މުޒާހަރާގައި ފުލުހުން އަނިޔާކުރި މައްސަލަ އެންއައިސީއަށް ހުށަހަޅައިފި

މީޑިއާ ކޮންޓްރޯލް ކުރުމަށް ފާސްކޮށްފައިވާ ބިލާ ދެކޮޅަށް އިއްޔެ މަޖިލިސް ދޮށުގައި ކުރި މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށް މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އެންއައިސީއަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
ނޫސްވެރިން އިސްވެ ތިބެ އިއްޔެ ބޭއްވި މުޒާހަރާގައި އިދިކޮޅު އެމްޑީޕީ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވި އެވެ.
ސުލްހަވެރިކަމާއެކު ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން އެކި ވަރުގެ ބާރުގެ ބޭނުން ކޮށްފައިވާއިރު, ގިނަ އަދަދެއްގެ ފުލުހުން ވެގެން ބައިވެރިން ދުރުކުރަން އުޅުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާ ލިބި ލޭއޮހޮރުވާފައިވެ އެވެ. ގައިގެ އެތަންމިތަން ނޫފައިގަނެ، ލޭކޮށާލައި، އަންނައުނު ވީދައިގެން ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
މި މައްސަލަ އެންއައިސީއަށް ހުށަހަޅާފައިވާ ކަން ހާމަކޮށް އެމްޑީޕީން ވަނީ މިފަދަ މައްސަލަތައް އަމިއްލައަށް އިސްނަގައިގެން އެ ކޮމިޝަނުން ނުބަލާތީ ކޮމިޝަނަށް ވެސް ފާޑުކިޔައިފަ އެވެ.
އެ ޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ގޮތަށް ހުށަހެޅޭ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމެވެ.
ރިއެކްޓް



