ފައްޔާޒް ރައީސަށް: ގައުމީ މަސްލަހަތަށްޓަކައި ހުރިހާ ޕާޓީތަކާ އެކު މަސައްކަތް ކުރައްވާ
ކެބިނެޓް ދެބައިކުޅަ އެއްބައި އިސްތިއުފާ ދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ރާއްޖެ މިވަގުތު މިއޮތް ނާޒުކު ފައްތަރުން އަރައިގަތުމަށް ގައުމީ މަސްލަހަތު އިސްކޮށް ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
ފައްޔާޒް މިކަމަށް ގޮވާލެއްވީ ކެބިނެޓް ދެބައިކުޅަ އެއްބައި އިސްތިއުފާ ދިނުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ކެބިނެޓް ބޮޑުބައެއް އިސްތިއުފާ ދިނުމަކީ ވަކި ވެފައިވާ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށާއި، މިއީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާއި ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
ގައުމުގެ މާލީ ހާލަތާއި ދުނިޔޭގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ދަނޑިވަޅުގައި ރާއްޖެއަށް މިފަދަ ހާލަތެއް ތަހައްމަލު ނުކުރެވޭނެ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. "މުޅި ކެބިނެޓް އިސްތިއުފާ ދިނުމަކީ ވަކި ވެފައިވާ އާދައިގެ ކަމެއް ނޫން. މިއީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާއި، މަގުބޫލުކަން ކުޑަވަމުންދާކަމުގެ އެންމެ ފަހުގެ ނިޝާން،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ގައުމީ ފިސްކަލް ކްރައިސިސްއެއްގެ މެދުގައި އަދި ބައިނަލްއަގުވާމީ ކަންކަމުގައި ޔަގީންކަމެއް ނެތް ވަގުތެއްގައި ރާއްޖެއަށް މިފަދަ ކަންކަން ބަރުދާސްތު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ހުރިހާ ޕާޓީތަކެއް އެކުލަވާލައިގެން މި މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް އޭނާ ވަނީ ގޮވާލާފައެވެ.






ރިއެކްޓް