ވަކިވަކި ސަރަހައްދުގައި ވެސް ނެގޭ ގޮތަށް, ހިޔާލު ހޯދުމުގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުތައް ވަކި ސަރަހައްދުތަކެއްގައި ވެސް ނެގޭ ގޮތަށް ގެނައި އިސްލާހާއެކު, ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހަޅާފައިވާ މި ބިލު ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި އިސްލާހުތަކަކާއެކުގަ އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި އިތުރު ޖަލްސާއެއްގައި ބިލު ފާސްކުރިއިރު, މައިގަނޑު ބަދަލެއްގެ ގޮތުގައި ގެނެސްފައިވަނީ ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ގެނެސްފައިވާ ބަދަލެވެ.
ބިލުގައިވާ ގޮތުގައި މިފަދަ ވޯޓެއް ނަގާނީ ރައްޔިތުންނާ ގުޅޭ ގައުމީ މައްސަލައެއްގައި ރައްޔިތުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތެއްގަ އެވެ. އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި ވެސް، މި ގާނޫނާ ފުށޫނާރާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ފެނިއްޖެ ނަމަ އެ ވޯޓެއް ނަގަން ކަނޑައަޅާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ.
މިފަދަ ވޯޓެއް ނެގުމަށްފަހު, އިންތިހާބުގައި ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50އަށް ވުރެ ގިނަ ވޯޓު ލިބިއްޖެނަަމަ, އަގްލަބިއްޔަތުގެ ގޮތުގައި ބަލާނެ އެވެ.
މި ބިލު މަޖިލީހުގެ ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އިދިކޮޅު 12 މެންބަރަކު ވޯޓު ދެއްވި އެވެ.
ރިއެކްޓް



