ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަށް މިއީ ހައްގު ޓާމިނަލެއް

ދިވެހިރާއްޖެއަކީ ފާއިތުވީ ފަސް އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ގޮތުގައި ހޮވިފައިވާ ޤައުމެވެ. މިފަދަ ޝަރަފުވެރި މަޤާމަކާ އެކަށޭނަ ފެންވަރުގެ އެއާޕޯޓެއް ނެތުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި އުނިކަމެކެވެ. އެހެނަސް މިއަދު ދިވެހިން ގުނަމުން މިދަނީ ރާއްޖޭއަށް ދުނިޔޭގައި ލިބިފައިވާ މަޤާމާއި އެކަށީގެންވާ އެއާޕޯޓު ޓާމިނަލެއް ހުޅުވުމުގެ އެންމެ ފަހު ދުވަސްތަކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހަމައެކަނި ބޭރުފުށުން ރީތީއެއް ނޫނެވެ. ޓާމިނަލުގެ އެތެރެއަށް ވަނުމުން ފެނިގެންދަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކުން ވެސް ފެންނަ ފަދަ ޗާލުކަމެވެ. މިއީ ހަމަ ދިވެހިންގެ އެއާޕޯޓު ބާއޭ ހިތަށް އަރައެވެ.
އައު ޓާމިނަލުގެ ރީތިކަމާ އެއްވަރަށް ޚިދުމަތްތައްވެސް ފުރިހަމައެވެ. ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުތަކެއްގައި ލިބޭ ހުރިހާ ޚިދުމަތެއްހެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއެކު ލިބިގެންދާނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތައް
އައު ޓާމިނަލްގައި ހިމެނޭ ވަސީލަތްތަކަށް ބަލާއިރު، މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކާ އެއްފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއްކަން ފާހަގަކުރެވެއެވެ. 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ކައުންޓަރު ހިމެނޭ މި ޓާމިނަލްގައި ފަސިންޖަރުންނަށް އެންމެ ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުވާލަކަށް އެތައް ހާސް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަނަކަށްވާއިރު ޖާގަ ތަނަވަސް މި ޓާމިނަލުގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ވަގުތުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.
އިމިގްރޭޝަން އަދި ދަތުރުވެރިންގެ ޚިދުމަތްތައް
ރާއްޖެއަކީ "އޮން އަރައިވަލް ވިސާ" އެންމެ ގިނަ ޤައުމުތަކަށް ދޫކުރާ އެއް ޤައުމު ކަމަށްވާއިރު ރާއްޖޭގެ ބޯޑަރަކީ ބިޒީ ބޯޑަރެކެވެ. ރާއްޖެއަށް އެތެރެވާ ފަރާތްތަކާއި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަނުގެ ޚިދުމަތް ދިނުމަށް 20 ޑިޕާޗާ ކައުންޓަރާއި 28 އެރައިވަލް ކައުންޓަރު ޤާއިމުކުރެވިފައިވުމަކީ ދަތުރުވެރިންގެ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމެކެވެ. ޚާއްސަކޮށް ފަތުރުވެރިން ގިނަ ވަގުތު ކިއު ތަކުގައި މަޑުކުރަން ނުޖެހި އިމިގްރޭޝަން އަދި ކަސްޓަމް މަރުހަލާތައް ފުރިހަމަކުރެވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އެދި އެދި ތިބި ކަމެކެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ އެއާޕޯޓެއްގައި "ޓްރާންޒިޓް" ބޯޑު
އައު ޓާމިނަލާއެކު ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް "ޓްރާންޒިޓް" މި ބޯޑު ފެންނަން ހުރުން ވެގެންދާނީ މި ގެނެވުނު އަޕްގްރޭޑްގެ ހަޤީޤީ މަންޒަރު ދައްކުވައިދޭ އެއް ކަމަކަށެވެ. ކުރިންވެސް ވެލާނާ އެއާޕޯޓުގައި ޓްރާންޒިޓް ކުރެވެއެވެ. ނަމަވެސް އަލަށް ގެނެވުނު އަޕްގްރޭޑްތަކާއެކު މި ޚިދުމަތް އާއުސްމިންތަކަކަށް މި ވަނީ ފޯރާފައެވެ. އެހެން ފްލައިޓަކަށް ބަދަލުވާ ޕަސެންޖަރުންނަށް ޚާއްސަ ގޭޓުތަކާއި ހިތްފަސޭހަ ލައުންޖްތައް އައު ޓާމިނަލުގައި ޤާއިމުކޮށްފައި ހުރީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކާއި އެއް ފެންވަރެއްގައެވެ.
