ރިޕޯޓު , ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅި: ދުނިޔޭގެ ތެލުގެ އެންމެ މުހިންމު މަގު ހަނގުރާމައިގެ ބިރުވެރިކަމުގައި

2 މާރިޗު 2026 - 08:05
ހޮރްމޫޒް ކަނޑުއޮޅި: ދުނިޔޭގެ ތެލުގެ އެންމެ މުހިންމު މަގު ހަނގުރާމައިގެ ބިރުވެރިކަމުގައި

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލާއި ގޭސް އުފުލާ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެ، ތެލުގެ އަގު އިންތިހާއަށް އުފުލި ދުނިޔޭގެ އިގްތިސާދަށް ނުރައްކާ ވެދާނެ ކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ. ހަފްތާ ބަންދަށްފަހު ސްޓޮކްމާކެޓް މިއަދު ހެނދުނު އަލުން ހުޅުވިފައިވާއިރު ސާފުނުކުރާ ތެލުގެ އަގު ވަނީ ވަރަށް މައްޗަށް އުފުލިފައެވެ. ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ދެފަރާތުންވެސް ނުގެންގުޅޭއިރު، ހަނގުރާމަ ދިގުލައިދާނަމަ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި އިގްތިސާދުތަކަށް އޭގެން ކުރާނެ އަސަރު ދެނެގަތުން ބުއްދިވެރިއެވެ.

ހޮރްމޫޒް ކަނޑުއޮޅި މުހިންމީ ކީއްވެ؟

ހޮރްމޫޒް ކަނޑުއޮޅީގެ ނަން ގިނަ ބަޔަކަށް އެނގުނު ނަމަވެސް، އެ ސަރަހައްދުގެ ހަގީގީ މުހިންމުކަން ވިސްނޭ މީހުން މަދެވެ. މިއީ ޕާޝިއަން ގަލްފާއި އަރަބި ކަނޑު ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އާއި 30 އިންސައްތައާ ދެމެދުގެ މިންވަރެއް ދައުރުވަނީ މި ކުޑަކުޑަ ކަނޑުއޮޅިންނެވެ. އެހެންކަމުން މި ސަރަހައްދުގައި ހިނގާ ކޮންމެ ހަމަނުޖެހުމެއްގެ އަސަރު މުޅި ދުނިޔެއަށް ކުރެއެވެ.

 

ހަމަނުޖެހުން ފެށުނު ގޮތް

މި ހަފުތާގެ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ހަލުވިކަމާއެކު އަވައްޓެރި ގިނަ ގައުމުތަކެއްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފައެވެ.

އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރީ އިސްރާއީލް، ގަތަރު، ޔޫއޭއީ، ކުވައިތު، ބަހުރައިން، އުރުދުން، ސައުދީ އަރަބިއްޔާ، އިރާގު އަދި އޮމާންގައި ހުރި ތަންތަނަށެވެ. މި ހަމަލާތަކުގައި އެމެރިކާގެ 3 ސިފައިން މަރުވެ، 5 ސިފައިންނަށް ބޮޑެތި ޒަޚަމްތައް ލިބުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މީގެ އިތުރުން އެމެރިކާއިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަވެފައެވެ.

 

ކަނޑުއޮޅި އޮންނަ ސަރަހައްދު

ހޮރްމޫޒް ކަނޑުއޮޅި އޮންނަނީ އީރާނާއި އޮމާން އަދި ޔޫއޭއީއާ ދެމެދުގައެވެ. އެންމެ ހަނި ހިސާބުގައި މި ކަނޑުއޮޅީގެ ފުޅާމިނަކީ އެންމެ 33 ކިލޯމީޓަރެވެ. ޝިޕިންގ ލޭންތައް އެއަށް ވުރެ ވެސް ހަންޏެވެ. ކޮންމެ ދިމާއަކަށް ބޭނުންކުރެވެނީ އެންމެ 3 ކިލޯމީޓަރު ފުޅާ މަގެކެވެ.

މި ހަނި ސަރަހައްދުން ދުވާލެއްގެ މައްޗަށް 20 މިލިއަން ބެރަލް ތެޔޮ ދައުރުވެއެވެ.

