އަންމަޑޭ ރައުންޑް 3 އަށް، ހޫބްސް އަދި ސްމައިލީ ރައުންޑް 2 އަށް

އިންޑިއާގެ ތަމިލް ނާޑޫ ގައި ކުރިޔަށްދާ އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަހުމަދު އާގިލް (އަންމަޑޭ) ރައުންޑް 3 އަށް، ހޫދު އަހުމަދު (ހޫބްސް) އަދި އިސްމާއިލް ރަޝީދު (ސްމައިލީ) ރައުންޑް 2 އަށް ގޮއްސި އެވެ.
އިއްޔެ އޮތް މުބާރާތުގެ އޯޕެން މެންސްގެ ފުރަތަމަ ރައުންޑްގެ ދެވަނަ ހީޓުގައި ސްމައިލީ ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 7.50 ގެ ސްކޯއެއް ހޯދާ ހީޓުގެ ދެވަނަ ހޯދާފަ އެވެ. ހީޓުގެ އެއް ވަނަ ހޯދީ މެލޭޝިއާގެ ސާފަރު ލޫކަސް ސެންޓިއާގޯ އެވެ. ރައުންޑް 1 ގެ 6 ވަނަ ހީޓުގައި ހޫބްސް ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 6.56 ގެ ސްކޯއެއް ހޯދާ ހީޓުގެ ދެވަނަ ހޯދާފަ އެވެ. 9.60 ގެ ސްކޯއަކުން މި ހީޓުގެ އެއްވަނަ ހޯދީ ކޮރެއާގެ ޖަންގް އުއިޖޮންގް އެވެ.
މުބާރާތުގެ ރައުންޑް 3 ގެ ސީދާ ޖާގައެއް ހޯދި އަންމަޑޭ ވާދަކުރީ ރައުންޑް 1 ގެ ހީޓު 11 ގަ އެވެ. މި ހީޓުގެ އެއްވަނަ އަންމަޑޭ ހޯދީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 7.67 ގެ ސްކޯއެއް ހޯދައިގެންނެވެ.
ރާޅުތަށް ކުޑަވުމުގެ ސަބަބުން ދިވެހި ސާފަރުންނަށް ސްޕީޑް ޖެނެރޭޓްކުރަން އުނދަގޫތަކާއި ދިމާވި ނަމަވެސް ސާފަރުން ދިޔައީ ޖުމްލަގޮތެއްގައި ރަނގަޅު ސްކޯތައް ހޯދަމުންނެވެ.
މުބާރާތުގައި މިއަދު އޯޕެން ވިމެންސް ހީޓުތައް ކުރިޔަށްދާނެ އެވެ. އަދި މާދަމާ ޖޫނިއާ މެންސްގެ ހީޓުތައް ކުރިޔައްދާނެ އެވެ.
ރިއެކްޓް



