އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރަށްރަށަށް ހުޅުވާލައިފި

ބަދަލުވެފައިވާ ފުޓުބޯޅަ އޮނިގަނޑުގެ ދަށުން އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ރަށް ރަށުގެ ކްލަބްތަށް ކޮލިފައިވުމުގެ މަގުފަހިކޮށްދޭ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ފަށާ މި މުބާރާތަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ރަށް ރަށުގެ ކްލަބްތަކުން އެންމެ ފުރަތަމަ ކުޅެންޖެހޭ މުބާރާތެވެ. އެފްއޭއެމް އިން ހަތަރު ރީޖަނަކަށް ރާއްޖެ ބާހާލައިފައިވާއިރު ރީޖަނަލް މުބާރާތަށް ކޮލިފައިވުމަށް އެ ރީޖަނެއްގައި ހިމެނޭ އަތޮޅުތަކުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަނުން އަދި ރަނާއަޕް ޓީމު ކޮލިފައިވާނީ ސަބް ޒޯނަށެވެ. ސަބް ޒޯނުގެ ޗެމްޕިއަނުން އަދި ރަނާއަޕް ރީޖަނަލް ލީގަށް ކޮލިފައިވާނެ އެވެ. ރީޖަނަލް ލީގުގެ ޗެމްޕިއަން އަދި ރަނާއަޕް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ކުޅޭނެ އެވެ.
މާލޭ ރީޖަން ފިޔަވައި އެހެން ހުރިހާ ރީޖަނެއްގެ އަތޮޅު މުބާރާތް އޮންނާނެ އެވެ. އަދި ކޮންމެ ރީޖަނެއްގައި ދެ ސަބްޒޯނު އޮންނާނެ އެވެ.
އެޓޯލް ޗެމްޕިއަންޝިޕް ކުޅޭނީ ސެންޓްރަލައިސްޑް ނުވަތަ ދެ ރަށެއް އެއްކޮށް މުބާރާތް ހޯސްޓް ކުރާ ގޮތަށެވެ. ނަމަވެސް ރީޖަނަލް މުބާރާތް ކުޅޭނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ރީޖަން ތަކުގައި ކޮލިފައިން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ތާރީހު ތަކަކީ:
- ނޯތު ރީޖަން - އޮކްޓޫބަރ 1 އިން ނޮވެމްބަރު 30 އަށް
- ސެންޓްރަލް ރިޖަން - ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް
- ސައުތް ރީޖަން - ޑިސެމްބަރު 1 އިން ފެބްރުވަރީ 15 އަށް
އެފްއޭއެމް އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 1 ވަނަ ދުވަހަށް ހަމަވާނެ އެވެ. ބައިވެރިވާން އެދޭ ފޯމު ހުށަހަޅަންޖެހޭނީ league@famaldives.com އަށެވެ.
ރިއެކްޓް



