ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖެއިން ކާމިޔާބު ކޮށްފި

ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެވަނަ މެޗުން 1-1 އިން ލަންކާ އާއި އެއްވަރުކޮށް 4-1 ގެ އެގްރިގޭޓުން މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި އެވެ.
ލަންކާގެ ކޮލޮމްބޯގައި ކުޅުނު މި މެޗުގައިި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް ފާ ޕޯސްޓުގައި ހުރި އިބްރާހިމް ހަސަން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލުމުން ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗައް ވެއްޓުނު ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިން ދާދު މި މުބާރާތުގައި އޭނަގެ ދެވަނަ ގޯލު ކާމިޔާބު ކުރި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލަންކާ އަދި ރާއްޖެއަށްވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފަ އެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ރާއްޖެ ޓީމުގެ މެދަށް ކުޅޭ އައިހަމް އަށް ލިބުނު ފުރުސަތުގައި ތިރިތިރިން ފޮނުވާލި ބޯޅަ ދިފާއު ކުރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އެވެ. 19 ވަނަ މިނެޓުގައި ލަންކާ ޓީމުގެ ފޯވަޑް ރާއްޖޭގެ ޑިފެންޑަރު އިރުފާން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފު ރާއްޖެއިން ގޯލު ޖެހުމުން ލަންކާއިން ވަނީ ވަރަށް ބޮޑަށް ގޯލު ޖެހުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގައި ލަންކާގެ ފޯވަޑް އޮލިވާ ކެލާޓް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރާއްޖޭ ގޯލު ކުރިމައްޗަށް ހުހަށް ވެއްޓުނު ބޯޅަ ކެލާޓް އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ދެ ޓީމު ބައިވެރިވި މި މުބާރާތް ރާއްޖެއިން ކާމިޔާބު ކުރުމަކީ މަރުވެފައި އޮތް ފުޓުބޯޅައަށް ދިރުން ގެނުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހުން ރާއްޖެއަށް އަދި އެއްވެސް މުބާރާތެއްގެ ފައިނަލާއި ހަމައަށްވެސް ދަތުރު ނުކުރެވެ އެވެ.
ރިއެކްޓް



