ޝަރުތު ކުރުމަށްފަހު ކޯޓުން ހުސައިން ދޫކޮށްލައިފި

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލައިފިއެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގެ ސީން ތެރެއަށް ވަދެ ފޮޓޯނަގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހުސައިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔައީ މިއަދުއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ހުސައިން މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތަކީ ފުލުހުންގެ ތަހުޤީޤަށް އެއްބާަރުލުން ދިނުމެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ "ހުސައިން ހަސަން ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަން އެއް ކުރިއަަށް ދުޔަ ސީންއެއްގެ ތެރެއަށް ވަދެ, ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ މަަސައްކަތަށް ދަތިނުވާނެ ގޮތަކަށް ޢަމަލުކުރުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް, ފުލުހުންގެ އެންގުމާއި ޚިލާފަށް ސީން ތެރެއަށް ވަދެ, އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި" ކަމަށެވެ.
ކުރީގައި ނޫސްވެރިކަމުގެ ދާއިރާއިން ފެނުނު ހުސައިން ހަސަނަކީ މިހާރު އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރިއެކްޓް



