ރިޕޯޓު

ސައުވީސް ހާސް ކާނު ސާފުކޮށް އާޒިމް ދައްކައިދިނީ އިޚްލާސްތެރި ޚިދުމަތުގެ ނަތީޖާ

ޖުލައި 16, 2025 - 09:30
ޖުލައި 16, 2025 - 05:11
 0
ސައުވީސް ހާސް ކާނު ސާފުކޮށް އާޒިމް ދައްކައިދިނީ އިޚްލާސްތެރި ޚިދުމަތުގެ ނަތީޖާ
މޭޔަރު އާދަމް އާޒިމް -- ފޮޓޯ: މާލެސިޓީ ކައުންސިލް

"އިޚްލާސްތެރި ހިތަކާއި އެކު ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުމެ ކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތްކުރީމަ ނަތީޖާ ފެންނާނެ. ގިނަ ކަންތައްތައް ރާއްޖޭގައި ބޮއްސުންލާފައި ހުރީ އެ ކަންކަމާ ހަވާލުވާ މީހުން އިޚްލާސްތެރިކަމާއެކު މަސައްކަތް ނުކުރާތީ" މާލޭ ސިޓީގެ ކާނުތައް ސާފުކުރުމުގެ މަސައްކަތާއި ބެހޭ ގޮތުން "ވިރާސީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

މިއީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތެވެ. 

އިޚްލާސްތެރިކަމާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނެކަމުގެ ހެއްކެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ކާނު ސާފުކުރުމުގެ މަސައްކަތް ބެލެވޭނެއެވެ. މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ހަރުދަނާ ސިޔާސަތުތަކާއި އެކު ކުރެވޭ މި މަސައްކަތަކީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށުނު މަސައްކަތެކެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ހަވާލުވިތާ ދޮޅު އަހަރުވެސް ނުވާ އާދަމް އާޒިމް ވަނީ އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި މާލޭ ސިޓީގެ ފެން ބޮޑުވުމަށް ހައްލެއް ގެނެވިދާނެކަން ސާބިތުކޮށްދީފައެވެ.

މިގޮތުން ފެން ބޮޑުވުން ހައްލު ކުރުމަށް އާޒިމް ފެއްޓެވީ މާލޭ ސިޓީގެ ހުރިހާ ކާނުތައް ސާފު ކުރުމުގެ މަސައްކަތެވެ. ސިޓީ ކައުންސިލުން ކުރަންޖެހޭ ނަމަވެސް ފަރުވާކުޑަކަމުން ސާފުނުކޮށް ދޫކޮށްލާފައި ހުރި ހުރިހާ ކާނެއް ސާފު ކުރުމަށް އާޒިމް ފެއްޓެވީ ކުރަން އުޅޭ މަސައްކަތުގެ ބޮޑުކަމާއި އޭގެއިން ނުކުންނާނެ ނަތީޖާ ރަނގަޅަށް ދެނެހުރެއެވެ.

މާލެ ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތަކަށް ކުންޏާއި ވެލި އެޅި  ބެދިފައި ހުރުން ކަން ނުދަންނަ މީހަކު މަދުވާނެއެވެ. ނަމަވެސް ކާނުތައް ސާފުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކުނު އެއްވެސް ވެރިޔަކު ނެތެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިލިމާލޭގައި ހުންނަ 9925 ކާނުގެ ތެރެއިން 8487 ކާނު އާޒިމްގެ އިރުޝާދުގެ ދަށުން ވަނީ ސާފުކޮށްފައެވެ. މިއީ ވިލިމާލޭގެ %85 ކާނެވެ. މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވިލިމާލޭގެ 38 މަގެއްގައި ކާނުތައް ސާފުކޮށް ނިމިފައިވާއިރު، ކާނު ސާފުނުކުރެވި ހުރީ އެންމެ 5 މަގުގައެވެ.

