ޚަބަރު

ޝަރުއީ ދާއިރާ އަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ

ސެޕްޓެމްބަރު 11, 2025 - 10:27
 0
ޝަރުއީ ދާއިރާ އަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ

ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިހާރު ދޭ ވަރަށް ވުރެން އިތުރަށް, ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ނިންމަވައިފިއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އެކަމަށް މަގުފަހި ކުރުމަށް ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރެއްވުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ފައިސާ ޚަރަދު ކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ބޭފުޅަކު، ސަރުކާރުގެ މަގާމެއްގައި ހުރެއްޖެ ނަމަ، މަގާމުން ވަކި ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ އެ ބޭފުޅުން ޤާނޫނު އަސާސީއަށް ގެނައި އިސްލާހެއްގެ މައްސަލަ ބަލަން ނިންމި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ބައެއް ފަނޑިޔާރުން ވަކިކޮށް, ބެންޗު ބަަދަލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0