ރިޕޯޓު

ސިޔާސީ ބޭނުމުގައި އަޅާ އެއާޕޯޓުތައް, ބޮޑު އިސްރާފެއް ?!

17 އޮކްޓޫބަރު 2025 - 04:04
ސިޔާސީ ބޭނުމުގައި އަޅާ އެއާޕޯޓުތައް, ބޮޑު އިސްރާފެއް ?!

ފާއިތުވީ ހަފްތާގައި އެކަނި އެއް އަތޮޅެއްގައި މީހުން ދިރިއުޅޭ ތިން ރަށެއްގެ އެއާޕޯޓުގެ މަސައްކަތް ފަށައިފި އެވެ. މާ ދުރުދުރުގައި އޮތް ރަށްރަކެއް ނޫނެވެ. އަތޮޅުގައި ފުނަދޫ އެއާޕޯޓު އެބައޮތެވެ. މިލަންދޫއިން 40 މިނެޓު ތެރޭގައި ލޯންޗުން އެ އެއާޕޯޓަށް ދެވެ އެވެ. ކޮަމަންޑޫއިން ވެސް އެހާ ވަގުތެވެ, ކުޅުދުއްފުށި އެއާޕޯޓު އޮތީ ބިލެއްފައްސާ މާ ދުރަކު ނޫނެވެ. 

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރަމުން އަންނަ ދަތުރުތަކުގެ ތެރެއިން ތ. އަތޮޅުގެ އެއް ފަޅެއްގައި ތިން އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށައިފަ އެވެ. ހުވަދު އަތޮޅުގައި ވެސް މަސައްކަތް ހުރީ އެކަހަލަ ގޮތަކަށެވެ. މާ ބޮޑު ޕްލޭނެއް ނެތި, ފެނިގެން ދަނީ ވޯޓު ހޯދުމުގެ ބޭނުމުގައި ކަންކަން ނިންމަމުންދާ ތަނެވެ. 

މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ. އެކަމަކު, ދުރު ވިސްނުމަކަށް ވިސްނާއިރު މި ކަން ވެގެން ދާނީ އޭގެ ބޭނުން ނުހިފޭ, އިސްރާފަކަށް ކަމަށް ކަމުގެ މާހިރުން ދެކިވަޑައިގަންނަވަ އެވެ. 

މާލީ ގޮތުން ދެކޮޅެއް ނުޖެހޭ!

ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއްގައި މިވަގުތު ވެސް 20 އެއާޕޯޓެއް ދަނީ ހިންގަމުންނެވެ. އަދި 13 އެއާޕޯޓެއްގެ މަސައްކަތް ބިން ހިއްކައި އަމަލީ މަސައްކަތް އޮތީ ފަށައިފަ އެވެ. 

އެއާޕޯޓުތައް ރަނގަޅަށް ހިނގައި ދެކޮޅު ޖެހެނީ ދަތުރުކުރާނެ މީހުން ތިބެގެންނެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް އެއާޕޯޓުތަކަކީ ހަފްތާއަކު އެއް ދަތުރުކުރާ އެއާޕޯޓުތަކަށް ވާއިރު, އެ އެއާޕޯޓުތައް ހިންގަމުން ދަނީ ގެއްލުމުގަ އެވެ. ގިނަ އެއާޕޯޓުތަކަކީ ދައުލަަތަށް އާމްދަނީއެއް ނުވަންނަ އެއާޕޯޓުތަކަށް ވާއިރު, އޭގެ ބުރަ ދައުލަތަށް އަބަދުވެސް ބޮޑެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ މި ވާހަކަ އެވެ. ގިނަ އެއާޕޯޓު އެޅުމާ ދެކޮޅަށް އަބަދުވެސް ވާހަކަ ދައްކަވާ ނަޝީދު ވިދާޅުވީ ބައިގަޑިއިރުން ސްޕީޑު ބޯޑުން ދެވޭހާ ކައިރީގައި އޮތް ރަށްތަކެއް އެއާޕޯޓުތަކެއް މި އަޅަނީ އެއްވެސް ސިޔާސަތެއް ނެތި ދެއުޅިއެއް ނުވާ ގޮތެއްގައި ކަމަށެވެ. 

"ނަތީޖާއަކީ، ހުރިހާ އެއާޕޯޓެއްގެ ވެސް އިގުތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނެތުން, ގައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގާން ޖެހުން، އަދި ލޯކަލް ޓޫރިޒަމްއަސް ވެސް ކުރަންވީ މަންފާ ނުކުރުން،" ނަޝީދު ވިދާޅުވި އެވެ, 

އެއާޕޯޓު ގިނަ ވެގެން, ޓިކެޓު އަގުހެޔޮވާކަށް ނެތް!

އެތެރޭގެ އުދުހުންތަކުގައި ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ޓިކެޓުގެ އަގު ބޮޑުވުމެވެ. ރަށްރަށުގެ ޑިމާންޑު އޮތީ އަދިވެސް މާލެއަށް ކަމަށްވާއިރު, މާލެއިން ރާއްޖޭގެ އެންމެ އުތުރަށް ނުވަތަ އެންމެ ދެކުނަށް ދެވޭ އަގުގައި އަވައްޓެރި އިންޑިއާއާއި ސްރީލަންކާއަށް ވެސް ދެވެ އެވެ. 

މި ހުރިހާ ދަތުރުތަކަށް ވެސް ބަރޯސާ ވާން އޮތީ ގައުމީ އެއާލައިނަށެވެ. އެހެންނަމަވެސް, މިހާރު ހުރި އެއާޕޯޓުތަކާއެކު ވެސް ގައުމީ އެއާލައިނަށް ބޭނުންވާ ވަރަށް ކޭޓާ ނުކުރެވެ އެވެ. 

ގައުމީ އެއާލައިންގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި, އުދުހުންތައް ހިންގުމަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވުމަކީ ޓިކެޓު އަގުބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބެވެ. ތެލުގެ އަގާއި މަތިންދާބޯޓުތައް ބަލަހައްޓައި މަރާމާތުކުރުމަށް ކުރާ ހަރަދާއި މުވައްޒަފުންގެ މުސާރަ، އަދި އެއާޕޯޓުތަކަށް ދައްކަންޖެހޭ ފީތަކާއި ރަށްތަށުގެ އެއާޕޯޓުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަދު އިންތިހާއަށް ބޮޑުވެގެން ދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

427224_3_d0679d15afd8fa8b1fb88a62c75c1bad58b5b198_large.jpg
މިލަންދޫ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

 

މިހާރު ވެސް ހަފްތާއަކު އެއް ދަތުރު ކުރާ އެއާޕޯޓުތައް ހުރިއިރު އޭނާ ވިދާޅުވި ގޮތުގައި, ކައިރިކައިރީގައި ގިނަ އެއާޕޯޓުތަކެއް އެޅުމުން ޓިކެޓު އަގުހެޔޮ ވުމުގެ ބަދަލުގައި މޯލްޑިވިއަން ކުންފުންޏަށް ވެސް އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ. މިއީ އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ, މޯލްޑިވިއަން އަށް އިތުރު ބުރައަކަށް ވެގެން ދާނެ ކަމެއް ކަމުގައި އޭނާ ދެކެ އެވެ. 

ސިޔާސީ ބޭނުމެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ބުނެ, އެއްވެސް ޕްލޭނެއް ނެތި މި ކުރެވެނީ އިސްރާފެކެވެ. އާހިރުގައި މި ކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ ރައްޔިތުންނަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0