ރިޕޯޓު

15 އަހަރުގެ ތަޖުރިބާ، އަލީ އާޒިމް މި ނިކުންނަނީ މާލެ ބަދަލުކޮށްލަން!

3 ޑިސެންބަރު 2025 - 14:46
15 އަހަރުގެ ތަޖުރިބާ، އަލީ އާޒިމް މި ނިކުންނަނީ މާލެ ބަދަލުކޮށްލަން!
އަލީ އާޒިމް، ވިރާސީއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ވިރާސީ

އަލީ އާޒިމް އަކީ ދެ ވަނަ ތައާރަފެއް ބޭނުން ވާނެ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ހެންވެއިރު ގޮނޑި ތިން ދައުރު ފުރިހަމަ ކުރެއްވިއިރު, ދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ އެބަހުރިއެވެ. އޭނާއަކީ އެ ކަމެއް އޮންނަ ގޮތަށް ބުނަން ޖެހޭ ހާލަތްތަކުގައި ބަސް ބުނަން ޖެހިލުން ނުވާނެ ކަން ސާބިތުކޮށްދީފައިވާ ބޭފުޅެކެވެ. 

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް ކަންކަން ދާތީ އެކަމާ ބަސް ބުނުއްވިއެވެ, ނަތީޖާއަކަށް ވީ އެންމެ ލޯބިވި ޕާޓީން ދުރަށް ދާން ޖެހުމެވެ. އެހެންނަމަވެސް, އެ ދުވަހު ކަންކަން ހިނގީ ގޯސްކޮށް ކަން ގަބޫލުކުރާ ހާލު އާޒިމް މިއަދު އަނެއްކާވެސް ނިކުމެ ހުންނެވީ މީގެ 15 އަހަރު ކުރިން ފެށި މަސައްކަތުގައި ކުލަ ޖައްސާށެވެ. 

މަޖިލީހުގައި 15 އަހަރު ދުވަހު ކުރެއްވި މަސައްކަތާއެކު, މާލޭ ސިޓީ މޭޔަރު ކަމަށް ނިކުމެ, މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް މާލޭ ބަދަލުކޮށްދޭށެވެ. 

15 އަހަރުގެ ތަޖުރިބާއާއެކު, މައްސަލަތައް ހައްލުކޮށްދިނުމަށް!

މޭޔަރަކަށް ހޮވިއްޖެނަމަ މާލޭ ރައްޔިތުންނަށް ކޮށްދޭން ގިނަ ކަންކަމުގެ ތަސައްވުރެއް އޮތް ނަމަވެސް އަލީ އާޒިމްގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ކަމަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. އެއީ މަޖިލީހުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލައިގެން އުޅުނުއިރު, އަލީ އާޒިމް މާލޭގެ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އެކަން ކުރުމަށެވެ.  

"މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު ވެފައި އޮތް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އަޅުގަނޑު ގޭގެއަށް ގޮސް ބުނިން ހަތަރު ވަނަ ދައުރަކަށް ތިމަންނަ ނާންނާމޭ މި ކަންކަން ހައްލުނުކޮށް," އޭނާ ވިދާޅުވިއެވެ. 

އެހެން ބައެއް ޕާޓީތަކުގެ ސިޔާސަތުތަކާ މަސްހުނިވުމުގެ ސަބަބުން އެ ކަން އެމްޑީޕީގެ ސަރުކާރުގައި ހައްލު ނުކުރެވުނުނަމަވެސް, އޭނާގެ މޭޔަތު ކަމުގެ ދަށުން އެކަން ހައްލު ކުރާނެ ގޮތުގެ ތަސައްވުރެއް އޭނާގެ އެބަޮތެވެ. 

"މާލޭގައި އެބަހުރި ވަރަށް ގިނަ ގެތަކެއް ނުހެދި. މިސާލަކަށް 1000 އަކަފޫޓުގެ ގެއެއްގައި އުޅެދާނެ ތިން ކުދިން ހަތަރު ކުދިން. އެ މީހުން އެއުޅެނީ އެ ގެ ނުހެދި ހުރީމާ ގޯއްޗެއް ހޯދަން ފްލެޓެއް ހޯދަން. އެހެންނަމަވެސް ސިޓީ ކައުންސިލުން އަޅުގަނޑުމެން މި ބުނާ އިކުއިޓީ ލައިގެން ގެތައް ހެދީ، ހެދީމާ އެ ކުދިން ނޫޅޭނެ ބިން ހޯދާކަށް ފްލެޓެއް ހޯދާކަށް،" އޭނާގެ ވިސްނުން ހާމަކުރައްވަމުން އަލީ އާޒިމް ވިދާޅުވިއެވެ. 

އަލީ އާޒިމް، ވިރާސީއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ވިރާސީ
އަލީ އާޒިމް، ވިރާސީއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ވިރާސީ

މިއާއެކު ބޯހިޔާވަހިކަން ހައްލު ކުރުމަށް ގިނަ ވިސްނުންތައް ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މާލޭގައި ހެލިފެލި އުޅުމުގައި ހުރި ދަތިތަކާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ވެސް އާޒިމްގެ ތަސައްވުރެއް އެބަޮއޮތެވެ. އެންމެ ބޮޑު އެއް ކަމަކީ މިހާތަނަށް އެއްވެސް މޭޔަރަކަށް ނުވެ އޮތް މާލޭގެ ވެހިކަލް ލިމިޓް ކަނޑައެޅުމެވެ. ކިތަންމެ ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް އެފަދަ މުހިންމު ކަންކަން އޭނާ ކުރާނެ ކަމުގައި އަލީ އާޒިމް ވިދާޅުވިއެވެ. 

