ހަނިފަރަށް ޑައިވިނަށް ދާ ފަރާތްތަކަށް ދޮންފަނު ދޯނިތަކުން ހުރަސް އަޅަނީ

ބ. ދޮންފަނު މަސްދޯނިތަކުން ހަނިފަރު ސަރަހައްދަށް ޑައިވިންގއަށް ދިޔަ ފަރާތްތަކަށް ބިރުދައްކައި ހުރަސްއަޅަން ފަށައިފިއެވެ.
މި މައްސަލައިގެ ވީޑިއޯއެއް އާންމުވެ، އޭގައި ފެންނަނީ ދޮންފަނު މަސްދޯނިތަކުން އެ ސަރަހައްދުން ދުރަށް ދިއުމަށް ޑައިވަރުންނަށް އަންގަމުންދާ މަންޒަރެވެ.
މި ހާދިސާގައި މަސްދޯނީގައި "ބިންހިއްކުން އަވަސްކުރޭ" ޖަހާފައިވާ ޕޯސްޓަރުތަކެއް ހަރުކޮށްފައިވާއިރު، އަޑުގަދަކުރާ މެދުވެރިކޮށް ހަނިފަރު ސަރަހައްދުގައި ޑައިވްކުރުމަކީ މަނާކަމެއްކަމަށް އިއުލާންކުރަމުން ގެންދިޔައެވެ.
މި މައްސަލައިގެ ފަހަތުގައިވަނީ ދޮންފަނު ބިންހިއްކުމުގެ މަޝްރޫއު ހުއްޓާލުމާ ގުޅިގެން އުފެދިފައިވާ ހަލަބޮލިކަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ 13.59 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ އިއުތިރާޒާ ގުޅިގެން މި މަޝްރޫއު ވަނީ ހުއްޓާލާފައެވެ.
މި ނިންމުމާ ދެކޮޅަށް ދޮންފަނު ކައުންސިލުން ވަނީ ރަށުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި މުޒާހަރާކުރުމަށް ނިންމައި، އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން މަނާކޮށްފައެވެ. ނަމަވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކައުންސިލުގެ އެ ނޫސްބަޔާނަކީ ބާތިލު އެންގުމެއް ކަމަށް ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅަމުންދާއިރު، ހަނިފަރު ސަރަހައްދުގައި ޑައިވްކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ރިއެކްޓް



