ޕްރެޝަރު ބޮޑުވެ, މީޑިއާ ބިލަށް އޭޖީގެ އިސްލާހުތަކެއް

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަަޅާފައިވާ ބިލަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
މީޑިއާގެ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އަމިއްލަ މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އޭނާ ހުށަހެޅުއްވި ނަމަވެސް, އެ ބިލަށް ސަރުކާރު ޕާޓީގެ މެންބަރުން އޮތީ ތާއީދުކޮށްފަ އެވެ,
މީގެ ކުރިން ބިލު ދިފާއުކޮށް ވާހަކަ ދެއްކެވުމަށް ފަހު, އެޓާނީ ޖެނެރަލްގެ އޮފީހުން މި ބިލަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަން ހާމަކުރައްވާ އޭޖީ އަހުމަދު އުޝާމް ވިދާޅުވީ, ބިލުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަނުން މީޑިއާއެއްގެ މައްސަލަ ބަލައި ނިމެންދެން އެ މީޑިއާއެއް ހުއްޓުވުމުގެ ބާރު ނޯންނަ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބިލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:
- ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުން
- ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އަޅާ ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުން އުނިކުރުން
- ކޮމިޝަންގެ މެންބަރން ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސްގެ ބާރެއް ނޯންނަ ގޮތަށް ބަދަލުކުރުން
- ކޮމިޝަނުގެ މެންބަރެއްގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެ ނަމަ އެ މެންބަރު ވަކިކުރުމުގެ ބާރު އޭނާ އިންތިހާބުކުރާ ފަރާތަށް ދޭން އިތުރުކުރުން
- މީޑިއާ ކޮމިޝަނަށް ދައުލަތުން ބަޖެޓު ހަމަޖެއްސުމަށް ހިމެނުން
- ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ހިޔާލުތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކުރުން
މީޑިއާ ރެގިއުލޭޓުކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ބިލުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ނޫސްވެރިން ގެންދަނީ އެކަމާ ދެކޮޅަށް ސިލްސިލާ ކޮށް އަޑުއުފުލަމުންނެވެ.
ބިލާ މެދު ހިޔާލުހޯދުމަށް މީޑިއާތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވި 22 މީޑިއާގެ ތެރެއިން 21 މީޑިއާއިން ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ އިތުރުން މީޑިއާ ރެގިއުލޭޓަރީ ބޮޑީތައް ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް, ބިލު ފާސްނުކުރަން ގޮވާލައިފަ އެވެ.
ނޫސްވެރިންގެ ޑިމާންޑަކީ އެއްވެސް އިސްލާހެއް ގެނައުމެއްނެތި މި ބިލު މަޖިލީހުން ބޭރުކޮށްލުމެވެ.
ރިއެކްޓް