"އަޅޫގަނޑުގެ ނެތް މި ކަމުގައި ފަހަތަށް ޖެހެން ޖެހޭ ސަބަބެއް. އަޅުގަނޑުގެ ވިޔަފާރިއެއް ހިމާޔަތް ކުރާކަށް ނުޖެހޭ. އަޅުގަނޑު ނަގާނެ ހިތްހަމަނުޖެހޭ ކަހަަލަ ޑިސިޒަން ސިޓީ ކައުންސިލަށް އައީމާ. އެގޮތުން ވެހިކަލް ކެރީން ކެޕޭސިޓީ ވަރަށް އަވަހަށް ކަނޑައެޅިގެން ދާނެ،" އަލީ އާޒިމް ޔަގީންކަން ދެއްވިއެވެ.  

ޓްރެފިކްގެ މައްސަލަތަކުގެ އިތުރުން މާލޭގައި ޕާކިންގެ ދަތިކަށް ހުރި މައްސަލަތައް ވެސް ހައްލުކުރުމަށް ގިނަ މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި އާޒިމް ވިދާޅުވިއެވެ. 

ބަސް ބުނަން ކެރޭނެ, ތަންފީޒުކުރާނީ އެމްޑީޕީގެ ސިޔާސަތު!

އެމްޑީޕީއަކީ އަބަދުވެސް މެދުމިނުގެ ސިޔާސަތުތަކަށް އިސްކަން ދޭ، ކޮރަޕްޝަނާ ވައްކަމާ ދެކޮޅަށް ވަކާލާތު ކުރާ އަދި ދެފުށްފެންނަން ޖެހޭނެ ކަމަށް ބުނާ ޕާޓީއެއް ނަމަވެސް، މިއަދު ހުރި އެމްޑީޕީގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ފެންނަނީ އެއާ މުޅިން ދެކޮޅު ސިފަތަކެއް ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

"ވިޔަފާރީގެ އަމިއްލަ މަސްލަހަތު މާ ބޮޑަށް ނެރިގެން މާލެއަށް ކަމެއް ކަމެއް ކޮށްދިނުމަކީ ފަހަތަށް ޖެހެން ޖެހޭ ކަހަލަ ކަމަކަށް މިހާރު ވެފައި މިއޮތީ، ސަރުކާރާ ބައެއް ފަހަރު ޖެހޭނެ ހަނގުރާމަ ކުރަން. މާލޭ ރައްޔިތުންގެ ފަރާތުން ބުނަން ބޭނުންވާ ވާހަކަތައް ހިތްހަމަނުުޖެހޭ ވާހަކަތައް ބުނަން. "އަލީ އާޒިމް ވިދާޅުވިއެވެ 

އާދަމް އާޒިމްގެ ފަރާތުން ފެންނަނީ އަމިއްލަ މަސްލަހަތަށްޓަކައި، މާލޭ ރައްޔިތުން ހިތްހަމަނުޖެހޭ ކަންކަން ސަރުކާރާ ދެކޮޅަށް ބަސް ބުނަން ނުކެރިފައި ހުންނަ ތަން ކަމަށާއި އެ ގޮތަށް ބުނަން ނުކެރި ފަހަތަށް ޖެހޭނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. 

އަލީ އާޒިމް، ވިރާސީއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ވިރާސީ
އަލީ އާޒިމް، ވިރާސީއަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ވިރާސީ

"އަޅުގަނޑަކަށް ކެރޭނެ ބުނަން. ރީތިކޮށް ވެސް އެނގޭނެ ބުނަން، ހަޑިކޮށް ވެސް އެނގޭނެ ބުނަން. އެހެންވީމާ އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މާލެއަށް ބަދަލެއް ގެނެވިދާނެ ކަން. މީގެ ކުރީގެ މޭޔަރުންތަކާ އަޅާ ބަލާއިރު އަޅުގަނޑުގެ ފަހަތުގައި ނެތް ބިރުގަންނަން ޖެހޭނެ ފަދަ ކަމެއް،" އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ މާލެއަށް ބަދަލު ގެނައުމަށް ބައެއް މީހުން ހިތްހަމަ ޖެހޭ ބައެއް ހަރުކަށި ފިކުރުތަކެއް އަޅަން ޖެހޭނެ ކަމަށާއި އޭނާ ވާނީ އެ ކަންކަން ކުރަން ކެރޭނެ މޭޔަރަކަށް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލް ހިންގާނީ ދެ ފުށް ފެންނަ ގޮތެއް ކަމަށާއި ކަންކަން ކުރިއަށް ގެންދާނީ އެމްޑީޕީގެ ސިޔާސަތުތަކާ އެއް ގޮތަށް ކަމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0