ރިޕޯޓު , ޚަބަރު

ސިނގިރޭޓް ހެއިސްޓް: އިދާރާތަކުން ފުރުސަތު ދީގެން ހިންގި ޖަރީމާއެއް

28 އޮކްޓޫބަރު 2025 - 20:03
ސިނގިރޭޓް ހެއިސްޓް: އިދާރާތަކުން ފުރުސަތު ދީގެން ހިންގި ޖަރީމާއެއް

"ސިނގިރޭޓް ހެއިސްޓް" އަކީ ރާއްޖޭގެ ތާރީޚުގައި ހިނގާ ދިޔަ އެންމެ ބޮޑު ވައްކަން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ނަމަވެސް ވައްކަމުގެ މޮޅުކަމާއި ބޮޑުކަމުގެ ވާހަކައަށްވުރެ އޭގެ ސަބަބުން ޤައުމަށް ލިބޭ ހަޤީޤީ ގެއްލލުމުގެ ވާހަކައަކީވެސް ދައްކަން ޖެހޭ ވާހަކައެކެވެ. އެމްޕީއެލް, ކަސްޓަމްސް އަދި އެމްއެންޑީއެފް ގުޅިގެން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދަކުން 40 ފޫޓުގެ 2 ކޮންޓެއިނަރު ވަގަށް ނެގުމާއި އެ ވައްކަން ކުރިކަން އެ އިދާރާތަކަށް ރޭކާނުލާ އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ސުވާލުތަކެކެވެ.

އިދާރާތަކުން މިހާތަނަށް ހާމަކޮށްފައި ހުރި މަޢުލޫމާތުތަކާއި "ވިރާސީ" އިން އެކި މަސްދަރުތަކުން ހޯދި މަޢުލޫމާތުން ޔަޤީންވާ އެއްކަމެއް އެބައޮތެވެ. މިއީ  އާދައިގެ ވަގުންގެ ބަޔަކަށް ހިންގޭނެ ވަރަށްވުރެ ބޮޑު އޮޕަރޭޝަނެއް ކަމެވެ. އަދި މި ވައްކަން ކޮށްފައިވަނީ ނުފޫޒު ފޯރުވޭ މަޤާމުތަކުގައި ތިބި ބައެއްގެ އެހީތެރިކަމާއެކު "ތިންވަނަ ފަރާތަކުން" ކަމެވެ.

ވައްކަމުގެ ކުރިން----

"ވިރާސީ" އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މި ދެ ކޮންޓެއިނަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ ސައޫދީގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް އެތެރެކުރި ދެ ކޮންޓެއިނަރެވެ. މި ކޮންޓެއިނަރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ސަބް ކޮންޓްރެކްޓަރ "ޗައިނީޒް ހާބަރ" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އަދި މި މިކޮންޓެއިނަރ ކްލިއަރ ކުރުމުގެ މަސައްކަތް ހަވާލުވެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ "ލިއޯ ޓްރޭޑިންގ" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ކެމްބޯޑިއާގެ ކުންފުންޏަކުން ސަޕްލައިކުރި މި މުދާތައް ރާއްޖެ ގެނައި ބޯޓު ތައިލެންޑުގެ ބަނދަރަކުން މިއަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހު ފުރައިގެން އައިސް ރާއްޖޭގެ ބަނަދަރަށް ވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މި ދެ ކޮންޓެއިނަރު ހުޅުމާލޭ ޕޯޓަށް ގެންގޮސްފައިވަނީ އެމްޕީއެލްގެ ބާރޖެއްގައި ކަން ލިޔެކިޔުންތަކުން އެނގެއެވެ. 

