، އެ ބަސް ހުވަދޫ ބަހުރުވަ އާއި ވައްތަރު މިންވަރު ހާމަވެގެންދާނެއެވެ. ނަމަވެސް، ސްކޫލުތަކުގައި މި ބަހުރުވަތަށް އެއްވެސް މިންވަރަކަށް ދަސްކޮށްނުދީ ދިވެހި ބަހުގެ މުހިއްމު ބަހާއަކަށް އެއްވެސް މުހިއްމުކަމެއް ނުދެނީ ކީއްވެ ހެއްޔެވެ؟ މިއީ ހަމަ ޔަގީނުންވެސް ބޭރުގެ ބަޔަކާއި، މިސާލަކަށް ކޭމްބްރިޖް ނުވަތަ އެޑެކްސެލް އާއި ގުޅުން ހުރި ކަމެއް ނޫނެވެ. ދިވެހި މާއްދާގެ މަންހަޖު ކަނޑައަޅަނީ ދިވެހިންނެވެ. ދިވެހި ފޮތް ލިޔަނީ ދިވެހިންނެވެ. އިމްތިހާނު ކަރުދާސް ތައްޔާރުކުރަނީ ދިވެހިންނެވެ؟ ހުރިހާ ކަމެއްވެސް މާލެ އާއި މާލެ ބަހުރުވަ އާއި ގުޅުން ލާޒިމް ކުރަނީ ކީއްވެހެއްޔެވެ؟
ޓިކްޓޮކް ފަދަ މީޑިޔާތަކުގައި އައްޑޫ މީހުން އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ވަރަށް ގިނަ މީހުން ޝައުޤުވެރިވެ، އޭގެ ތަރުޖަމާއަށް އަހައެވެ. މާލޭގައި އެއްކޮށް އުޅޭ ފުވައްމުލަކު ރަހުމަތްތެރިއަކަށް ގެއިން ފޯނެއް އައިސް އެރަށު ބަހުރުވައިން ވާހަކަ ދެއްކުމުން ގާތުގައި ތިބޭ އެކުވެރިން، އެ ފޯނު ކޯލު ނިމުމުން ރަހުމަތްތެރިޔާ ވާހަކަދެއްކި ގޮތަށް ވާހަކަދެއްކޭތޯ މަސައްކަތް ކުރެއެވެ. ކުއްޖަކަށް ހިތުގެ ޝުއޫރު ފާޅުކުރަން ބޭނުންވާ ކުއްޖަކީ ހުވަދޫ ކުއްޖެއްނަމަ، ރަހުމަތްތެރި ހުވަދޫ ކުއްޖެއް ގާތު އެ ޝުއޫރުތައް ހުވަދޫ އިން ބުނާނީ ކިހިނެތްތޯ އާއި މެދު ސުވާލު ކުރެވެއެވެ. މިކަންކަމުން ވެސް އެނގެނީ ތަފާތު ބަހުރުވަ އެނގުމަށް ދިވެހިންގެ ޝައުޤު އެބަހުރިކަމެވެ. ދެން އޮތް ސުވާލަކީ، ދިވެހި މަންހަޖަށް ބަހުރުވަތައް އިތުރުކުރެވޭނީ ކިހިނެތް ހެއްޔެވެ.
ސޯޝަލް މީޑިޔާގައި މި ސުވާލުން ފެންމަތިކުރެވުނު އިތުރު އެއް ކޮމަންޓަކީ "ޓެކްނޮލޮޖީ އަށް ދިވެހި ބަސް އިންޓަގްރޭޓް ނުކުރެވޭ އިރު ތީ އަދި މާ ދުރު ވިސްނުމެއް" ކަމެވެ. ހަޤީޤަތަކީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ބަހުގެ ބަހުރުވަތައް ސްކޫލުތަކުގައި އަދި ގޭގައިވެސް ދަސްކޮށްދެވިދާނެއެވެ. ޓްރާންސްލޭޓަރ އެޕްލިކޭޝަން ގޮތަށް އެއް ބަހުރުވައިން ބުނާ އެއްޗެއް އެހެން ބަހުރުވައަށް ބަދަލުކުރެވޭނެ އެޕްލިކޭޝަނެއް ތައްޔާރުކުރެވިދާނެއެވެ. ނުވަތަ ބަހުރުވަތައް އޯޑިއޯ ފޮތެއް ތައްޔާރުކޮށް ޤައުމީ މަންހަޖުގައި އެކުލަވައިލެވިދާނެއެވެ. ކޮންމެ އަހަރަކު ތައުލީމީ ތަފާތު އީޖާދުތައް އިތުރުވަމުންދާއިރު އަދިވެސް ރާއްޖޭގައި ދިވެހި ބަސް ކިޔަވައިދެނީ ހަމައެކަނި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ތައްޔާރުކުރާ ދިވެހި ފޮތުގެ މައްޗަށް އެކަންޏެވެ. ޖެނެރޭޝަން ޒެޑްގެ ސްކޫލް ހަޔާތް ނިމި ޖެނެރޭޝަން އަލްފާއިން މިހާރު ޖެނެރޭޝަން ބީޓާގެ ސްކޫލް ދައުރު މީގެ 3 އަހަރު ފަހުން ފެށޭއިރު، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް މިފަދަ ވަސީލަތްތަކުގެ ބޭނުންކުރަން ޖެހެއެވެ.
މީގެ އަހަރުތަކެއް ކުރިން އައްޑޫ ބަހުރުވައިން ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ކީ ލަވައެއް، "ބަލާއް ނިޔޭށީ އައްޑޫ އެކާލޯ" ވެގެން ދިޔައީ އެ ބަހުރުވައިން ވާހަދައްކަން ނޭނގޭ ދިވެހީންގެ މެދުގައިވެސް ނުހަނު މަޝުހޫރު ލަވައަކަށެވެ. ސްކޫލުތަކުގައި ދިވެހި ބަހުރުވަތައް ދަސްކޮށްދީފިނަމަ މިފަދަ މުބާރާތްތަކުގައި ތަފާތު އެތައް ހުނަރު ފެނިގެންދާނެއެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ހަމައެކަނި މާލޭ ބަހުރުވައިން ވާހަކަ ދެއްކުމުގެ ޝަރުތު ނުވަތަ ފުރުސަތު އޮންނާތީ، ބައެއް ރަށްތަކުގެ ދަރިވަރުން މި މުބާރާތުގައި ބަރިވެރިވުމަށް ޖެހިލުންވެސް ވެއެވެ. މިއީ ރަށްރަށުގެ އަމިއްލަވަންތަކާއި ގުޅިފައިވާ ކަމެކެވެ. މި ބަހުރުވަތައް ނެތި ދިއުމަކީ ދިވެހި ބަހާއި ތާރީޙުން ބައެއް އުނިވެގެންދާނެ ކަމެކެވެ.
މިކަމުގައި ތައުލީމާއި ބެހޭ ވުޒާރާގެ އިތުރުން އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށެވެ. އެ ވުޒާރާގެ މެންޑޭޓްގެ ދަށުން ދިވެހި ބަސް ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި މިކަން ވެސް ހިމަނަންޖެހެއެވެ.
ރިއެކްޓް



