ޚަބަރު

ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތް ކުޑަކުރަނީ

ސެޕްޓެމްބަރު 10, 2025 - 21:21
ސެޕްޓެމްބަރު 10, 2025 - 21:24
 0
ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތް ކުޑަކުރަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވިރާސާ

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރުމަށް ޤާނޫނަށް އިސްލާހު ގެންނަވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް" ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ރައީސްގެ ޕޯސްޓުގައި ހާމަކުރެއްވިއެވެ. މީގެ ތެރޭގައި، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއަކަށް އަންނަ ފަރާތްތަކުގެ ޕެންޝަން އިނާޔަތް، ވަޒީފާގައި ދެމިހުންނަ މުއްދަތުގައި މެދުކަނޑާލެވޭނެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތަކުގެ ތަފްސީލު ޢާއްމުވުމުން ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ޢާއްމުވި ހިސާބުތަކުން ދައްކާގޮތުގައި ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެއެވެ.

މި އިސްލާހުތައް މަޖިލީހަށް ހުށަހެޅޭނެ ސީދާ ތާރީހެއް އަދި ހާމަކުރައްވާފައި ނުވި ނަމަވެސް، މި ބަދަލުތައް ގެނައުމަށް ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0