މި ދެ ކޮންޓެއިނަރު ހުސްކުރާނީ އަމިއްލަ ސައިޓެއްގައި ކަމަށް "ލިއޯ ޓްރޭޑިންގ" އިން އެމްޕީއެލް އަދި ކަސްޓަމަށް އެންގުމުން ކޮންޓެއިނަރު ކްލިއަރ ކުރުމަށް ހުއްދަ ދިނުމުގެ މަސައްކަތް ކަސްޓަމުން އެޕްރީލް 23 ގައި ފެށި ނަމަވެސް ލިޔެކިޔުންތަކެއް ފުރިހަމަ ނުވާކަމަށް އަންގައި މި ކޮންޓެއިނަރުތައް ހިފެހެއްޓުމަށް ހަމަ އެދުވަހު ނިންމި ކަމަށްވެއެވެ. ނަމަވެސް އެދުވަހު ކޮންޓެއިނަރު ނުހުޅުވާ ކަމަށް ވެއެވެ.

އަދީ އޭގެ 3 ދުވަސް ފަހުން އެޕްރީލް 26 ވަނަ ދުވަހު ކޮންޓެއިނަރު ހުޅުވައި އޭގައި ހުރި މުދާތައް ބެލުމުގެ ތެރޭގައި "ޑިކްލެއަރ" ނުކުރާ މުދާތަކެއް އޭގައި ހުރި ކަމަށް ފާހަނގަވެ, އެ މުދާތައް ކަސްޓަމުން ހިފެހެއްޓިއެވެ. މިއީ ސިނގިރޭޓްތަކެއް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތްކަން މީޑިއާތަކަށް ތިލަވި ދުވަހެވެ.

ކޮންޓެއިނަރުތައް ހިފެހެއްޓުމަށްފަހު "އާދައިގެ ތަޅެއް" އެޅުވުމަށް ފަހު އެމްޕީއެލްގެ ތެރޭގައި އެ ކޮންޓެއިނަރުތައް ބަހައްޓާފައި ހުރީ އިތުރު ސެކިއުރިޓީ އެއް ނެތި އެވެ. ފާހަގަ ކުރެވޭނެ އިތުރު ނިޝާނެއް ނުވަތަ ލިޔުމެއް ހަރުކޮށްފައެއް ނެތެވެ. މި ކޮންޓެއިނަރުތައް ހަމަ އެ ހުރި ތަނުގައި ބަހައްޓާފައި ހުރީއެވެ.

ވައްކަން ކުރަން ފުރުސަތު ދިންކަމުގެ ތުހުމަތު

މި ގޮތަށް މިކަން ހިނގާފައި ހުރުމުން އުފެދޭ ސުވާލުތައް ގިނައެވެ. "ޑިކްލެއަރ" ނުކޮށް އެތެރެ ކުރި މުދާތަކާއި ބެހޭ ގޮތުނން ތަހުގީގު ނުކުރީ ކީއްވެ ހެއްޔެވެ?

ތަހުގީގު ކުރި ނަމަ 6 މަސްދުވަސް ވަންދެން އެ ތަނުގައި އެ ކޮންޓެއިނަރުތައް ހުރީ ކީއްވެ ހެއްޔެވެ?

އޭގައި ހުޤަވާއިދާއި ޚިލާފު މުދާތައް ނައްތާނުލީ ކީއްވެ ހެއްޔެވެ?

އެ ވީހާ ދުވަހަކަށް އެ ކޮންޓެއިނަރުގައި ގެނައި މުދާ ކްލިއަރ ނުކޮށް ހުރުމުން ޖޫރިމަނާ އަރާ އިރު, އެ މުދާތައް ގެއްލުމުން އެ ޖޫރިމަނާއަށް އަށް ޒިންމާވާނީ ކޮން ފަރާތަކުން ހެއްޔެވެ?

މި ފަދަ އެތައް ސުވާލަކަށް ޖަވާބު ހޯދާލުމަށް މައްސަލައިގެ ތެރެއަށް ފީނާލުމުން ފެންނަނީ ރަސްމީ އިދާރާތަކެއްގެ އިހުމާލުގެ ހާއްޔެކެވެ. އެމްޕީއެލްގެ ސެކިއުރިޓީގައި ހުރި ކަސްޓަމްސްގެ ބާރު ހިނގާ މުދާތަކެއް އެހެން ބަޔަކު އައިސް ވަގަށް ނެގުމަށް މި ދެ އިދާރާގެ ބަޔަކު ވެފައިވާ އެހީތެރިކަމެވެ. ކަސްޓަމްސް ގައި އިންޓެލިޖެންސް ޑިޕާޓްމަންޓް އަކާއި އިންވެސްޓިގޭޝަން ޑިޕާޓްމަންޓެއް އޮންނަ އިރު, މިފަދަ ބޮޑު ވައްކަމެއް "އަމިއްލަ ގޯތީގައި" ހިނގައިދާނީ އެ ޑިޕާޓްމަންޓް ތަކަށް ނޭނގި ކަމަށް ޤަބޫލުކުރުމަކީ ބުއްދިއަށް ޤަބޫލުކުރަން ދަތި ކަމެކެވެ.

