ކުޅިވަރު

ލަންކާ ބަލިކޮށް މޯހަންއާއި އެކު ގައުމީ ޓީމަށް ފުރަތަމަ މޮޅު

ސެޕްޓެމްބަރު 6, 2025 - 19:08
ސެޕްޓެމްބަރު 6, 2025 - 19:09
 0
ލަންކާ ބަލިކޮށް މޯހަންއާއި އެކު ގައުމީ ޓީމަށް ފުރަތަމަ މޮޅު

ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުން ލަންކާ ބަލިކޮށް ރާއްޖެއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ. ގައުމީ ޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.

ޖޫން މަހު ޓިމޯ ލެސްޓޭ އަތުން ބަލިވުމަށްފަހު ޓީމަށް ބަދަލު ގެނެސް އައު ކޯޗާއި އެކު ކުޅުނު މި މެޗުގެ ލީޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރާއްޖެ އަށް ހޯދައިދިނީ ހަސަން ނާއިޒް (ދާދު) އެވެ. ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި ދާދު މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައްގެންނެވެ، 

މެޗުގެ ދެވަނަ ގޯލު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ހަސަން (ފޭދޫ އިއްބެ) އެވެ. ލަންކާގެ މުޅި ޑިފެންސްލައިން ފޫއަޅުވާލާ ހަމްޒާ މުހައްމަދު (ހަމްޕު) ދާދު އަށް ދިން ބޯޅަ ގޯލު ކުރިމަތިން ފޭދޫ އިއްބެ އަށް ޖައްސާލުމުން އިއްބެ ބޯޅަ ފޮނުވާލީ ހުހަށް އޮތް ގޯލަށެވެ. 

ފުރަތަމަ ހާފުގައި ރާއްޖެއިން މޮޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ލަންކާއިން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖެ ޓީމަށް ނުރައްކާ ކޮށްފަ އެވެ. އެ ގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ރާއްޖޭގެ ޕެނެލްޓީ އޭރިއާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލަންކާއަށް ވަނީ ޕެނެލްޓީއެއް ލިބިފަ އެވެ. ނަމަވެސް ލަންކާ ޓީމުގެ ޑުރާންރް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ރާއްޖޭގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވަށް އިލާން ފަހިކޮށްދިން ފުރުސަތަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މެދުރޮނގާއި ހިސާބުން އިލާން ބޯޅަ ހޯދައިން އޭރިއާ ތެރެއިން ސެންޓޭއަށް ޖައްސާލި ބޯޅަ ސެންޓޭ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

މި މުބާރާތުގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހު 9 ވަނަ ދުވަހު އެވެ. ދެ ލެގު ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ރާއްޖެއަށް ފުރުސަތު ބޮޑެވެ.

މިއީ ރާއްޖެއިން ލަންކާ ބަލިކުރި 10 ވަނަ ފަހަރެވެ. އެންމެ ފަހުން ލަންކާއިން ރާއްޖެ ބަލިކޮށްފައި ވަނީ 2002 ވަނަ އަހަރުގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0