ގައުމީ އެތްލެޓިކްސް މުބާރާތް: އެންމެ މޮޅު ދެ އެތްލީޓުންނަށް ޝަމްއޫނާއި ޝައިމް

34 ވަނަ ގައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު ދެ އެތްލީޓުގެ މަގާމް ހަސަން ޝަމްއޫން އަދި އައިޝަތު ޝައިމް އަޒީޒް ހޯދައިފި އެވެ. މި މަހު 13 އިން 16 އަށް މާލޭ ސިންތެޓިކު ޓްރެކުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 204 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ.
މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތްލީޓުގެ މަގާމު ހޯދި ހަސަން ޝަމްއޫން ވަނީ މި އަހަރު މުބާރާތުގައި ޝޮޓް ޕުޓް އަދު ޑިސްކަސް އުކުމުގެ ބައިން ގޯލްޑް މެޑަލް ހޯދާފަ އެވެ. މިދިޔަ 20 ވަރަކަށް އަހަރުތެރޭ ޝަމްއޫން ދަނީ ކޮންމެ މުބާރާތަކުންވެސް ޝޮޓްޕުޓް އަދި ޖެވެލިން އުކުމުގެ ބައިން ގިނަ މެޑަލްތަކެއް ހޯދާފަ އެވެ. ޝޮޓްޕުޓް އުކުމާއި ޑިިސްކަސް އުކުމުގެ ގައުމީ ރިކޯޑު ވެސް އޮތީ ދިވެހި ސިފައިންގެ ކްލަބުގެ އެތްލީޓު ޝަމްއޫން އަތުގަ އެވެ.
އަންހެން އެންމެ މޮޅު އެތްލީޓުގެ މަގާމް ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ޝައިމް ވަނީ ތިން ރަން މެޑަލާއި ގައުމީ ރިކޯޑަކާއި މީޓް ރިކޯޑެއް ހަދާފަ އެވެ. އަންހެން ޖެވެލިން އުކުމާއި ހައި ޖަމްޕް އަދި ލޯންގް ޖަމްޕް ބައިގެ ރަން މެޑަލް ހޯދާފައިވަނީ ޝައިމް އެވެ. އޭގެތެރެއިން ލޯންގ ޖަމްޕްގެ ގައުމީ ރިކޯޑު ޝައިމް އައު ކޮށްފައިވަނީ އަމިއްލަ ރިކޯޑު ބްރޭކް ކޮށް 5.24 އަށް ފުންމައިގެންނެވެ.
މި މުބާރާތުގައި އައިޝަތު ޝާޔާ ޝަފީއު ވަނީ އަންހެން ޝޮޓްޕުޓް އުކުމުގެ ގައުމީ ރިކޯޑުވެސް އައު ކޮށްފަ އެވެ. ކުރިންވެސް ޝާޔާ އަތުގައި އޮތް މި ރިކޯޑު އޭނާ އައު ކުރީ 9.80 މީޓަރަށް އުކައިގެންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ޓީމުގެ މަގާމު ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.
ރިއެކްޓް



