ނޫސްވެރިންނާ ދެކޮޅަށް އުފެއްދި ނަފްރަތާއެކު އެމްޖޭއޭގެ ރައީސަށް އިންޒާރުދީފި

ރައީސް އޮފީސް ކައިރިން ނޫސްވެރިން ރައީސް މުޢިއްޒާއި ސުވާލުކުރަން އުޅުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ގުޅުވައި ނޫސްވެރިންނާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަލީ ރިފްޝާނަށް ސޯޝަލްމީޑިއާ މެދުވެރިކޮށް މީހަކު އިންޒާރު ދީފިއެވެ.
ކާކުކަން ނޭނގޭ ގޮތަށް "ފޭކު" އެކައުންޓަކުން ރިފްޝާނަށް އިންޒާރު ދިނުމަށްފަހު އެ އެކައުންޓް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.
ރިފްޝާނަށް އިންޒާރު ދެމުން އެމީހާ ބުނެފައިވަނީ އޭނާއަކީ ރައީސް މުޢިއްޒުގެ ސަޕޯޓަރެއް ކަމަށާއި މިއީ "ދިވެހިންގެ ރާއްޖެ" ކަަމަށާއި ހަދާނީ ބޭނުން ގޮތެއް ކަމަށެވެ.
"ތި ފާޑަށް ނޫޅުއްވާ. ތިބޭފުޅާގެ ކުދިންކޮޅު ލައްވާ އަހަރުމެންގެ ރައީސްގެ ފަހަތުން ދުވަން ނަހަދާ. ރައީސްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލެވޭނެ. ތިބޭފުޅާއަށް ދެން މަންޒަރު ފެންނާނީ ބިލަށްވުރެ ގޯސްކޮށް. އަހަރުމެންގެ ރައީސްގެ ސަޕޯޓަރުން ދެން ދުވާނީ ތިބޭފުޅާގެ ފަހަތުން. ދެން ޖެހޭނީ ހިތާމަކުރަން. އަވަހަށް މަގާމުން އިސްތިއުފާ ދެއްވާ. މިއީ ދިވެހިންގެ ރާއްޖެ، ހަދާނީ އަހަރުމެން ބޭނުން ގޮތަށް. ބިލް ވެސް އޮތް ގޮތަށް ފާސްކޮށްލާނީ. ކޮންޓްރޯލް ކުރާނެ. ތިބޭފުޅާއަށް އޮތް ގޮތް ވަރަށް އަވަހަށް ފެންނާނެ." ރިފްޝާނަށް އިންޒާރުދިން މެސެޖުގައި ބުނެފައިވެއެވެ.
"ވިރާސީ" އަށް މަޢުލޫމާތުދެމުން ރިފްޝާން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާއި މައްސަލަ ބަލާނެކަމަށް ފުލުުހުން ބުނެފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ރައީސް އޮފީހުން ނުކުމެވަޑައިގެން އިހުތިޖާޖުގައި ތިބި ނޫސްވެރިންގެ ކައިރިން ހިންގަވާފައި މުލިއާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ވަނީ މީޑިއާ ކޮންޓްރޯލް ބިލާ ބެހޭ ގޮތުން އެމަނިކުފާނާއި ސުވާލުކޮށްފައެވެ. ރައީސްއާއި ސުވާލުކުރަމުން ނޫސްވެރިން ދިޔަ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ހިއްސާކޮށް ސަރުކާރަށް ތާއީދުކޮށް ޕްރޮމޯޓްކުރާ އެކައުންޓްތަކުން ވަނީ ނޫސްވެރިންނަކީ އަޚުލާގެއް ނެތް ބައެއް ކަމަށް ސިފަކޮށް ކަން ހިނހި ގޮތް އޮޅުވާލައިގެން ވާހަކަދައްކާފައެވެ.
ރިއެކްޓް