އެއްފަހަރާ 12 މަތިންދާބޯޓަށް ޚިދުމަތްދެވޭ ލަގެޖް ކްލެއިމް ބެލްޓް
އައު ޓާމިނަލުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ސިފައަކީ އެއްފަހަރާ 12 ފްލައިޓުގެ ލަގެޖް ބޭރުކުރެވޭ 5 ލަގެޖް ބެލްޓެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މީގެ އެއް ބެލްޓުން އެކަނި އެއްފަހަރާ ވައިޑްބޯޑު މަތިންދާބޯޓަކަށް ޚިދުމަތް ދެވޭނެކަމެވެ. އަދި އޯވަ ސައިޒްޑް ލަގޭޖްތަކަށް ހާއްސަ އޯއޯޖީ ބެލްޓެއް ވެސް އިންސްޓޯލްކޮށްފައި ހުރުމުން ރާއްޖެއަށް ޒިޔާރަތްކުރާ ރާޅާއަޅާ ފަތުރުވެރިންނަށް ލުއިފަސޭހަވެގެންދާނެއެވެ.
ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ
އަލަށް ހުޅުވޭ ޓާމިނަލުގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަތީ ޕަސެންޖަރުންނަށް ފަސޭހަ ކުރުމަށް ޤާއިމުކޮށްފައިވާ ފަހުގެ ޒަމާނީ ވަސީލަތްތަކެވެ. މިގޮތުން ޓާމިނަލްގެ އެތެރޭގެ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި 14 އެސްކަލޭޓަރާއި، 4 ވޯކަލޭޓަރ، އަދި 41 އެލެވޭޓަރ ވަނީ ހަރުކުރެވިފައެވެ. ވޯކަލޭޓަރ ރާއްޖޭގެ އެއާޕޯޓެއްގައި ހަރުކުރި މިއީ ފުރަތަމަ ފަހަރެވެ.
މި ވަސީލަތްތަކަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ދޮށީ އުމުރުގެ ފަސިންޖަރުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ވަސީލަތްތަކެކެވެ. އަދި މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އުނދަގޫކަމެއް ނެތި ޓާމިނަލުގެ ތެރޭގައި ހަރަކާތްތެރިވެ ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތަށް ވަނީ ފަރުމާކޮށްފައެވެ.
ފްލައިޓެއްގެ ޓާންއެރައުންޑް ޓައިމް އެންމެ 45 މިނެޓަށް
އައު ޓާމިނަލާއެކު އިތުރުކުރެވިފައިވާ ޚިދުމަތްތަކުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ފްލައިޓެއްގެ ޓާންއެރައުންޑް ޓައިމް އަށް އައި ބަދަލެވެ. ކުރިން 1 ގަޑިއިރާއި 45 މިނެޓް ފްލައިޓެއް ރީފިއުލް ކުރުމަށް އެއާޕޯޓުގައި މަޑުކުރަން މަޖުބޫރުވާއިރު މިހާރު މި ވަގުތު ވަނީ 45 މިނެޓަށް ކުރު ކުރެވިފައެވެ. މި ބަދަލުގެ ސަބަބުން ކުރިން ރާއްޖެއަށް މަޑުނުކުރާ އެތައް އެއާލައިނެއް ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މަޑުކުރާނެއެވެ. އަދި ސިންގަޕޫރާއި ދުބާއީ ފަދަ އެއާޕޯޓުތަކުގައި ޓްރާންޒިޓް ކުރާ ފްލައިޓްތައް ރާއްޖޭގައި މަޑުކުރަން ފަށާނެއެވެ. މީގެ ކުރިން ގިނަ އެއާލައިންތައް ރާއްޖޭގައި މަޑުކުރަން ބޭނުންވާ މިންވަރަށް އެޖާގައާއި ވަގުތު އެއާޕޯޓުން ދެވެން ނޯވެއެވެ. ނަމަވެސް އަލަށް މި ގެނެވުނު އަޕްގްރޭޑާއެކު އެއްފަހަރާ ގިނަ ފްލައިޓްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ހޯދޭނެއެވެ. މީގެ ސަބަބުން ރާއްޖެ މި އޮންނަ ސްޓްރެޓެޖިކް ލޮކޭޝަނުގެ ހަޤީޤީ ބޭނުން ހިފެން ފަށާނެއެވެ.
