ކުޅިވަރު

ޖޫނިއާ 2 އެތްލީޓުން ކެޓުމުން ރާއްޖެއަށް މުބާރާތް ނިމިއްޖެ

އޮގަސްޓް 9, 2025 - 14:22
 0
ޖޫނިއާ 2 އެތްލީޓުން ކެޓުމުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ކުއާޓާ ފައިނަލް ހީޓު ނިންމާލުމަށްފަހު ކައި ޓީމާއި އެކު. ފޮޓޯ: ސިޑިބަރި

އިންޑިއާގެ ތަމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޖޫނިއާ ދެ އެތްލީޓުން ކަމުގައިވާ ޔަސިން ނާޝިދު (ޔައްތި) އަދި ޔޫސުފް ކަޔާން (ކައި) ހަމްދާން ޒަކީ ކުއާޓާ ފައިނަލް ހީޓުން ބަލިވުމުން، ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ. 

މިއަދު ކުރިއަށްދިޔަ ޖޫނިއާ މެންސްގެ ކުއާާޓާ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަކޮށް ކައި އަށް ލިބުނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 8.23 ގެ ސްކޯއެކެވެ. މި ހީޓުން ކައި ދިޔައީ ހަތަރުވަނަ އަށެވެ. ހީޓުގެ އެއްވަނަ ހޯދި ޗައިނީސް ޓައިޕޭގެ ޝިއާ ޝީޔޫ އަށް 13.40ގެ ސްކޯއެއް ވަނީ ލިބިފަ އެވެ.

ކުއާާޓާ ފައިނަލްގެ ތިންވަނަ ހީޓުގައި ވާދަކޮށް ޔައްތި ދިޔައީ ހީޓުގެ ތިންވަނަ އަށެވެ. މި ހީޓުގައި ޔައްތި ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 7.43 ގެ ސްކޯއެއް ހޯދާފަ އެވެ. އެއްވަނައަށް ދިޔަ ކޮރެއާގެ ކަނޯއާއަށް ވަނީ 14.33 ގެ ސްކޯއެއް ލިބިފަ އެވެ. އަދި ކަނޯއާ ވަނީ އޯޕެން މެންސް ބައިގެ ފައިނަލުގެ ޖާގައެއްވެސް ހޯދާފަ އެވެ.

މި މުބާރާތުގެ ރަސްމީ ބައިތަށް ރާއްޖެއަށް ނިމުނުކަމުގައި ވިޔަސް ރާއްޖެ ވަނީ އަލޯހާ ކަޕަށް ކޮލިފައިވެފަ އެވެ. އަލޯހާ ކަޕް އޮންނަ ތާރީހެއް އަދި ޔަގީނެއް ނޫނެވެ. އަލޯހާ ކަޕަކީ ރޭންކިންގް ގެ އެންމެ ކުރީގައި އޮންނަ 6 ގައުމުގެ މެދުގައި ބާއްވާ އެކުވެރިކަމުގެ މުބާރާތެކެވެ. މި މުބާރާތުގެ ނަތީޖާއަކުން ރޭންކިންގްއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

މިދިޔަ ދެ އަހަރު ރާއްޖޭގައި އޮތް މި މުބާރާތުގައި ރާއްޖެ ޓީމު ވަނީ ލޯ މެޑަލް ހޯދާފަ އެވެ. 2023 ވަނަ އަހަރު ރާއްޖެ ޓީމުގެ މިހާރުގެ ކޯޗް އިބްރާހިމް އަރީފް (އިބޫ) ވެސް ވަނީ އޯޕެން މެންސްގެ ބައިން ލޯ މެޑަލް ހޯދާފަ އެވެ. މި އަހަރަކީ އޭޝިއަން ޗެމްޕިއަންޝިޕްގެ މެޑަލަކާއި ނުލާ ރާއްޖެއިން މުބާރާތް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0