މި ކުޑަކުޑަ ސަރަހައްދު ހަމަލާތަކަށް ވަރަށް ބޮޑަށް ނާޒުކެވެ. ކޮންމެ ފަރާތަކުން ވެސް ފަސޭހައިން މި މަގު ބަންދުކޮށް ނުވަތަ އުޅަނދުތަކަށް ހަމަލާ ދެވިދާނެއެވެ.

 

ދައުރުވާ ތެލާއި ގޭހުގެ މިންވަރު

2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ކަނޑުއޮޅިން އަހަރެއްގެ މައްޗަށް 500 ބިލިއަން ޑޮލަރުގެ ހަކަތައިގެ ވިޔަފާރި ހިނގައެވެ. މި ކަނޑުއޮޅިން ދައުރުވާ ތެލުގެ ތެރޭގައި އީރާން، އިރާގު، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ސާފުނުކުރާ ތެޔޮ ހިމެނެއެވެ. ހަމައެއާއެކު ދުނިޔޭގެ އެލްއެންޖީ ޝިޕްމަންޓުގެ ގާތްގަނޑަކަށް 20 އިންސައްތަ ވެސް ދައުރުވަނީ މި ކަނޑުއޮޅިންނެވެ. އޭގެ ބޮޑު ބައެއް ފޮނުވަނީ ގަތަރުންނެވެ.

މި ތެލާއި ގޭހުގެ ބޮޑު ބައެއް ދަނީ އޭޝިއާގެ ބާޒާރުތަކަށެވެ. ސާފުނުކުރާ ތެލާއި "ކޮންޑެންސޭޓު"ގެ 84 އިންސައްތަ އަދި އެލްއެންޖީ (ގޭސް) ގެ 83 އިންސައްތަ އެކްސްޕޯޓުކުރަނީ އޭޝިއާއަށެވެ. 2024 ވަނަ އަހަރު ސާފުނުކުރާ ތެޔޮ ދައުރުވުމުގެ 69 އިންސައްތަ ހިއްސާކުރީ ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާގެ ބާޒާރުތަކެވެ.

 

މިހާރު ކުރިމަތިވެފައިވާ ހުރަސްތައް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ވީއެޗްއެފް (ހައި ފްރިކުއެންސީ ރޭޑިއޯ) މެދުވެރިކޮށް ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އުޅަނދުތަކަށް ސީދާ އިންޒާރު ދީފައެވެ.

"ހޮރްމޫޒް ކަނޑުއޮޅިން އެއްވެސް އުޅަނދެއް ދަތުރުކުރުން ހުއްދައެއް ނޫން" އިރާނުން ފޮނުވި އިންޒާރުގެ ރޭޑިއޯ މެސެޖުގައި ބުނެފައިވެއެވެ.

މި އިންޒާރު ލިބުނު ކަމަށް ޔޫރަޕިއަން ޔޫނިއަނުގެ އޮފިޝަލަކު ރިޕޯޓުކޮށްފައިވެއެވެ. އީރާނުން ރަސްމީކޮށް ކަނޑުއޮޅި ބަންދުކުރި ކަމަށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ތެޔޮޓޭންކަރު އޮޕަރޭޓްކުރާ ގިނަ ކުންފުނިތަކުން ވަނީ އަމިއްލައަށް ތެޔޮ ޝިޕްމަންޓުތައް ހުއްޓާލައިފައެވެ. ގްރީސް ފަދަ ގައުމުތަކުން ވެސް ވަނީ އެ ގައުމުގެ އުޅަނދުތައް އެ ކަނޑުއޮޅި މި ވަގުތަށް ބޭނުން ނުކުރުމަށް އިރުޝާދު ދީފައެވެ.

ދުނިޔޭގެ 20% ތެޔޮ އުފުލުމަށް ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި!
ދުނިޔެ 1 ދުވަސް ކުރިން

ދުނިޔޭގެ 20% ތެޔޮ އުފުލުމަށް ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި!