އެމްއޭސީއެލް އޮތީ އައު ޓާމިނަލުގެ ފުލް ކެޕޭސިޓީގައި ޚިދުމަތް ދިނުމަށް ތައްޔާރަށް
އައު ޓާމިނަލާއެކު އެމްއޭސީއެލްގެ އޮޕަރޭޝަންތައް އެތައް ގުނައަކަށް އިތުރުވެ ފުޅާވެގެންދާނެއެވެ. މިއީ އިތުރުވާ ދެހާހެއްހާ ވަޒީފާ ކަމަށްވާއިރު އެމްއޭސީއެލުން މިކަމަށް މީގެ 2 އަހަރު ކުރިން ވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން ޓާމިނަލުގެ އެކި ވަޒީފާތަކަށް މީހުން ހޯދައި ތަމްރީނުދީ މުޅި ދުނިޔެއަށް މަޝްހޫރު "ދިވެހި ޚިދުމަތް" ދިނުމަށް ވަނީ ތައްޔާރުކޮށްފައެވެ.
ދިވެހިން ފަޚުރުވެރިވުން ޙައްޤު
ކުރީގައި ރާއްޖޭގައި ވެރިކަން ކޮށްފައިވާ ސިޔާސީ ލީޑަރުންނާއި ސަރުކާރުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މަޝްރޫއުގެ ކްރެޑިޓް ހޯދުމަށް ދެއިރު ދަޅައަށް ވާހަކަދައްކަނީ ސަބަބެއް ނެތި ނޫންކަން ޓާމިނަލަށް ވަދެލުމުން ދިވެހިންނަށް ސާފުވާނެއެވެ. މިހާ ފުރިހަމަކޮށް ނިންމާފައިވާ މަސައްކަތެއްގެ ކްރެޑިޓް ލިބުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އެހާ ގިނައިން ލިބޭ ޝަރަފެއް ނޫނެވެ. އެހާ ވަރަށް އެކަމަށް ޒުވާބުކޮށް އެކަކު އަނެކަކަށް ބަހުގެ ހަމަލާ ދެނީވެސް ހަމަ އެހެންވެއެވެ. އެންމެން ވެސް ބޭނުންވަނީ އެއްކަމެކެވެ. ދިވެހިން މި ޓާމިނަލަށް ވަދެ ބަލާލުމުން ފަޚުރުވެރިވާނެ ވަރު އެނގޭތީ އެކަން ކޮށްދިނީ ތިމަންނާއޭ ބުނާ އަޑު އަހާށެވެ.
ނަމަވެސް ހަޤީޤަތަކީ ޓާމިނަލުގެ މަސައްކަތަށް އަހަމިއްޔަތުކަންދީ އަވަހަށް މަސައްކަތް ނިންމައި ދިވެހިންނަށް ޓާމިނަލުގެ މަންފާ ލިބުން އަވަސްކުރުމަށް ގަދައަޅައި މަސައްކަތް ކުރީ ކޮން ސަރުކާރަކުންކަން އެއާޕޯޓު ފެންނަ ހިސާބުން ދަތުރުކުރާ ކޮންމެ މީހަކަށްމެ ސާފުކޮށް އެނގޭކަމެވެ.
އައު ޓާމިނަލަކީ ދިވެހިންނަށް ދުނިޔޭގައި ލިބިފައިވާ ފަތުރުވެރިކަމުގެ މަޤާމާއި އަރާ އަރަފޯދިގެންވާ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެކެވެ. ކޮންމެ ދިވެއްސަކަށްވެސް މި ޓާމިނަލަށް ވަދެ ޚިދުމަތް ހޯދުމުން ކުރެވިގެންދާނީ ފަޚުރުވެރި އިހުސާސެކެވެ.
ރިއެކްޓް