އަދި މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މާލޭގެ ކާނުތައް ސާފުކުރަން ފަށާފައިވާއިރު މިދިޔަ ޖޫންމަހުގެ ނިޔަލަށް 15،652 ކާނު ސާފުކޮށްފައިވާކަމަށާއި އެ ކާނުތަކުން 1359 ޓަނުގެ ވެލި ނަގާ ސާފުކޮށްފައިވާކަމަށް މާލޭ ސިޓީކައުންސިލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މާލޭ ސިޓީ ކައުންސިލުން އިތުރަށް ބުނީ މާލޭގައި މިހާރު ކާނު ސާފުނުކުރެވި ހުންނާނީ 9 މަގެއްގައި ކަމަށެވެ.

"ވިރާސީ" އަށް މަޢުލޫމާތު ދެމުން އާޒިމް ވިދާޅުވީ މާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 24،141 ކާނު ސާފު ކުރެވިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި މީގެ ކުރިން މި މަސައްކަތް ކުރި ގޮތެއް ނޫނެވެ. ކުރިން ކާނުތައް ސާފުކުރަނީ އެއްވެސް ކަހަލަ ތަރުތީބެއް ނުވަތަ ޓާގެޓެއް އޮވެގެނެއް ނޫނެވެ.

އާޒިމްގެ މި މަސައްކަތުގެ ނަތީޖާ ފޮނިވާނެކަން މިހާރުވެސް މާލޭގެ ރައްޔިތުންނަށް ފެންނަން ފަށައިފިއެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ޖެހިގެން އައި ދުވަހުގެ ހެނދުނާއި ހަމައަށް މާލެއަށް 49.8 މިލިމީޓަރުގެ ވާރޭ ވެހުނު އިރު މާލޭގައި ޢާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެންބޮޑުވެގެން އުޅޭކަށް ނުޖެހުނެވެ. ވިއްސާރަ ހުއްޓާލިތާ މާކަ ގިނައިރެއް ނުވަނީސް ފެންތައް ހިނދިއްޖެއެވެ. މާލެއަށް ކުރިން މިވަރަށް ވާރޭ ވެހޭއިރު ފެންބޮޑުވެ ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަން ޖެހެއެވެ. ނަމަވެސް އެދުވަހު އެއްވެސް ތާކުން ވެލިބަސްތ ޖެހުމަށް އެދިފައިނުވާކަން މާލޭސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ފެން ހިންދުމުގައި އިތުރު ފަސޭހތަކައް ލިބިގެން ދިޔައީ މާލޭ ސިޓީ ކައުންސިލުން މާލޭގައި ފެން ހިއްކުމަށް ގެނެސްފައިވާ ދެ ޕަމްޕެވެ. މި ދެ ޕަމްޕަކީ މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވޭ ވަރުގެ ގާބިލު ބިޔަ ދެ ޕަންޕެވެ.

މާލޭގެ ފެން ބޮޑުވެ ޢާއްމު ރައްޔިތުންގެ އަގުބޮޑެތި މުދާ އަދި ގެދޮރަށް ގެއްލުން ލިބުމަކީ ވިއްސާރަ މޫސުމުގައި ޢާއްމު ކަމެކެވެ. އާޒިމްގެ އުއްމީދަކީ އޭނާ ފަށާފައިވާ މި މަސައްކަތް ނިމިގެންދާއިރު މާލޭގެ ރައްޔިތުންނަށް ފެންބޮޑުވުމުން ކުރިމަތިވާ އުނދަގޫތައް ނެތިގެން ދިއުމެވެ. ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަށް ސިފައިން ނުކުންނަން ނުޖެހުމެވެ.

އާޒިމް ޤަބޫލުކުރަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާިއން ފެށިގެން އެންމެ އާދައިގެ މުވައްޒަފުވެސް އިހުލސްތެރިކަމާއެކު ކަންކަން ރަނގަޅު ކުރަން މަސައްކަތް ކޮށްފިނަމަ ރާއްޖެ މުޅިން ބަދަލުވެގެން ދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0