ގައުމީ ބާސްކެޓް ޓީމުގެ ކުރީގެ ކެޕްޓަން ރިޝްމާ ކޯޗިން އަށް

ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ބާސްކެޓް ކުޅުންތެރިޔާ އަދި ގައުމީ އަންހެން ބާސްކެްޓް ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ރިޝްމާ ކޯޗިންގް ދާއިރާ އަށް ނިކުމެއްޖެ އެވެ.
މިއަދު ފަށާ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި މިސްޓިކްސް ބީސީ ގެ އެސިސްޓެންޓް ކޯޗަކީ ރިޝްމާ އެވެ.
ރިޝްމާ 'ވިރާސީ' އާއި ވާހަކަ ދައްކަމުން ބުނީ ކޯޗިންގް ދާއިރާއަށް ނިކުތީ އަމިއްލަ ތަޖުރިބާގެ އަލީގައި އަރަމުން އަންނަ ޒުވާން ކުދިންނަށް ކިޔައިދީ، ޓްރެއިންކޮށް އަދި އެ ކުދިންގެ ކުރިއެރުމަށް މަސައްކަތްކޮށް ދިނުމަށްކަމަށެވެ. އަދި ރިޓަޔާކުރިޔަސް ބާސްކެޓެބޯޅައިގެ ތެރޭގައި ހުރެ މި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނެކަންވެސް ރިޝްމާ ފާހަގަ ކުރި އެވެ.
ރިޝްމާގެ 22 އަހަރުގެ ދިގު ކެރިއަރު ނިންމާލީ މިދިޔަ އަހަރު މާލޭގައި އޮތް އެމްބީއޭ ސުޕަ ކަޕް އަށް ފަހު އެވެ. ގައުމީ އަންހެން ބާސްކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ރިޝްމާގެ އެންމެ ފަހު މުބާރާތުގެ ވެސް ފައިނަލްސް އެމްވީޕީ ހޯދާފަ އެވެ. އަދި ރިޝްމާ ވަނީ ގައުމީ ޓީމަށް 2 މެޑަލް އަދި ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ދާއިރާއިން ގައުމީ އިނާމުވެސް ހޯދާފަ އެވެ. ރިޝްމާ އެންމެ ފަހުން ކުޅެފައިވަނީ ކުއީންސް ބީސީ އަށެވެ.
ރިއެކްޓް



