އަހަރެއް ފަހުން ކުޅުނު ރަސްމީ މެޗުން މާޒިޔާ އަށް ނާކާމިޔާބު

އަހަރެއް ފަހުން ކުޅުނު ރަސްމީ މެޗުގައި ކުވޭތުގެ އަލް އަރާބީ އަތުން ބަލިވެ މާޒިޔާ އަށް އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާގެ މައްޗަށް އަލް އަރާބީ އިން ކުރި ހޯދީ 0-4 ގެ ނަތީޖާ އަކުންނެވެ. މިދިޔަ އަހަރު މި ދެ ޓީމު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުންވެސް އަލް އަރާބީ އިން ވަނީ ކުވޭތުގައި މާޒިޔާ 0-2 އިން ބަލި ކޮށްފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އަލް އަރާބީ އިން ވަނީ ފުރަތަމަ ހާފުގައި 2 ލަނޑުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 3 ވަނަ މިނެޓުގައި އެ ޓީމުގެ އަންޔޯ އިވުއާލާ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމުގެ 2 ވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން ނަގޯއީ އެވެ.
މި ނަތީޖާއާއި އެކު ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެ އެޓޭކުތަކެއް އުފައްދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި އަލް އަރާބީގެ ފޯވާޑް ކްރިސްޓަފާ ޕޮއޭވީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލައް ވަދެ އެ ޓީމުން 3 ވަނަ ލަނޑު ކާމިޔާބުކުރި އެވެ. މި ހާފުގައި މާޒިޔާ އިން އަލް އަރާބީގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރީ އެ ޓީމުގެ ގޯލްކީޕަރެވެ. މެޗުގެ 87 ވަނަ މިނެޓުގައި އަލް އަރާބީގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް އަލްޝަމާރީ އެވެ.
މާޒިޔާގެ ކޯޗު މެޗު ނިންމާފަ ދިން އިންޓަވިއުއެއްގައި ބުނީ ހީކުރި ވަރަށް ވުރެ އަވަހައް ބައިކޮޅަށް ދެ ލަނޑު ވަދެއްޖެކަމަށާއި އަދި އޭގެ ސަބަބުން ރަނގަޅު ކުޅުމެއް ކުޅެން އުނދަގޫވިކަމަށެވެ.
ރިއެކްޓް



