މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ.
ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި ގޮތުގައި، ކޮމިޓީ ސިއްރުކުރަން ނިންމާފައިވަނީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެތީއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވެއެވެ.
މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ދައުރުން ބޭރު ޖަލްސާއެއްގައި މަޖިލީހުން ވަނީ މި ބިލު ބަލައިގަނެފައެވެ.
ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ހަމަޖެހިފައިވާ ބައްދަލުވުންތައް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބިލު ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލުން ވަނީ ބިލާ ދެކޮޅު ހަދާފައެވެ. އަދި މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 22 ނޫސްވެރިންގެ ތެރެއިން 21 ނޫސްވެރިން ވަނީ ބިލު ބޭރުކުރުމަށް އެދިފައެވެ. ކޮމިޓީން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ. އަދި އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.
ރިއެކްޓް