ތަހުޤީޤީ އިދާރާތަކުން މި މައްސަލާގާއި ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުން ހިމެނެއެވެ. މިއީ ޢަމަލީ ގޮތުން މި ވައްކަމުގައި ބައިވެރިވީ މީހުންނެވެ. ނަމަވެސް މި މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިންގެ ބައިވެރިވުމެއް ނެތި މިވަރުގެ ވައްކަމެއް ނުކުރެވޭނެއެވެ.

ރާއްޖޭގެ އިތުބާރު ބައިނަލްއަގުވާމީ މުޖުތަމަޢުގައި ގެއްލުމުގެ ބިރު

އެމްޕީއެލްގެ ބަނދަރަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑާއި އެއްހަމައެއްގައި ހިންގަން ޖެހޭ ތަނެކެވެ. "އައިއެސްޕީ" ސްޓޭންޑަޑް  އަށް ކަންކަން ހުރިކަމުގެ ސެޓްފިކެޓް މި ޕޯޓަށް ލިބިފައިވާއިރު, ހިނގައިދިޔަ ވައްކަމުގެ ސަބަބުން ހަޤީޤީ މާނާގައި މި ސްޓޭންޑަޑަށް ފެތޭތޯ ސުވާލު އުފެދެއެވެ.

މީގެ އިތުރުން, ކަސްޓަމްސްގެ ހަވާލުގައި ހުރި މުދާތަކެއް ގެއްލުމަކީ ބައިނަލްއަގުވާމީ ޝިޕިންގ ލައިންތަކުން ރާއްޖެއަށް ކުރާ އިތުބާރަށް ބުރޫ އަރާނެ ކަމެކެވެ. އެފްރިކާގެ ބައެއް ސަރަހައްދުތަކަށް މުދާ ފޮނުވުމުގައި ވައްކަމުގެ ރިސްކު ބޮޑު ވުމުން އަގުތައް ބޮޑު ވެއެވެ. ފްރައިޓް ޗާޖާއި އިންޝޫރެންސް ފަދަ ބައެއް ޚިދުމަތުގެ އަގުތަކެވެ.

ރާއްޖެއަށް މުދާ ފޮނުވުމަށް ޝިޕިންގ ލައިންތަކުން ކަންބޮޑުވާން ފަށައިފިނަމަ އޭގެ ސަބަބުން އެފްރިކާގެ ޤައުމުތަކަށް ދިމާވެފައިވާ ގޮތް ރާއްޖެއަށް ދިމާވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެމްޕީއެލް އާއި ކަސްޓަމްސް ގުޅިގެން ލަސްނުކޮށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މި ދެންނެވި އިތުބާރު ގެއްލުނަނުދީ ވާނެ ގޮތަކަށް ޕޯޓުގެ ކަންކަން ތަރުތީބު ކުރުމެވެ. ޕޯޓުގެ އެތެރޭގައި ހުންނަ މުދަލާއި ކޮންޓެއިނަރުތަކަކީ ރައްކާތެރި ކުރެވިފައިވާ ތަކެތި ކަން ޔަގީން ކުރުމެވެ. ސަލާމަތީ ފިޔަވަޅުތައް ކުރިއަށް ވުރެ ވަރުގަދަކޮށް, ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރި ވަބާ ޕޯޓުން ފޮހެލުމެވެ. މިކަންކަން އަވަސް މުސްތަގުބަލެއްގައި ނުކުރެވިއްޖެނަމަ ހައްލުކުރަން ދަތި އެތައް މައްސަލައެއް ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0