މި ހަމަނުޖެހުން ފެށުނު ފަހުން މަދުވެގެން 150 ޓޭންކަރު ވަނީ ގަލްފުގެ ކަނޑުގައި ނަގިލި ލައިގެން ދަތުރުނުކޮށް މަޑުކޮށްލާފައެވެ. މީގެ ތެރޭގައި ސާފުނުކުރާ ތެޔޮ ޓޭންކަރުތަކާއި "އެލްއެންޖީ" ޓޭންކަރުތައް ހިމެނެއެވެ. މި އުޅަނދުތައް އޮތީ އިރާގު، ސައުދީ އަރަބިއްޔާ އަދި ގަތަރު ސަރަހައްދުތައް ކައިރީގައެވެ.

މި ސަރަހައްދުން ދަތުރުކުރާ ބައެެއް އުޅަނދުތަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓުތައްވެސް ވަނީ މެދުއިރުމަތީގެ މީޑިއާތަކުންް ރިޕޯޓުކޮށްފައެވެ. މިގޮތުން އާދީއްތަ ދުވަހު އޮމާން އައްސޭރިފަށުގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފައިވެއެވެ. އަދި މީގެ އިތުރުން އޮމާންގެ "ކުމްޒާރު" ގެ އުތުރުން 2 ނޯޓިކަލް މޭލު ދުރުގައި ވެސް މިފަދަ ހާދިސާއެއް ހިނގި ކަމަށްވެއެވެ.

 

ތެލުގެ އަގަށާއި އިގްތިސާދަށް ކުރާ އަސަރު

ހޮރްމޫޒް ކަނޑުއޮޅި މުޅިން ބަންދުކޮށްފިނަމަ ދުނިޔޭގެ ވިޔަފާރީގައި ބޭނުންކުރެވޭ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ރޭގަނޑެއްގެ ތެރޭގައި މެދުކެނޑޭނެއެވެ. ކަނޑުމަގުނެ އުފުލާ ސާފުނުކުރާ ތެލުގެ 30 އިންސައްތަ, ޖެޓްފިއުލް 20 އިންސައްތަ އަދި ގޭހުގެ 16 އިންސައްތަ މެދުކެނޑޭނެއެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދީފައިވާ ގޮތުގައި ކަނޑުއޮޅި އެންމެ ރެއަކަށް ބަންދުކުރިޔަސް ހަމައެކަނި ބިރުވެރިކަމުގެ ސަބަބުން ވެސް ތެލުގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ދާނެއެވެ. މި ހާލަތު 2025 ވަނަ އަހަރުގެ ޖޫންމަހުގައި ހިނގާދިޔަ ހަމަނުޖެހުމަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ހަކަތައަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކުގެ އިގްތިސާދުތަކަށް މީގެ ބޮޑު އަސަރެއް ކުރާނެއެވެ. ޗައިނާ, އިންޑިއާ, ޖަޕާން އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކަކީ މި ކަނޑުއޮޅިން ދައުރުވާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކެވެ.

 

ކުރިއަށް ލަފާކުރެވެނީ ކޮން ގޮތެއް؟

މި ހާލަތު ކުރިއަށް ދާނެ ގޮތެއް ލަފާކުރަން އަދި ދަތިއެވެ. އީރާން, އެމެރިކާ އަދި އިޒްރޭލުގެ ދެމެދުގައި މަޝަރާތަކެއް ފެށިދާނެކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ. ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ދުނިޔޭގެ ތެލުގެ ސަޕްލައި ހުއްޓުމަކަށް އައިސް އަގުތައް ކޮންޓްރޯލުން ނެއްޓުން އެކަށީގެންވެއެވެ.

ކޮންމެ ގޮތެއް ވިޔަސް ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު މުޅި ދުނިޔެއިން ވަރަށް ގާތުން ބަލަމުންދާނެއެވެ. ސަބަބަކީ މި ކުޑަ ކަނޑު އޮޅީގެ ހާލަތާ ދުނިޔޭގެ އިގްތިސާދުގެ ބޮޑު އިނސައްތައަކާއި ގުޅިފައިވާތީއެވެ.

 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0