މެޑަމް ނަސްރީނާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތިކުރައްވާފައިވާ ކަމަށް މައުމޫންގެ އޮފީހުން މިރޭ ހާމަކުރައްވައިފިއެވެ.
މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މެޑަމް ނަސްރީނާއަށް އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯއްދަވާތާ މިހާރު ހަފުތާއެއް ވެފައިވާ ކަމަށެވެ. އަދި މިވަގުތު އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ދައްކަވަމުން ގެންދަވާ އަޅާލުމާއި އޯގާތެރިކަން، މައުމޫންގެ އޮފީހުގެ ބަޔާނުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ހިމެނެއެވެ.
މެޑަމް ނަސްރީނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުންގެ އިތުރުން، ރާއްޖޭގެ ކުރީގެ ފަސްޓް ލޭޑީއެއްގެ ގޮތުގައިވެސް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭކަނބަލެކެވެ.
ރިއެކްޓް



